ޚަބަރު

އެމްއެންޕީގެ ފުރަތަމަ ޤައުމީ ޖަލްސާ ނިންމާލައިފި


މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ޤައުމީ ޖަލްސާ ނިންމާލައިފިއެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާގައިވަނީ އެޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށްފައެެވެ. އަދި އެޕާޓީގެ އެކި މަޤާމުތަކަށާއި، ކޮމެޓީތަކަށް މެމްބަރުން ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި އެ ޕާޓީގެ ސިޔާސަތުތައްވެސް ވަނީ ފާސްކޮށްފައި ވެއެވެ. ތާޖުއްދީން ސްކޫލްގައި ކުރިޔަށްދިޔަ، ޤައުމީ ޖަލްސާގައި އެޕާޓީގެ 270 އަށްވުރެ ގިނަ މަންދޫވުން ވަނީ ބައިވެރިވެފައެވެ.

ޤައުމީ ޖަލްސާގައި ފާސްކުރ،ި އާންމު ސިޔާސަތު ކަނޑައަޅާފައި ވަނީ މައިގަނޑު ނުވަ ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ، ދީނާއި ގައުމިއްޔަތު، ފުންދުންތެރި ދިވެއްސެއް، ހައްގުތަކާއި ހިޔާވަހިކަން، ގައުމީ އުފެއްދުންތެރިކަމާއި ތަރައްގީ، އިގުތިސާދާއި ދަތުރުފަތުރު، ހެޔޮ ވެރިކަން، އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަން، ވެށީގެ ރައްކާތެރިކަން އަދި ޖިސްމާނީ އާއި ނަފުސާނީ ދުޅަހެޔޮ ކަމުގެ މައްޗަށެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެކަމަށް ވިދާޅުވެފައެވެ. އެމްއެންޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާ ނިންމުމަށް ބޭއްވި ޖަލްސާގައި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ރާއްޖޭގައި ތިއްބަވާ ބޭރުގެ އެކި ޤައުމުތަކުގެ ސަފީރުންވެސް ބައިވެރިވެފައިވެއެވެ.