އެމެރިކާގެ ކޯސްޓްގާޑް "ކަޓާރ މިޖެޓް"އަކީ އިންޑޯޕެސިފިކް ސަރަޙައްދުގެ އަމާންކަން ކަށަވަރުކުރުމަށް ޙަރަކާތްތެރިވާ އެމެރިކާގެ ކޯސްޓްގާޑްގެ އުޅަނދެކެވެ. ކޯސްޓްގާޑް "ކަޓާރ މިޖެޓް"ގެ މިދަތުރުގައި ރާއްޖޭގައި ޑިފެންސް މިނިސްޓްރ މާރިޔާ އަޙްމަދު ދީދީއާއި މިނިސްޓްރީގެ އިސްފަރާތްތަކާއި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބޭފުޅުންނާއި ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުންތަކުގައި ހުޅުވާލެވިފައިވާ މިނިވަން ސަރަޙައްދެއްގެ ގޮތުގައި އިންޑޯޕެސިފިކް ސަރަޙައްދު ހެދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. ކޯސްޓްގާޑް "ކަޓާރ މިޖެޓް"ގެ އަމާޒަކީ ސަރަޙައްދީ އަމާންކަން ކަށަވަރުކުރުމަށާއި އިންޑޯޕެސިފިކް ކަނޑުގެ ސަރަޙައްދުގައި ހިންގާ ޤާނޫނާއި ގަވާއިދާ ޚިލާފު އެކި ކުށްތައް ހުއްޓުވުމުގައި ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމެވެ.
މިގޮތުން މިވޭތުވެދިޔަ 2 މަހު ކޯސްޓްގާޑް "ކަޓާރ މިޖެޓް"ވަނީ މިސަރަޙައްދުގެ އެކި ޤައުމުތަކަށް ދަތުރުކޮށް މިސަރަޙައްދުތަކުގެ ކަނޑުތައް ބެލެހެއްޓުމުގައިވެސް އެހީތެރިވެފައެވެ. އެމެރިކާގެ ކޯސްޓްގާޑުން މިސަރަޙައްދު ބެލެހެއްޓުމުގައި ވޭތުވެދިޔަ 150 އަހަރުގެތެރޭގައި ވަނީ ޤައުމުތަކާއި ގުޅިގެން މަސައްކަތްކޮށްފައިކަމަށް ކޯސްޓްގާޑުން ވިދާޅުވެއެވެ. ކޯސްޓްގާޑް "ކަޓާރ މިޖެޓް" ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގައިވަނީ ސްކޫލް ކުދިންނާއި ނޫސްވެރިންނަށް ކޯސްޓްގާޑް ދައްކާލާފައެވެ.
މި ތަޖުރިބާގެ ދަތުރުގައި ނޫސްވެރިންނަށްވަނީ ކޯސްޓްގާޑުގެ މަސައްކަތްތަކާއި ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއްވަނީ ދީފައެވެ. އެގޮތުން މިހާތަނަށް ކޯސްޓުގާޑުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކާއި ގުޅޭ އާދަޔާ ޚިލާފު ވާހަކަތަކެވެ. އެންމެ އާދަޔާ ޚިލާފުކަމަކަށް ގިނަ ނޫސްވެރިންނަށްވެސް ފާހަގަކުރެވުނީ ކޯސްޓްގާޑުގައި ހުރި ޑްރޯންތަކަށެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ގާތްގަނޑަކަށް 1000 ކިލޯމީޓަރުގެ ދުރުމިނުން ވަރަށް ސާފުކޮށް މަންޒަރު ނެގުމުގެ ޤާބިލުކަން ލިބިފައިވާ އެޑްރޯންތައް އާދައިގެ ދިވެއްސަކަށްވުރެ ދިގުވެފައި ބަރެވެ.
ކަނޑުގެ އެކި އޮޕަރޭޝަންތައް ބެލެހެއްޓުމުގައި ބޭނުންކުރާ ހެލިކޮޕްޓަރާއި ބޭނުންކުރާ ކުދި ސްޕީޑު ބޯޓުތަކާއެކު އެއީ ރާއްޖޭގެ އެންމެ ބޮޑެތި ކަނޑު އުޅަނދުތަކަށްވުރެވެސް ބޮޑު އުޅަނދެކެވެ. ކަނޑު އާދައިގެވަރަށްވުރެ ގަދަ ދުވަހެއްނަމަވެސް ކޯސްޓްގާޑުގެ އެތެރެއަށް އެނގުމެއް ނުވީނުވުންވީ ވަރަށް އާދަޔާ ޚިލާފު ތަޖުރިބާއަކަށެވެ. އެމެރިކާގެ ކޯސްޓްގާޑް ފްލީޓުގައި ހިމެނޭ އެންމެ ފަހުގެ ބޯޓަށް އަރާލުމުގެ ފުރުސަތުގައި ފެނުނު އެންމެ ހިތްގައިމު މަންޒަރަކަށްވީ ރާއްޖޭގެ ދިދަ ވަރަށް މިނިވަންކަމާއެކު އެކޯސްޓްގާޑުގައި ވިހުރެމުންދިޔަ މަންޒަރެވެ. ޤާނޫނުތަކުގެ ދަށުން އެއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުމަށްފަހު ދުނިޔޭގެ ހަމަ ކޮންމެ ޤައުމެއްގެ ކިތަންމެ ބޮޑު އުޅަނދެއްނަމަވެސް އެއުޅަނދެއްގައި ދިވެހި ދިދަ ނަގަންޖެހޭ ގޮތަށް އޮތް އުސޫލުގެ ދަށުން ނަގާފައިވާ ދިދައެކެވެ.
މިޙަރަކާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗާރޖް ދިއެފެއާޒް އެންޑްރިއާ އެޕެލް ވިދާޅުވީ މިފަދަ ދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ސްކޫލް ދަރިވަރުންނަށް މިއީ ޝަރަފުވެރި އަދި ޤައުމާއި ދުނިޔެއަށް ކޮށްދެވޭ ޚިދުމަތެއްކަން ދައްކުވައިދީ އެކުދިން މިފަދަ ދާއިރާތަކަށް ޝައުގުވެރިކުރުވުންކަމަށެވެ. އެގޮތުން ކަނޑުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަކީ ކުދިންގެ ވިސްނުން މިފަދަ ދާއިރާތަކަށް ޖެއްސުވުމުގައި މުހިއްމުކަމެއްކަމުގައި އެންޑްރިއާ ވިދާޅުވިއެވެ.
އެމެރިކާގެ ކޯސްޓްގާޑް "ކަޓާރ މިޖެޓް" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިކޯސްޓްގާޑު ރާއްޖެއާއި މިސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާނެއެވެ. "ކަޓާރ މިޖެޓް"އަކީ ކަނޑުގެ ސަރަޙައްދު މޮނީޓަރކުރުމުގެ އެންމެ ޒަމާނީ ވަޞީލަތްތަކާއެކު 2019 ވަނަ އަހަރު އެމެރިކާއިން ބަނދެފައިވާ ބޯޓެކެވެ. މިބޯޓުގައި ޑްރޯންއާއި ހެލިކޮޕްޓަރުގެ އެހީގައި ކަނޑުމަތީގައި އެކި އޮޕަރޭޝަންތައް ހިންގާ މަސްތުވާތަކެއްޗާއި ހަތިޔާރު ހިފެހެއްޓުމުގެ ބޮޑެތި އޮޕަރޭޝަންތައްވަނީ ހިންގާފައެވެ. ކޯސްޓްގާޑް "ކަޓާރ މިޖެޓް"ގައި 170 އޮފިސަރުން ޙާރަކާތްތެރިވަމުންދާއިރު އޭގެތެރޭގައި 30 އަންހެނުން އަންނަނީ ޙަރަކާތްތެރިވަމުންނެވެ.