ޚަބަރު

އެމްޕީއެލް ފްލެޓްތަކަށް ފައިސާދައްކަން ލުއިގޮތެއް


ސަރުކާރު ކުންފުނިތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓުތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ ގޮތެއް ކަނޑައަޅައިފިއެވެ.

އެމްޕީއެލްގެ ފަރާތުން މިކަން އިއުލާންކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު ޢަލީއެވެ.

އެމްޕީއެލުން ފްލެޓް ލިބުނު މީހުންނަށް އަންގާފައި ވަނީ އެމްޕީއެލްގެ ސްކީމުގެ ދަށުން ޑައުމްޕޭމަންޓް ދައްކާ ނަމަ، ފުރަތަމަ ތިން މަހުގެ ތެރޭގައި 150،000ރ. ދެއްކުމަށެވެ. ބާކީ 150،000ރ. ކޮންމެ މަހަކު 25،000ރ. ގެ އުސޫލުން ދައްކަމުން ދެވިދާނެ ކަމަށެވެ. ދެވަނަ ގޮތަކަށް އޮތީ ބެންކު ލޯނު މެދުވެރުކޮށް ޑައުން ޕޭމަންޓް އެއްކޮށް ދެއްކުމެވެ.

އެމްޕީއެލްއިން މި އުސޫލަށް ބަދަލު ގެނެސްފައި މި ވަނީ އެ ކުންފުނީގެ ފެލްޓު ލިބުނު މުވައްޒަފުންނަށް ޑައުންޕޭމަންޓް ދައްކަން ދިން މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ މުވައްޒަފުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އަދި އެކަން ހައްލުކޮށްދިނުމަށް އެދި މުވައްޒަފުންގެ ފަރާތުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމަށް ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.

އެމްޕީއެލްގެ 36ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހޮނޮހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ފައިސާ ދެއްކުމަށް ގިނަ ގޮތްތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން މިހާރު 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ފުރުސަތު އޮންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޑައުންޕޭމަންޓް ދެއްކުމަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާކަމަށެވެ. އޭގެތެރެއިން ފުރަތަމަ ގޮތަކީ ޑައުންޕޭމަންޓުގެ ގޮތުގައި އެޕާޓްމަންޓުގެ މުޅި އަގުގެ 15 އިންސައްތަ ފައިސާ ދެއްކުމެވެ. މި ފައިސާ ދައްކާއިރު، އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެއެވެ. އެކަމަކު 12 މަސް ތެރޭގައި އެ އަގު ދައްކާ ހަމަކުރަން ޖެހެއެވެ.

ތިންވަނަ ގޮތަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި 50،000 ދެއްކުމަށް ފަހު ބާކީ ފައިސާ ކޮންމެ މަހަކު މަދުވެގެން 13،000ރ ދައްކާ ގޮތަށް ބަހާލައިގެން ދެއްކުމެވެ. އަދި އެއް ކޮޓަރި ނަމަ 40،000ރ ދެއްކުމަށް ފަހު މަހަލު 7،000ރ ދައްކައި 9 މަސް ތެރޭގައި ހަމަކުރުމެވެ. ޑައުން ޕޭމަންޓް ދެއްކުމަށް ދިން އެންމެ ލުއި ގޮތަކީ އެއް ކޮޓަރީގެ ފްލެޓުތަކުގެ ޑައުންޕޭމަންޓަށް ފުރަތަމަ ދައްކަން ޖެހެނީ 40،000ރ އެވެ. އަދި ޑައުންޕޭމަންޓުގެ ބާކީ ކޮންމެ މަހަކު މަދުވެގެން 4،000ރ ދައްކާ ގޮތަށް ބަހާލައިގެން ދެއްކުމެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި 50،000 ދެއްކުމަށް ފަހު ބާކީ ފައިސާ ކޮންމެ މަހަކު މަދުވެގެން 5،000ރ ދައްކާ ގޮތަށް ބަހާލައިގެން ދެއްކުމެވެ.

މީގެ އިތުރަށް އެޕާޓްމަންޓާއި ހަވާލުވެ ދިރިއުޅެން ފެށުމާއެކު ތަނުގެ ކުލި ދައްކަން ޖެހޭ އިރު، ކުލި ބަހާލެވެނީ 20 އަހަރަށެވެ. އަދި ޑައުންޕޭމަންޓަށް ވާ ފައިސާ ދެއްކުމަށް އެމްޕީއެލްއިން ދީފައިވާ މުއްދަތު ހަމަވަންދެން ތަނުގެ ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހޭނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އޮފީސްތަކަށް ޚާއްސަކޮށްގެން އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން އެމްޕީއެލްގެ މުޢައްޒަފުންނަށް އިމާރާތްކޮށްފައިވަނީ 3 ޓަވަރެވެ. އެ ޓަވަރުތަކުގައި ޖުމްލަ 535 ޕްލެޓް ހުންނައިރު، އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓެވެ. ފްލެޓް ލިބޭ މީހުންގެ މެދުގައި މިދިޔަ ޖޫން މަހު އެމްޕީއެލުން ވަނީ ގުރު ނަގާ ފްލެޓު ލިބޭ މީހުން ކަނޑައަޅާފައެވެ.

އެމްޕީއެލް ޓަވަރުގެ މަސައްކަތް ނިންމުމަށް މިހާރު ދީފައިވާ އެންމެ ފަހު މުއްދަތަކީ މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލެވެ.