ޚަބަރު

އައިޓީއެފްސީއިން އެސްޓީއޯއަށް 189 މިލިއަން ޑޮލަރުގެ އެހީއެއް


އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އިން ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ)އަށް 189 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

މި އެހީ ހަމަޖައްސާފައި ވަނީ އިސްލާމިކް ފައިނޭންސިންގެ މޮޑެލްއެއް ކަމަށްވާ މުރާބަހާ ފައިނޭންސިންގެ ދަށުންނެވެ.

މި ރަސްމިއްޔާތުގައި މުރާބަހާ ޓްރޭޑް ފައިނޭންސިންގ އެގްރީމަންޓްގެ ދަށުން ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ އެއްބަސްވުން ސޮއިކޮށްފައިވަނީ އައިޓީއެފްސީއާއި އެސްޓީއޯއާއި ދެމެދުއެވެ. ދެވަނަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިޓީއެފްސީއާއި މިފްކޯއާއި ދެމެދުއެވެ.

އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ގަންނާނީ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި ސިއްހީ ދާއިރާގައި ބޭނުންކުރާ އާލާތަކެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވި މެނޭޖިންގ ޑައިރެކްޓަރ ހުސެއިން އަމްރު ވަނީ އައިޓީއެފްސީއިން ރާއްޖެއަށް ވަމުންދާ އެހީ ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެއްބަސްވުމުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގަމުންދާ މިފްކޯ އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށާއި އޭގެ ސަބަބުން މަސްވެރިންނަށް މަންފާ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި ދަނޑިވަޅުން އަރައިގަތުމަށް ލިބުނު ވަރަށް ބޮޑު އެހީއެއްކަމަށްވެސް އަމްރު ވިދާޅުވިއެވެ.

"މިއެހީތެރިކަމާއެކު މެދުކެނޑުމެއް ނެތި ރާއްޖޭގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަން ކަށަވަރުކުރެވޭނެ. އަދި މިއީ އިޤްތިސާދީ ގޮތުން ދިމާވާ ދަތިތަކުން އަރައިގަތުމަށް ވެސް ލިބުނު އެހީއެއް،" އަމްރު ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލެމް ސޮންބޮލްއެވެ.

މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އަދި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ)ގެ ގަވަރުނަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.