ޚަބަރު

ކުޑަކުޑަ އާބާދީއެއްގެ ހުވަފެން ހަގީގަތަކަށް!


ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކުގެ ތެރެއިން ނައިވާދޫއަކީ އަށް ސަތޭކަ އެއްހައި މީހުންގެ އާބާދީއެއް ދިރިއުޅޭ އުންމީދީ ރަށެކެވެ. ރަށުގެ ވަށައިގެން އޮންނަ ރީތި ސާފު ނޫ ވިލާ ސާފު ގޮނޑުދޮށުން ސާބިތުކޮށްދެނީ ލޯކަލް ޓުއަރިޒަމްގައި ނައިވާދޫގެ އުޖާލާ މުސްތަޤުބަލެވެ.

ނައިވާދޫއަކީ ބިމުގެގޮތުން 30 ހެކްޓަރުގެ ރަށެކެވެ. މި ރީތި ހިތްގައިމު ރަށަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ސާފު ބޯފެން ހޯދޭނެ ރަނގަޅު ނިޒާމެއް ނެތުމެވެ. އަދި ނަރުދަމާ ނިޒާމު ތަރައްޤީވެފައި ނެތުމަކީ ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

ނައިވާދޫގައި ނަރުދަމާ ރަށުގެ ބިމަށް ހިންދަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި ފެންފަށަލަ ވަނީ ބޭނުން ނުކުރެވޭ ވަރަށް ތަޣައްޔަރުވެފައެވެ.

"ހަޤީގަތަށް ބުނާނަމަ ފެންވަރާލަން ކަމުނުދާ ހިސާބުގައި ފެނުގެ ހާލަތު އޮތީ. އެއީ ހުރިހާ ގެއެއްގައިވެސް ފެން ހިންދަނީ ބިމަށްކަމުން ފެނުގެ ނިޒާމު އޮތީ ކަމު ނުދާ ހާލަތުގައި. އެ ހާލަތުގައި އޮތްވާ އަޅުގަނޑުމެންނަށް މިފަދަ ޚިދުމަތެއް (ނަރުދަމާ ޚިދުމަތް) ޤާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަޅުގަނޑުމެންނަށް ކޮށްދެއްވި ވަރަށް އަގުހުރި މަސައްކަތެކޭ. އަޅުގަނޑުމެންގެ ސިއްހީ ހާލަތު ދެމެހެއްޓުމަށްޓަކާ ކުރަންޖެހޭ ވަރަށް ބޮޑު ކަމެއް މީ." ނައިވާދޫގެ ފެނާ ނަރުދަމާގެ ހާލަތު ކުރިން އޮތްގޮތާ ގުޅޭގޮތުން ވާހަކަދައްކަމުން ރަށުގެ ރައްޔިތަކު ބުންޏެވެ.

ނައިވާދޫ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވަޢުދު ފުއްދަވައިދެއްވައި މިދިޔަ އޯގަސްޓް 07ވަނަ ދުވަހު ނައިވާދޫގެ ގޭގެއަށް ސާފު ބޯފެން ވަނީ ލިބޭގޮތް ހަމަޖެހިފައެވެ. މިއީ ކުޑަކުޑަ އާބާދީއަކުން ދުށް ހުވަފެނެއް ރަނުންރަނަށް ފުރިހަމަ ވާނެކަމަށް ކުރި އުންމީދެއް ހަޤީޤަތަކަށް ވުމެވެ.

"މިސަރުކާރުން އަޅުގަނޑުމެން ކުދިކުދި އާބާދީތަކަށް ފުރަތަމަ ވަޢުދެއްގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް ކަންތައް ކުރައްވަމުން އެބަ ގެންދަވާ. އެގޮތުން މިރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރެވި ފެން ރަށްޔިތުންނަށް ދޫކުރެވެމުން މިދަނީ." ސާފު ބޯފެން ލިބުމުން އުފާ ފާޅުކުރަމުން ނައިވާދޫ ރައްޔިތަކު ބުންޏެވެ.

ނައިވާދޫއަކީ މީސްކޮޅު މަދު ރަށަކަށް ވުމާއެކު ބައެއް ޚިދުމަތްތައް ހޯދަން ކައިރި ރަށްރަށަށް ދާން ޖެހެއެވެ. ސިއްޙީ ފަރުވާ ހޯދުމަށް ބޮޑުޚަރަދު ކޮށްފައި މާލެއަށް ރަށުގެ ރައްޔިތުންނަށް ދާންޖެހުން ވެފައިވަނީ ބޮޑު ވޭނަކަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ އަތޮޅު ތެރޭގައި އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ލިބޭނެ މަގު ހަމަޖައްސައިދިނުމެވެ. އެމަގުން ތިލަންދުންމަތިން ކުޅުދުއްފުށި ސިޓީގައި ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ.

ކުޅުދުއްފުށިން މި ޚިދުމަތްތައް ލިބިގަންނަން ދެވޭނެމަގު މީގެ ކުރިން އޮތީ ނުލިބިފައެވެ. ދާންޖެހޭ ހާލަތުގައިވެސް ބޮޑު ޚަރަދުކޮށްގެން އޮޑިދޯނިފަހަރު ކުއްޔަން ހިފައިގެން ދާންޖެހެއެވެ. ނަމަވެސް ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުކަމަށްވާ "އާރު.ޓީ.އެލް" އެންމެ ފުރަތަމަ ތަޢާރަފްވެގެން މިދިޔައީ ހއ، އަދި ހދ، އަތޮޅުގައެވެ. މިއީ ނައިވާދޫގެ ރައްޔިތުންނަށް ލިބުނު ވަރަށްއަގުބޮޑު ހަދިޔާއެކެވެ.

"އަޅުގަނޑުމެން މިތަނުން ކުޅުދުއްފުއްޓަށް ދާންވެސް ބާރަ ސަތޭކަ، ތޭރަ ސަތޭކަ ރުފިޔާ ދީފަ ލޯންޗެއް ހިފައިގެން މިދަނީ. މިހާރު އާރު.ޓީ.އެލް ގެނައިމަ އެބަ ދެވޭ 60 ރުފިޔާއަށް. 70 ރުފިޔާއަށް. މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނައިން ދަތުރުވެސް ކުރެވިއްޖެ. އޭސީގައި ވަރަށް އަރާމުގައި ދަތުރުކޮށްލެވޭ." ނައިވާދޫ ރައްޔިތަކު އޭނާގެ ޝުޢޫރު އަޅުގަނޑުމެންނާ ހިއްސާކުރިއެވެ.

ކުޑަކުޑަ ރަށެއްގައި ދިރިއުޅެމުންދާ މަދު އާބާދީއަކަސް ތަރައްޤީއާ އަސާސީ ޚިދުމަތްތަކުން މަހުރޫމް ވާންނުޖެހުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޔާތެވެ.