ދުނިޔެ

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހޫނުވެ، ރެފިއުޖީން ދަނީ އިތުރުވަމުން


ރަޝިޔާއިން ސޫރިޔާއަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކުގެ ސަބަބުން އެޤައުމުގެ ދާޚިލީ ހަނގުރާމަ އިތުރަށް ހޫނުވެ ރެފިއުޖީންގެ އަދަދު އިތުރުވަމުންދާކަމަށް އެމެރިކާ ބުނެފިއެވެ.އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖޯން ކާބީ ވިދާޅުވީ ރަޝިޔާއިން ސޫރިޔާގައި ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށްއެދި އެމެރިކާގެ މަސްއޫލުވެރިން ރަޝިޔާގެ މަސްއޫލުވެރިންނާ ވާހަކަ ދައްކާފައިވާކަމަށާ ނަމަވެސް ރަޝިޔާގެ އަސްކަރީ ހަރަކާތްތަކަށް އެއްވެސް ހުއްޓުމެއް ނާންނަކަމަށެވެ.ރަޝިޔާގެ ވައިގެ އެހީގައި ސޫރިޔާ ސިފައިން ހަލަބްގެ ވަށައިގެންވާ ސަރަހައްދުތަކުގައި އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް މިހާރު ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ އާންމުންގެ ލައްކައަކަށްވުރެ ގިނަމީހުން ހާލުގައިޖެހި ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ތުރުކީވިލާތުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ވަނީ ޖަމާވެފައެވެ. ސޫރިޔާގެ އަސްކަރީ އޮޕަރޭޝަންގައި އެޤައުމުގެ ސިފައިންވަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ބައެއް ސަރަހައްދުތައްވެސް މިނިވަންކޮށް އެސަރަހައްދުތައް އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. މިއާއެކު ސޫރިޔާގެ އިދިކޮޅު ލީޑަރުންވަނީ ކަންބޮޑުވެ ވަޑައިގެން މި އޮޕަރޭޝަން ހުއްޓުވައި ދިނުމަށް އެދި އެމެރިކާއާއި ވިލާތުގެ ލީޑަރުންނަށް އިލްތިމާސް ކުރައްވާފައެވެ.ރިޕޯޓްތައް ބުނާގޮތުން ރަޝިޔާގެ ވައިގެ އެހީގައި ހަލަބްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ސޫރިޔާ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަނާއެކު އިދިކޮޅު ހަނގުރާމަވެރިންގެ ސަފުތައް ވަނީ ރޫޅިފައެވެ. އަދި ސޫރިޔާގެ ލަޝްކަރުތައް މިހާރު ދަނީ ތުރުކީވިލާތުގެ ސަރަހައްދީ ރޮނގާ ގާތްވަމުންނެވެ. ނަމަވެސް މި ހަމަލާތަކާއެކު ހާލުގައިޖެހޭ ސޫރިޔާގެ ރެފިއުޖީންގެ އަދަދު ގިނަވެ ތުރުކީވިލާތުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އެމީހުން ޖަމާވުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ހާލަތާގުޅިގެން އެމެރިކާއާއި އދ. އާ އަދި މުޅި ބައިނަލްއަގްވާމީ މުޖްތަމައުވެސް ދަނީ ކަންބޮޑުވާކަން ހާމަކުރަމުންނެވެ.ރެފިއުޖީންގެ ހާލަތާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖޯން ކާބީ ވިދާޅުވީ ރަޝިޔާގެ ވައިގެ ޙަމަލާތައް ހުއްޓުވޭތޯ އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ގެންދަވަނީ ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުމަކަށްގެނަސް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ވަގުތު ފާއިތުވުމުގެ ކުރިން ކެރީއަށް މިކަން ކުރެއްވިދާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.ސޫރިޔާގެ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ހަލައްކައަށް ވުރެ ގިނަމީހުން ޖަމާވާނެކަމަށް ތުރުކީވިލާތުން ވަނީ އަންދާޒާކޮށްފައެވެ. ތުރުކީވިލާތުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި މިހާރުވެސް ދެލައްކައާ ގާތްކުރާ އަދަދަކަށް ރެފިއުޖީން ތިބިއިރު އެމީހުން ތިބެންޖެހިފައިވަނީ ހިޔާވަހިކަމެއްނެތި ގަދަފިނީގައެވެ.އެމީހުންނަށް ބޭނުންވާ އިންސާނީ އެހީގެ މަދުމިންވަރެއް މެނުވީ ފޯރުކޮށްދެވެމުން ނުދާއިރު ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީވިލާތުގެ އެތެރެއަށް ވަނުމުގެ ފުރްސަތު ހުރިހާ ރެފިއުޖީންނަށް ދިނުމަށް ތުރުކީ ސަރުކާރުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ ސޫރިޔާގެ ރެފިއުޖީންނާ ތުރުކީވިލާތުން އަޅާލާނެ ކަމަށެވެ. އަދި ރެފިއުޖީންގެ ވޭނީ އަދި ނިކަމެތި ހާލަތަށް ތުރުކީވިލާތުން ރިޢާޔަތް ކުރާނެކަމަށްވެސް އުދުޣާން ވަނީ ވިދާޅުވެފައެވެ.