ޚަބަރު

18އަހަރުގެ ދިގު އިންތިޒާރަށް ނިމުން: ފިނޭއަށް އައު އިންޖީނުގެއަކާ ޒަމާނީ ވިއުގައެއް


ރާއްޖޭގެ ގިނަ ރަށްތަކަށް ބަލާއިރު، ރަށްރަށަށް ކަރަންޓު ފޯރުކޮށްދެމުން އައީ ރައްޔިތުންގެ އަމިއްލަ ފައިސާއިން އިންޖީނު ގަނެ، އެމީހުން އަމިއްލައަށް އިންޖީނުގެތައް ހިންގާ ބަލަހައްޓައިގެންނެވެ.

އަދި ބިން ކުއްޔަށް ނަގައި، ވަކިބަޔަކު އިންޖީނު ގެންގޮސް ޚިދުމަތް ދިން ރަށްތައްވެސް އެބަހުއްޓެވެ. މިކަން ކުރަމުން އައިސްފައިވަނީ އެކި ރަށްރަށުގައި އެކި ނިޒާމުންނެވެ. ނަމަވެސް އިންޖީނުގެތައް ބެލެހެއްޓުމަށް ދަތިވެ، ރަށްރަށުގެ އިންޖީނުގެތައް ސަރުކާރުގެ ދަށަށް ބަދަލުކުރަން ފެށިއެވެ. ހެޔޮބަދަލެއްގެ އުއްމީދާއެކު ރައްޔިތުން ހަވާލުކުރި، އިންޖީނުގެތައް ދާދި ފަހަކާ ޖެހެންދެންވެސް ހުރީ، ހަމަ އެގޮތަށެވެ.

އާބާދީ ބޮޑުވަމުންގޮސް ކަރަންޓަށް ލޯޑު ބޮޑުވެ، ގޮތެއް ނެތުމުން އިތުރު އިންޖީނެއް ރަށަށް ގެންދިޔަނަމަވެސް، ޚިދުމަތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އަދި ޚިދުމަތްތައް ދެމުން އައި ގިނަ ތަންތަން ހުރީ ރަށު ތެރޭގައި، ރައްޔިތުން ދިރިއުޅޭ ގެތަކާ އިންވެގެންނެވެ.

ކަރަންޓު ހޯދުމަށް ފިނޭގެ ރައްޔިތުން ކުރި ތަޖުރިބާ

ފަހަކާ ޖެހެންދެންވެސް އަތޮޅުތަކުގެ ގިނަ ރަށްރަށުގައި އިންޖީނުގޭގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުން އައީ، އެހެނިހެން ޚިދުމަތްތަކަށް ކުރިން ބޭނުންކުރި އިމާރާތްތަކެވެ. އިމާރާތް ބާވެ ފާރުތައް ވެއްޓޭވަރުވެފައި ހުރި ކުދިކުދި ތަންތަންކޮޅުގައި އިންޖީނުގެ ހަދާ ހިންގިއެވެ.

ހދ.ފިނޭގެ ރައްޔިތުންގެވެސް އޮތީ މި ޝަކުވާތަކެވެ. ފިނޭއަކީ އާބާދީ ކުޑަ ރަށެކެވެ. 600މީހުންގެ އާބާދީގެ ތެރެއިން ރަށުގައި ދިރިއުޅެމުން އަންނަނީ 300އެއްހާ މީހުންނެވެ. 1990 ހިސާބުގައި ރަށަށް ފުރަތަމަ ކަރަންޓުގެ ޚިދުމަތް ދިނީ، ރައްޔިތުން ގޭގެއަށް ހިނގާ އެއްކުރި ފައިސާކޮޅަކުން ގަނެފައިވާ ޖަނަރޭޓަރަކުންނެވެ. އެއީ ގާތްގަނޑަކަށް 5 ކިލޯގެ ކުޑަކުޑަ ޖަނަރޭޓަރެކެވެ. ކަރަންޓު ދެވެނީ ދުވަހުގެ ކުޑަ ވަގުތުކޮޅަކަށެވެ. އެއަށްފަހު ރަށުގެ ޖަމިއްޔާއަކުންވެސް ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރިއެވެ.

ރަށުގެ ރައްޔިތުންގެ އިންޖީނުގެ ސަރުކާރުގެ ބެލުމުގެދަށަށް ބަދަލުކުރީ 2008ވަނަ އަހަރުއެވެ. އިންޖީނުގެ ސަރުކާރަށް ދޫކޮށްލަން ބޭނުން ނުވި ގިނަ ބަޔަކު ތިބި ނަމަވެސް، ފަހުން ނިންމީ އެންމެ ރަނގަޅުގޮތަކަށް ވާނީ އިންޖީނުގެ ހިންގުން ސަރުކާރަށް ދޫކޮށްލުންކަމަށެވެ.

ރައްޔިތުންގެ ނިންމުމާއެކު، ރަށުގައި ކުރިން ހެލްތު ޕޯސްޓް ހުރި އިމާރާތަށް އިންޖީނުގެ ބަދަލުކުރިއެވެ. ދާއިމީ ކަރަންޓުގެ ރަނގަޅު ޚިދުމަތަކަށް ރައްޔިތުން ކުރި އުއްމީދު ބޮޑެވެ. ޚިދުމަތް ޒަމާނީވެ މުހިންމު ބަދަލުތަކަށް އެދިއެދި ތިބި ފިނޭގެ ރައްޔިތުން މާޔޫސްވީ، ސަރުކާރާ އިންޖީނުގެ ހަވާލުކޮށް 18 އަހަރުވީއިރުވެސް، ރައްޔިތުންގެ އެ ޙާލަތު ބަދަލު ނުވުމެވެ.

"ކަރަންޓު ވަރަށް ގިނައިން ކެނޑޭ. ތުއްތުކުދިން ގޮވައިގެން އުޅޭ މީހުން، ރޭގަނޑު ހޭލާ ބޭރުގައިވެސް ތިބެން ޖެހޭ. މިހާރު މިއީ ކަރަންޓާ ނުލާ އެއްވެސް ކަމެއް ކުރެވޭނެ ޒަމާނެއް ނޫން. ހުނި ގޭނިއަސް ކެއްކިއަސް އެއްޗެހިދޮވުނަސް ކަރަންޓު." ފިނޭއިން ވާހަކަދެއްކި މީހުން ބުންޏެވެ.

ކަރަންޓު ކެނޑި ރައްޔިތުން ޝަކުވާ ހިފައިގެން އެތައް ދުވަހަކު އިންޖީނުގެ ކައިރިއަށް އެއްވާންޖެހުނު ޙާލަތަށް ދިޔައެވެ.

"ކަރަންޓު ދިޔައީމަ ރައްޔިތުން ރުޅިގަދަވާނެ. އެކަމަކު އިންޖީނުގެ ކައިރިއަށް އެއްވިއަސް ވަކި އެމީހުންވެސް ކުރާނެ ކަމެއް ނެތް." ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ވިރާނާވެފައި ހުރި ރަށުގެ އިންޖީނުގެއާ އެއްގޮތަށް، ޚިދުމަތްތައްވެސް އެހާމެ ދަށްކޮށްއޮއްވާ ފިނޭގައި އާ އިންޖީނުގެއެއް އަޅަން އުޅޭކަމުގެ ޚަބަރު ވީ ރައްޔިތުން ޤަބޫލުކުރަން ބޭނުން ނުވި ކަމަކަށެވެ. ރައްޔިތުން ތިބި ދަތި ޙާލުން އަރައިގަނެވުނީމަ ނޫނީ، އެވާހަކަތައް ދެން އެމީހުން އަޑު ނާހާނެކަމަށް ރަށުގެ ރައްޔިތުން ބުންޏެވެ.

2019ވަނަ އަހަރު ފިނޭގެ އާ އިންޖުގެ އެޅުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރިއެވެ. ރަށުގެ އޮފީހާ މިސްކިތް ހުރި ސަރަޙައްދުގައި ހުރި އިންޖީނުގެ ބަދަލުކޮށްފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ރަށުގެ ބަނދަރު ސަރަޙައްދަށެވެ.

ކުރިން 67 އަކަމީޓަރުގެ ބިމުގައި ހިންގަމުން އައި އިންޖީނުގޭގެ މިހާރުގެ ބޮޑުމިން، 300އަކަމީޓަރަށްވުރެ ބޮޑެވެ. އިންޖީނު ބެހެއްޓުމަށް ޚާއްސަ އިމާރާތަކާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތެއްވެސްވަނީ އަޅާފައެވެ.

ރަށުން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް އާ އިންޖީނުގެއާއެކު، ކަރަންޓު ކެޕޭސިޓީވެސް ވަނީ އިތުރުކޮށްފައެވެ. 400 ކިލޯވޮޓުން، 570 ކިލޯވޮޓްގެ ކެޕޭސިޓީއަކަށް ވަނީ އިތުރުކޮށްފައެވެ. އާ އިންޖީނުގެ ޑިޒައިންކޮށްފައިވަނީ 600 ކިލޯވޮޓްގެ 3 ޖަނަރޭޓަރު ބެހެއްޓޭ ގޮތަށެވެ. އާ އިންޖީނުގެ އިމާރާތް، ރަށުގެ އާބާދީ އެތައް ގުނައެއް އިތުރުވިއަސް ބޭނުންކުރެވޭނެއެވެ.

"ކުރީގައި އިންޖީނުގޭގެ އެންމެ ބޮޑު ދައްޗެއް ވަނީ ރަށު އޮފީހާ މިސްކިތަށް. ވަރަށް އަޑުގަދަ، ދުމުގެ އަސަރުކުރޭ، ރައްޔިތުންގެ ޝަކުވާވެސް ބޮޑު. އާ އިންޖީނުގެއާއެކު ބައެއްގެ ޝަކުވާ ނިމުމަކަށް އައިސްފި." ފިނޭ ކައުންސިލްގެ ރައީސް އަދުނާން ވިދާޅުވިއެވެ.

ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ފިނޭގައިވަނީ އަވިން ހަކަތަ އުފައްދާ ނިޒާމުވެސް ޤާއިމުކޮށްފައެވެ. އެގޮތުން ރަށުގައި ކަރަންޓު ލޯޑު އެންމެ ބޮޑުވާ ވަގުތުގައި ބޭނުންކުރާ މިންވަރު، 297 ކިލޯވޮޓްގެ ސޯލާ ނިޒާމުވަނީ ޤާއިމުކޮށްފައެވެ.
އަދި ކަރަންޓުގެ ވިއުގަ ޒަމާނީ ކުރުމަށް 10224 މީޓަރުގެ މުޅިން އާ ކޭބަލް ނެޓްވޯކެއް ވަނީ އަޅާފައެވެ.

ފިނޭގެ އާ އިންޖީނުގެއާއެކު ރަށުގައި އިތުރު ވަޒީފާތައްވެސް ވަނީ އުފެދިފައެވެ. ހެލްތު ޕޯސްޓް ހުރި އިމާރާތުގައި އިންޖީނުގެ ހިންގި އިރު މަސައްކަތްކުރީ 4މުވައްޒަފުންނެވެ. ނަމަވެސް އާ އިންޖީނުގެއާއެކު މިއަދަދު 12 މުވައްޒަފުންނަށް ވަނީ އިތުރުވެފައެވެ.

މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް، ދުރު ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ޖުމްލަ 67 އިންޖީނުގެއެއް ވަނީ ބަދަލުކޮށްފައެވެ.