ދުނިޔެ

މިސައިލް ޓެސްޓާއި ގުޅިގެން އުތުރު ކޮރެއާއަށް ފިއްތުންތަކެއް


މިދިޔަ ހަފްތާގައި އުތުރުކޮރެޔާއިން ކުރި ދުރުރާސްތާގެ މިސައިލް ތަޖްރިބާއާ ގުޅިގެން އެގައުމަށް އަސަރު ހުރި ރައްދެއް ދޭންޖެހޭނެ ކަން އެމެރިކާއާއި އެމެރިކާގެ ބައިވެރިން ޤަބޫލުކުރާ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ މިފަދަ ވަރުގަދަ ރައްދެއް ދިނުމުގެ މާނައަކީ އުތުރުކޮރެޔާ މުޅިން އެކަހެރިވެގެންދާ ވަރުގެ ބާރުގަދަ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޤައުމާ ދެކޮޅަށް އެޅުންކަމަށެވެ. އަނެއްކޮޅުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ އުތުރު ކޮރެޔާއާ ކުރިމަތިލުމަށްޓަކައި ދެކުނު ކޮރެޔާގައި މިސައިލް އައްޑަނައިގެ ނިޒާމެއް ބިނާކުރަން ގަސްދުކުރާކަން ހާމަކޮށްފައެވެ.ޕެންޓަގަން އިން ބުނީ މިކަމާބެހޭ ރަސްމީ ވާހަކަތައް ދާދި އަވަހަށް ދެކުނުކޮރެޔާއާއެކު ފަށާނެކަމަށެވެ. މިއީ އުތުރުކޮރެޔާގެ ފަރާތުން ކުރިމަތިވަމުންދާ ބިރުދެއްކުންތަކާ ކުރިމަތިލެވޭފަދަ މިސައިލް އައްޑަނައިގެ ނިޒާމަކަށް ވެގެންދާނެކަމަށްވެސް ޕެންޓަގަން އިން ބުނެއެވެ.