ޚަބަރު

އަސްކަރިއްޔާގައި އަންހެން ސިފައިން ގިނަކުރަން މަސައްކަތްކުރަން ޖެހޭ: މާރިޔާ


ދިވެހި އަސްކަރިއްޔާގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެން ސިފައިން ގިނަ ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އަސްކަރިއްޔާގެ އެކި މަގާމުތަކުގައި މިހާރު ވެސް އަންހެން ސިފައިން އެބަތިބި ކަމަށެވެ. އެހެންނަމަވެސް އަސްކަރިއްޔާއަށް ބަލާއިރު، އަންހެން ސިފައިގެން އަދަދު އަދިވެސް މަދުކަން ފާހަގަކުރައްވާ ވިދާޅުވީ މިޙާލަތު ބަދަލުކުރުމަށް ކުރިމަގުގައި ރޭވުންތެރި މަސައްކަތްތަކެއް އަސްކަރިއްޔާއިން ކުރަންޖެހޭ ކަމަށެވެ. އަދި، އަސްކަރިއްޔާއާއި ގުޅުމަށް ދިވެހި ކަނބަލުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އަސްކަރިއްޔާއެއް ވުޖޫދުކޮށް ގާބިލްކަން ހޯދާދީ ދަމަހައްޓަނީ ގައުމުގެ ދިފާއާއި ސަލާމަތް ކަށަވަރުކުރުމަށްޓަކާ ކަމަށެވެ. ގައުމެއްގެ އަސްކަރިއްޔާ ވަރުގަދަވަނީ ހަމައެކަނި ހަތިޔާރާއި އާލާތަކުން ނޫން ކަމަށާއި، ސިފައިންގެ އެންމެ މަތީވެރިޔާ ފާހަގަ ކުރެއްވި ފަދައިން، ސިފައިން ޤައުމީ ދިފާޢުގެ އައްޑަނަ ކަމުގައި ވެގެންދަނީ ސިފައިންގެ މެދުގައި އޮންނަ އެކުވެރިކަމާއި ބަދަހި ގުޅުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަފުތަކަށް ބަދަހިކަން ހޯދަނީ އެކެއް އަނެކެއްގެ ކިބައިން ކަމަށާއި، އަސްކަރިއްޔާއަކީ ގުޅިފައިވާ އެކަތި ގަނޑެއް ކަަށެވެ. މިޚިދުމަތުގައި ދެމިހުންނަ އިރު، އެމީހާ ކުރާނެ މަސައްކަތާއި، އަދާކުރާނެ ދައުރާއި، މަސައްކަތްކުރަންޖެހޭނެ ތަން ކަނޑައަޅާނީ އަސްކަރިއްޔާއިންކަން ފާހަގަކުރައްވާ ވިދާޅުވީ ވަކި ރަށެއްގެ ނުވަތަ ވަކި ފެންވަރެއްގެ މީހަކަށް ވީތީ ނުކުރެވޭނެ ކަމެއް އޮވެގެން ނުވާނެ، ނުހުރެވޭނެ ތަނެއް، ނުދެވޭނެ ޕޯސްޓެއް ހުރެގެން ނުވާނެ ކަމަށެވެ.

"އަސްކަރިއްޔާގެ އެންމެ މޮޅު ހަތިޔާރަކީވެސް، އެންމެ އަގުބޮޑު ރައުސްމާލަކީވެސް ޚުދު ސިފައިންގެ މީހާ. ސިފައިންގެ ކިބައިގައި ނެތް މޮޅުކަމެއް، ކުޅަދާނަކަމެއް، ޤާބިލްކަމެއް އަސްކަރިއްޔާއަކު ނުހުންނާނެ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސިފައިންގެ މީހާ ވާންޖެހޭނީ އަބަދުމެ ތަމްރީންވެ ޢިލްމާއި ހުނަރު ތާޒާކަންމަތީ ދަމަހައްޓާ މީހަކަށް ކަމަށާއި، އޭނާގެ އެންމެ ބޮޑު އެދުމަކަށް ވާންޖެހޭނީ ބޭނުންޖެހޭ ހިނދު، ޤައުމާއި ރައްޔިތުން އެދޭފަދަ ޚިދުމަތެއް ކޮށްދޭ މީހާއަށް ވުންކަމަށެވެ. އަދި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމުގެ ހިތްވަރު އޭނާގެ ކިބައިގައި ހުންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން، ސިފައިން އަބަދުވެސް ތިބެންވާނީ އަސްކަރީ އަޚްލާޤާއި ސުލޫކީ މިންގަނޑުގެ މަތީގައި ސާބިތުވެ ކަމަށާއި، އެމީހުންގެ ހުވަޔާ އެއްގޮތަށް، ޤާނޫނު އަސާސީގެ ޙިމާޔަތުގައި ހަށިގަނޑާއި ފުރާނައިން، ޤައުމަށްޓަކައި ޤުރުބާންވާން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.