ޚަބަރު

ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމުން ކުންފުނިތަކުގެ ޤާނޫނުގެ ބިލަށް އިތުރު ފުރިހަމަކަމެއް!


ކޮންމެ އަހަރަކު ވެސް ބާއްވާ ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމް (ސީ.އާރ.އެފް)ގެ މިއަހަރުގެ ކޮންފަރެންސްގެ ސަބަބުން، ކުންފުނިތަކުގެ ޤާނޫނުގެ ބިލު އިތުރަށް ފުރިހަމަކުރުމަށް ވަރަށް ގިނަ މައުލޫމާތުތައް ލިބިގެންދިޔަކަމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުންފުނިތައް ރަޖިސްޓްރީކުރުމާއި، ހިންގުމާއި އުވާލުން ވަކި އުސޫލެއްގެ ދަށުން ކުރިއަށްގެންދިއުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި މިހާރު އެ ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ. ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމްގެ މިއަހަރުގެ ކޮންފަރެންސް ނިންމާލުމަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ ކުންފިތަކުގެ ޤާނޫނުގެ ބިލް ފުރިހަމަކުރުމަށް މި ކޮންފަރެންސްއިން އިތުރު މައުލޫމާތު ލިބިފައިވާކަމަށެވެ.

ވިސާމް ވިދާޅުވީ މި އަހަރުގެ ކޮންފަރެސް ޗެއަރ ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދިއުން ވީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން މި ކޮންފަރެންސްގެ ނަތީޖާއެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން، ކުރިއަށް އޮތް ތަނުގައި ކުރަންހުރި މަސައްކަތްތަކަށް އެތައް ފައިދާތަކެއް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ކޮންފަރެންސްގައި މަޝްވަރާކުރި ކަންކަމަށް އަލިއަޅުއްވާލައްވައި ވިސާމް ވިދާޅުވީ ކުންފުނީގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ކުންފުނިތަކުގެ ޤާނޫނުގެ ބިލާއި ކުންފުނިތައް ހިންގުމުގައި ޢަމަލުކުރާނެ އެންމެ ރަނގަޅު އުސޫލަކާ ގުޅޭ މައުލޫމާތުތައް ވެސް މިކޮންފަރެންސް މެދުވެރިކޮށް ލިބުނުކަމަށެވެ. މި ކޮންފަރެންސްގެތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަންތަކުގެ ތެރޭގައި ކުންފުނިތަކުގެ ޤާނޫނުގެ ބިލުގައި ހިމެނޭ ބައެއް ކަންކަމާމެދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

މި މަހުގެ 21އިން 24ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ ޑިރެކްޓަރުގެ މަގާމް އަދާކުރެއްވީ ރާއްޖޭގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމެވެ. މިއީ މިފޯރަމް ބާއްވާ 17ވަނަ އަހަރެވެ. މިއަހަރުގެ ކޮންފަރެންސް ގެ ތީމްއަކީ "ކޯވިޑް-19 އަށްފަހު ވިޔަވާރި ރެޖިސްޓްރީތައް ކުރިއެރުވުން" މިއެވެ. ކޮންފަރެންސްގައި 35 ގައުމަކުން 100 މީހުން ބައިވެރިވެއެވެ.

ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމް 2022 މޯލްޑިވްސް، އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. މި އަހަރުގެ ކޮންފަރެންސް ގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތަށް ތަމްސީލްކުރައްވާ ބޭފުޅުންނާއި އެކިއެކި ބައިނަލްއަގްވާމީ ޖަމްޢިއްޔާ ޖަމާޢަތްތައް ތަމްސީލް ކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގަތެއެވެ.