ޚަބަރު

ބަނދަރުތަކަށް ގެނެވޭ ތަރައްޤީއާ ގުޅިފައިވަނީ ރާއްޖޭގެ އިޤްތިޞާދާ: ރައީސް


މާލޭގެ ވިޔަފާރި ބަނދަރާއި، އަތޮޅުތެރޭގައި ހުރި ބޮޑެތި ބަނދަރުތަކަށް ގެނެވޭ ތަރައްޤީއާއި ގުޅިފައިވަނީ ރާއްޖޭގެ އިޤްތިޞާދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމް.ޕީ.އެލްގެ 36ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޕީއެލްގެ ދިގު ތާރީޚުގައި ރާއްޖެއަށް މުދާ އެތެރެކުރުމަށާއި، ޚިދުމަތް ދިނުމުގައި މަސައްކަތް ކުރައްވާފައިވާ ގޮތާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު މިފާހަގަކުރާ 36 އަހަރަކީ، ރާއްޖޭގެ އަދި މާލޭގެ ވިޔަފާރި ބަނދަރުގެ ތާރީޚަށް ބަލާއިރުވެސް، މާ ހަގު މުނާސަބަތެއްކަމަށެވެ. އެމް.ޕީ.އެލް އުފެދުނީ 1986ވަނަ އަހަރުގައި ކަމަށް ވިޔަސް، ރާއްޖޭގައި ބަނދަރުގެ ޚިދުމަތް ދެމުން އަންނަތާ އެއަށް ވުރެ މާ ގިނަ ދުވަސްވެއްޖެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ޢާންމު ރައްޔިތުން ވެސް އަދި އެމް.ޕީ.އެލްގެ ވެރިންނާއި މުވައްޒަފުން ވެސް ބުނަމުން އެދަނީ، ވިޔަފާރި ބަނދަރަށް އަންނަންވާ ވަރުގެ ތަރައްޤީއެއް ނާންނަ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރި ބަނދަރު ތަރައްޤީނުވެ އޮތުމަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އިންޑިއާ ކަނޑުގައި ރާއްޖެ މިއޮތް ތަނުގެ ގޮތުން، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ ޞިނާޢަތުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ޙާޞިލުކުރެވޭނެ. ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް ރާއްޖޭގައި ތަރައްޤީވެފައި އޮތް ނަމަ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މިހާރު ހުންނާނީ މިއަށް ވުރެ މާމަތީގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން މިހާރުވެސް ވަރަށް ބޮޑުކަމަށާ، އެކަމުގެ ސަބަބުން، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގައި ވަރަށްގިނަ ދަތިތައް ކުރިމަތިވާކަމަށެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު މާލޭ ވިޔަފާރި ބަނދަރު އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައިކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރަށް ޒަމާނީ ބަދަލުތައް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ އިތުރުން ކުޅުދުއްފުއްޓާއި ހިތަދޫގައި ވެސް އެމް.ޕީ.އެލްގެ ފަރާތުން ހިންގާ ދެ ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢު ނިމި، ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރެވޭނީ، މާލެއިން ބޭރަށް، އަދި ޖާގަ ބޮޑު ތަނަކަށް ބަނދަރު ބަދަލުކޮށްގެން. އެކަމަށް އަޅުގަނޑުމެންނަށް ފެނުނު އެންމެ ރަނގަޅު ތަނަކީ ގުޅިފަޅު. ގުޅިފަޅު ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި މިހާރު އެއޮތީ ހިއްކާ ނިމިފަ. އަނެއްބައި ހިއްކައި ނިމުމާއެކު، ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ބީލަމަށް ހުޅުވައިލެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވި، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށްވެސް ޖާގަ ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތަކަށް ވެސް އެމް.ޕީ.އެލް މިހާރު އެއަންނަނީ ތައްޔާރުވަމުންކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ހިލަޔާއި ހިލަވެލި ގެނެސް ބޭލުމަކީ މިހާތަނަށް، މާލޭގެ ވިޔަފާރި ބަނދަރުން ދިން ޚިދުމަތެއް ނޫނެވެ. ތިލަފުށީގައި މިހާރު ތަރައްޤީކުރަމުން އަންނަ ބަލްކު ޓާމިނަލް، އަންނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ނިމުމުން، ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި ޢާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައުމުން ނުކުންނާނެ ހެޔޮ ނަތީޖާތަކަކީ، މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ޞިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވެ، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވުންކަމަށް ރައީސް ވިދާޅުވިއެވެ.