ޚަބަރު

"ރައީސްއަށް ދެންނެވުމުގެ" ސަޤާފަތް ނިމުމަކަށް: ކައުންސިލްތަކަށް މިނިވަންކަން


ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި އަތޮޅުތަކުގެ ކުރިއެރުމަށް ކުރެވުނު އެންމެ މުހިންމުކަމަކީ "ލާމަރުކަޒީ ނިޒާމު" ތަޢާރަފްކުރުމެވެ. މި ނިޒާމުގެ ޅަފަތުގައި ރަނގަޅަށް ނުހިންގުމުގެ ސަބަބުން ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. ލާމަރުކަޒީ ނިޒާމު ދެމިއޮތް ސަރުކާރުތަކުން މި ނިޒާމަށް މާބޮޑު އަހައްމިއްޔަތުކަމެއް ނުދިނުމުގެ ސަބަބުން މި ނިޒާމާމެދު ރައްޔިތުން ދެކޭ ގޮތް އޮތީ ބަދަލުވެފައެވެ.

ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމަށް ދިރުން ގެނެސްދެއްވާނެކަމަށް ވިދާޅުވަމުންނެވެ. ރައީސް ޞާލިޙުގެ ހިނގަމުން މިދާ ދައުރުގެ ކޮންމެ ދުވަހަކީވެސް ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރެއްވުމަށް މަސައްކަތްކުރައްވާ ދުވަހަކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 2010 ވަނަ އަހަރު ވުޖޫދުވިއެވެ. ބޭނުމަކީ ލާމަރުކަޒީ އުސޫލަށް ޤާނޫނީ ހައިސިއްޔަތެއް ދީ ނިޒާމު ވަރުގަދަ ކުރުމެވެ. ނަމަވެސް އެ ޤާނޫނުވީ "މޮހޮނަށް އޮޑިދިން" އުސޫލުން ކަންކަން ބަޔާންވެފައިވާ ޤާނޫނަކަށެވެ. ބާރުތައް އޮތީ ހަމަ މަރުކަޒީ ސަރުކާރުގެ ހަތަރުފާރުތެރޭގައެވެ. 2010 ވަނަ އަހަރުން ފެށިގެން ވޭތުވި ކޮންމެ ސަރުކާރަކަށްވެސް މިކަން އޮތީ އެނގިފައެވެ. ކައުންސިލަރުން "ރޮއެ އާދޭސް ދަންނަވަމުން" ގެންދެވީ މި ކަން މިނޫން ގޮތަކަށް ހައްދަވައިދެއްވުމަށެވެ. ނަމަވެސް އަޑުއަހާނެ "ބޭފުޅަކު" ނުވިއެވެ.

"އަޅުގަނޑަށް ވިސްނުނީ، ލާމަރުކަޒީ ޤާނޫނަށް މިގެނެވުނު އިޞްލާޙު ނުގެނެސް މަޑުކޮށްފިނަމަ، ކަންކަން އަނެއްކާވެސް އޮންނާނީ ކުރިންވެސް އޮތްގޮތަށް މަޑުޖެހި، ހުއްޓި ތާށިވެފައި ކަމަށް" ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ހުވާ ކުރެއްވީ "ލާމަރުކަޒީ ނިޒާމު" އެއް އަތްޕުޅުން ހިއްޕަވައިގެން ހުންނަވައެވެ. ރަށްރަށުގެ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލައްވާނެކަމަށް ވިދާޅުވިއެވެ. ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް "ރައީސްއަށް ދެންނެވުމުގެ" ސަޤާފަތުން ކައުންސިލްތައް މިނިވަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިކަމުގެ މަސައްކަތް ފައްޓަވާ ހައްލު ހޯދޭނެ މަގު ދެއްކެވިއެވެ.

ވިޔަވަތި – ކޮންކަހަލަ ފަރުވާއެއް؟


ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރަސްތަކާ މެދު ވާހަކަދައްކާލުމަށް ކައުންސިލްތައް އެއްމޭޒަކަށް ގެނައުމަކީ މުހިންމުކަމެއްކަމަށް ރައީސް ޞާލިހު ދެކެވަޑައިގެންނެވިއެވެ.

ލާމަރުކަޒީ ނިޒާމު ފައްކާކުރެވޭނީ ކައުންސިލްތައް އެއްތަނަކަށް އެއްވެ ޚިޔާލު ބަދަލުކޮށް އާ ވިސްނުންތައް ނެރެގެންކަމަށް ޤަބޫލުކުރައްވާ، "ވިޔަވަތި" ގެ ނަމުގައި ސިލްސިލާ ކޮންފަރެންސްތަކެއް ސަރުކާރުން ފެއްޓެވިއެވެ. މިއީ ރައްޔިތުންގެ މަންދޫބުންނަށް ރައީސްގެ އަރިހުގައި އެމީހުންގެ ބޭނުންތަކާއި ޚިޔާލުތައް ހުށަހެޅުމަށް މިއީ ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށް ވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކުގެ ވެރިން އެއްތަނަކަށް އެއްވެ ރައީސްއާއެކު މަޝްވަރާކޮށް ބަޖެޓުގައި ހުރި އަދަދުތައް ހަޤީޤަތަކަށް ހަދާނެ ގޮތްތަކާމެދު ވާހަކަދެކެވުނެވެ. ރައްޔިތުންގެ ވާހަކަތައް ވިޔަވަތީގެ މޭޒު މައްޗަށް އޮއްސާލެވުނެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހުންނަވައިގެން މިފަދަ މައްސަލަތަކާ ކަންބޮޑުވުންތަކަށް ހައްލު ހޯދާނެ ގޮތްތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނެވެ.

މަރުކަޒީ ސަރުކާރުގެ ވުޒާރާތަކުގެ ހޯދުންތައް ކައުންސިލްތަކަށް ހުށަހަޅައި މުޖުތަމައުގައި ހުރި މައްސަލަތަކުގެ ސީރިއަސްކަން ކައުންސިލްތަކުގެ ސަމާލުކަމަށް ގެނެވުނެވެ. އެ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތަކާމެދު ޢިލްމީ ހައްލުތައް ބުނެދެވުނެވެ. ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އޮތް މާލީ ދަތިކަމަށް ހައްލެއް ހޯދުނެވެ. އެގޮތުން ގްރީން ޓެކްސްގެ އާމްދަނީ ކައުންސިލްތަކަށް އަދި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭގޮތަށް ހަމަޖެހި ކައުންސިލްތަކަށް ހިންދެމިލެވުނެވެ.

ރައްޔިތުންގެ ވެރިކަމެއް


ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރާ އެހެން ސަރުކާރުތަކުގެ ތަފާތަކީ މިއީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ވާތީއެވެ.

"މިހާރު މިސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫޢެއް ކަމުގައިވިޔަސް، އެއީ އެ އެރަށަކަށްޓަކައި ކުރާ ކަމެއް. ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއަރޕޯޓެއް ކަމުގައިވިޔަސް، މީގައި ވަކި ތަފާތެއް ނެތް" 11 ސެޕްޓެމްބަރު 2022 ގައި ވިޔަވަތި ކޮންފަރެންސް ފަށްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ރާއްޖޭގައި ކަމެއް ނިމޭނީ ރައްޔިތުން އެދޭ ގޮތަށްކަމަށް އަދުގެ ސަރުކާރުން ދެކެއެވެ. ސަރުކާރުގެ ސިޔާސަތަކީ ޤައުމުގެ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ "އާނ" ބަސް އޮންނަންޖެހެއެވެ.

"ރައްޔިތުންގެ ބަސް އޮންނަންޖެހޭނެ. ޔަޤީންކަމެއް. ރައްޔިތުންގެ ރުހުން ހޯދަންޖެހޭ. އެއީ ކަށަވަރު ކުރަންޖެހޭ ކަމެއް" އުކުޅަސް ވިއަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ތަރައްޤީ އަންނަނީ މުޅި ރާއްޖެއަށް


މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 70 އިންސައްތަ ރަށުގައި ފެނާއި ނަރުދަމައެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސިޔާސަތަކީ މިފަދަ އަސާސީ ޚިދުމަތްތައް ފުރިހަމަ ނުކޮށް ޤައުމަށް ގެނެސްދެވޭނެ އިތުރު ތަރައްޤީއެއް ނޯންނާނެކަމެވެ. އެހެންކަމުން ހަޤީޤީ ތަރައްޤީ ދިވެހިރާއްޖެއަށް ގެނެސްދެއްވުމަށް ބަޖެޓުގައި އަދަދުތައް ޖައްސަވައި ކެބިނެޓުގެ ހިތްވަރާއެކު ރަށްރަށުގައި ސާފު ބޯ ފެނާ ނަރުދަމާ، ކަރަންޓާއި ލަފާފުރުމަށް ފެންވަރު ރަނގަޅު ބަނދަރުތައް ޤާއިމުކޮށްދެއްވަން ފެއްޓެވިއެވެ. ރަށްރަށަށް ދަތުރުކުރައްވާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާ، ދިމާވާ ދަތިތައް އޮޅުން ފިލުއްވާ ހައްލުވެސް ހޯއްދަވައިދެއްވިއެވެ.

"ތަރައްޤީގެ ވާހަކަ ދައްކަން ފަށަންވާނީވެސް ގައިންތާހިރުވެ ތިބެ ކަމަށް ބުނީ އަޅުގަނޑު. މި ހިނގާ ރިޔާސީ ދައުރަކީ ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން އައި އެންމެ ސާފުޠާހިރު ފަސް އަހަރު ކަމުގައި ދެންނެވީ އަޅުގަނޑު. އަޅުގަނޑުމެންގެ ރިޔާސީ ދައުރުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާނެކަމުގެ ވަޢުދުވީވެސް ހަމަ އަޅުގަނޑު" 23 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫޢުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި 2021 ވަނަ އަހަރު ވިދާޅުވިއެވެ.

އެހާރާއި މިހާރުގެ ތަފާތަކީ ކޮބާ؟


ތަފާތަކީ ބާރުތައް ދޫކޮށްލުމެވެ. ރައީސް އިބްރާހިމް މުޙައްމަދުގެ ސަރުކާރުގެ ސިޔާސަތަކީ ބާރުތައް މާލެއަށް ޖަމާކުރުމުގެ ބަދަލުގައި އެ ބާރުތައް އަތޮޅުތެރެއަށް ދޫކޮށްލުމެވެ. މިބާރުތައް މާލެއަށް ޖަމާކުރުމުގެ ކުރިން ރަށްތަކުގައި މީހުން ދިރިއުޅެމުން ގޮސްފައިވަނީ ފުދުންތެރިކަމާއެކުގައެވެ. އެޒަމާނަކީ މާލެއަށް ބަރޯސާ ނުވެ ރަށުން ހިތްހަމަޖެހުމާ އުފާ ހޯދި ޒަމާނެވެ. ވޭތުވެ ދިޔަ ސަރުކާރުތަކުގައި ތައުލީމާއި ސިއްޙީ ޚިދުމަތްތައް ހޯދުމާއި ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް މާލެއަށް ބަރޯސާވާން މަޖުބޫރު ކުރުވީ ސިޔާސަތުތަކުގެ ދޯދިޔާކަމުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތަކީ އަތޮޅުތެރެ ތަރައްޤީ ނުވެ ތަރައްޤީ ވާނެ މާލެއެއް ނޯންނާނެކެމެ.