ޚަބަރު

މުއްސަނދި ޤައުމުތަކުން ބަސް މަދުކޮށް، އަމަލު ގިނަ ކުރަން ޖެހޭ: ޝައިޚް ހަސީނާ


މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅޭ ގޮތުން މުއްސަނދި ޤައުމުތަކުން ބަސް މަދުކޮށް، އަމަލު ގިނަކުރަން ޖެހޭ ކަމަށް ވިދާޅުވެ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ކުރިއަރާފައިވާ ޤައުމުތަކަށް ފާޑުވިދާޅުވެއްޖެއެވެ. ބަންގްލަދޭޝްއަކީ ބިންތިރި ގިނަ ސަރަޙައްދުތަކެއް ހިމެނޭ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ނުރައްކާތެރިކަމާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ.

"މުއްސަނދި، ކުރިއަރާފައިވާ ޤައުމުތަކަށް ކުރެވޭ ހަމައެކަނި ކަމަކީ ވާހަކަ ދެއްކުން. ވަޢުދުވުން. އެ ކަމަކު އަމަލުން ކަންކަން ކުރެވޭ މަންޒަރެއް ނުފެނޭ. އެ ކަމެއް ނުދެއްކޭ. ވެފައިވާ ވަޢުދުތައް ފުއްދޭ މަންޒަރެއް ނުފެނޭ. ހާލުގައި ޖެހިފައިވާ ޤައުމުތަކަށް ދޭން ބުނާ އެހީގެ ފައިސާ ލިބޭ ތަނެއް ނުފެނޭ. މިއީ ބޮޑު ހިތާމައެއް،" ޝައިޚް ހަސީނާ ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކާ އަޅައިބަލާއިރު ބަންގްލަދޭޝްއަކީ ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ ޤައުމެއް ނޫން ކަމުގައި ޝައިޚް ހަސީނާ ވިދާޅުވިއެވެ. "މޫސުމީ ކާރިސާތަކާ ކުރިމަތިވާ ޤައުމުތަކަށް އެހީތެރިވުމަކީ ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކުގެ ޒިންމާއެއް. މުއްސަނދި ޤައުމުތަކުގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކާ ކުރިމަތިލާން ޖެހެނީ އަހަރުމެން. ޝިކާރައަކަށް ވެފައި ވަނީ އަހަރުމެން. މިއީ ހިތާމަހުރި ކަމެއް،" ޝައިޚް ހަސީނާ ވިދާޅުވިއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 2000ވަނަ އަހަރާއި 2019ވަނަ އަހަރާ ދެމެދު ބަންގްލަދޭޝްއަށް 185 ކާރިސާއަކާ ކުރިމަތިލާން ޖެހުނެވެ. މިއީ، މުޅިން ވެސް މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ޤުދުރަތީ ކާރިސާތަކެކެވެ. އަދި، އެ ކާރިސާތަކާ އެކު އެ ޤައުމަށް އިޤްތިޞާދީ ގޮތުން 3.72 ބިލިޔަން ޑޮލަރު ގެއްލުން ލިބުނެވެ.

ބަންގްލަދޭޝްގެ ތިންބައިކުޅަ ދެ ބަޔަކީ ބިންތިރި ސަރަޙައްދުތަކެކެވެ. އަދި، އެ ޤައުމުގެ އާބާދީގެ ދިންބައިކުޅަ އެއްބައި ރައްޔިތުން ދިރިއުޅެނީ ކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައެވެ. މިއާ އެކު، ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާތެރިކަން އެ ޤައުމަށް ދަނީ ކުރިމަތިވަމުންނެވެ.

2050 ވަނަ އަހަރުގެ ކުރިން ބަންގްލަދޭޝްގެ އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކަކީ ތިމާވެށީގެ ރެފިޔުޖީއަކަށް ވާނެ ކަމަށް ދިރާސާތަކުން ބުނެއެވެ. އަދި، އެ ޤައުމުގެ ބިމުގެ ސަރަޙައްދުގެ 11 އިންސައްތަ ކަނޑަށް ގެއްލޭނެ ކަމަށާއި، 18 މިލިޔަނަށްވުރެ ގިނަ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހޭނެ ކަމަށް ދީރާސާތަކުން ދައްކައެވެ.