ޚަބަރު

ތޫފާން ފިޔޯނާގެ ސަބަބުން ކެނެޑާއަށް ބޮޑެތި ގެއްލުންތަކެއް


ނުރައްކާތެރި ތޫފާނެއް ކަމުގައިވާ ފިޔޯނާ ކެނެޑާގެ އިރުމަތީގެ ސަރަޙައްދުތަކަށް އަރައިފިއެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އިރުމަތީގެ ނިއުފައުންޑްލެންޑްއަށެވެ. އެ ޕުރޮވިންސުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވާއިރު، ރާޅުތައް ބޮޑުވެ، ދެ މީހަކު ކަނޑަށް ދަމައިގަނެފައިވާ ކަމަށް އެ ޕުރޮވިންސުގެ ފުލުހުން ބުނެއެވެ. އެކަކު މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް، ދެވަނަ މީހާ އަދިވެސް ނުފެނެއެވެ.

ނިއުފައުންޑްލެންޑުގެ އެންމެ އިރުދެކުނުން އޮންނަ ޗެނަލް ޕޯރޓް އޯ ބާސްކް ސަރަޙައްދުގެ 500,000 އަށްވުރެ ގިނަ ގޭބީސީން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ބްރަޔަން ބަޓަން ވިދާޅުވިއެވެ. އަދި، ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ތޫފާނުގެ ނުރައްކާތެރިކަން ބޮޑު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ގިނަ އަދަދެއްގެ ކަރަންޓު ދަނޑިތައް ވަނީ ވެއްޓިފައި. ގެތަކުގެ ފުރާޅުތައް ވަނީ ވަޔާ އެއްލައިލާފައި،" ހެލިފެކްސްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އިސްވެރިޔާ އެރިކާ ފްލެކް ވިދާޅުވިއެވެ. މީގެ އިތުރުން، ގަދަ ވަޔާ އެކު އެ ސަރަޙައްދުން ގިނަ އަދަދެއްގެ ރުއްގަސް ވެއްޓިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ތޫފާނާ އެކު ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ތޫފާނުގެ އަސަރު ނޮވާ ސްކޯޓިޔާއަށް ވެސް ކުރިއެވެ. ނޮވާ ސްކޯޓިޔާގެ އިތުރުން ނިއު ބްރަންސްވިކްއާއި ޕްރިންސް އެޑްވަރޑް އައިލެންޑްސްގައި ވެސް އެތައް ހާސް ގޭބީސީއަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އަދި، ބައެއް ޢިމާރާތްތައް ވެއްޓިފައިވެއެވެ.

"ސަރުކާރު އޮތީ ހާލުގައި ޖެހިފައިވާ މީހުންނާ އެކުގައި ކަން ހަނދުމަކޮށްދެން. ގެއްލުން ލިބިފައިވާ ޕުރޮވިންސުތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން،" ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވިއެވެ. މި ތޫފާނާ އެކު އެ ސަރަޙައްދަށް 125 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، ނޮވާ ސްކޯޓިޔާއާއި ނިއުފައުންޑްލެންޑްގެ އައްސޭރިފަށުގައި ރާޅުތައް 12 މީޓަރަށް ބޮޑުވެފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.

ފިޔޯނާއަކީ 2003 ވަނަ އަހަރު ކެނެޑާގެ އިރުމަތީގެ ސަރަޙައްދުތަކަށް އެރި ތޫފާން ހުއާންއަށް ވުރެ ބާރުގަދަ، އަދި ގެއްލުންދެނިވި ތޫފާނެއް ކަމުގައި ޕްރިންސް އެޑްވަރޑް އައިލެންޑުގެ ޝާލޮޓްޓައުންގެ މޭޔަރު ފިލިޕް ބްރައުން ވިދާޅުވިއެވެ.

ކެނެޑާގެ އިރުމަތީގެ ސަރަޙައްދުތަކަށް އެރުމުގެ ކުރިން ތޫފާން ފިޔޯނާ ވަނީ ކެރީބިޔަންގެ ޤައުމުތަކެއް ކަމުގައިވާ ބަރްމިޔުޑާއާއި ޑޮމިނިކަން ރިޕަބްލިކްގެ އިތުރުން އެމެރިކާގެ އިދާރީ ސަރަޙައްދެއް ކަމުގައިވާ ޕުއެރްތެ ރީކޯއަށް ވެސް އަރާފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޕުއެރްތެ ރީކޯއާއި ޑޮމިކަން ރިޕަބްލިކްއަށެވެ.

ތޫފާނާ އެކު ކުރިމަތިވި އެކި ހާދިސާތަކުގައި ޕުއެރްތެ ރީކޯގައި ހަތަރު މީހުން މަރުވިއެވެ. އަދި، ޑޮމިނިކަން ރިޕަލްބްލިކްގައި ވެސް އިތުރު ދެ މީހަކު މަރުވިއެވެ. އަދި، ފަރަންސޭސި ވިލާތުގެ އިދާރީ ސަރަޙައްދެއް ކަމުގައިވާ ގުއަޑުލޫޕްގައި ވެސް އެކަކު މަރުވިއެވެ. މި ތޫފާނާ ގުޅިގެން ޕުއެރްތެ ރީކޯގައި މިހާރު ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ.