ޚަބަރު

ޝަރުޢީ ކޯޓުތަކުން ނިންމި މައްސަލަތައް އިތުރުވެއްޖެ


2010 ވަނަ އަހަރަށްފަހު ޝަރުޢީ ކޯޓުތަކަށް ހުށައަޅައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު އެންމެ ދަށްވެފައިވަނީ ނިމިގެންދިޔަ އަހަރުކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ. ޝަރުއީ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ އަހަރު ސުޕީރިއަރ އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ޖުމްލަ 17،704 މައްސަލަ ހުށައެޅިފައިވެއެވެ.ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުއްވައިފައިވާ ޝަރުޢީ ކޯޓުތަކުގެ ޕާރފޯރމަންސް ރިޕޯޓުގައި ވާގޮތުން 2014 ވަނަ އަހަރާ އަޅައިބަލާއިރު 2015 ވަނަ އަހަރު ޝަރުޢީ ކޯޓުތަކުން މައްސަލަ ނިންމެވި އަދަދުވަނީ އިތުރުވެފައެވެ. 2014 ވަނައަހަރާ އަޅައި ބަލާއިރު 2015 ވަނައަހަރު ޝަރުއީ ކޯޓުތަކުގެ ތެރެއިން ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 7195 އަށް ދައްކުރެވިފައެވެ. 2014 ވަނަ އަހަރު މި އަދަދު ހުރީ 8877 އެވެ. މިއީ 2010 ވަނައަހަރަށްފަހު ސަރުޢީ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު މިހާ ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. 2010 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު ހުރީ 6697ގައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 2015 ވަނައަހަރު ސުޕީރިއަރ އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ޖުމްލަ 17،704 މައްސަލަ ހުށައެޅިފައިވެއެވެ. އޭގެތެރެއިން އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަކަށެވެ. އެއީ 10،878 މައްސަލަ. 2015 ވަނައަހަރު ސުޕީރިއަރ ކޯޓުތަކަށް ހުށައަޅައިފައިވަނީ 6،826 މައްސަލައެވެ. އަދި 2015 ވަނައަހަރު ދަށު ކޯޓުތަކުން ވަނީ 19،486 މައްސަލަ ބައްލަވައި ނިންމަވާފައެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމަވައިފައިވާ 12،149 މައްސަލައާއި، ސުޕީރިއަރ ކޯޓުތަކުން ނިންމަވައިފައިވާ 7،337 މައްސަލައެވެ.ޝަރުޢީ ދާއިރާގެ 2015 ވަނައަހަރުގެ ޕާރފޯމަންސް ރިޕޯޓް ދައްކާގޮތުން ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ޙުކުމް ނުކުރެވި 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މައްސަލައިގެ އަދަދު ހުރީ 1 އިންސައްތައައްވުރެ ދަށުގައެވެ. އެއީ ސުޕީރިއަރ އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ޖުމްލަ 90 މައްސަލައެވެ. ޝަރުޢީ ކޯޓުތަކުގެ ޕާރފޯރމަންސް ރިޕޯޓަށް ބަލާލާއިރު ފުރަތަމަ މަރުހަލާގެ ކޯޓުތަކުން މައްސަލަ ނިންމަވާ މިންވަރު އެހެން އަހަރުތަކާ އަޅައި ބަލާއިރު ވަނީ އަވަސްވެފައެވެ. ވޭތުވެދިޔަ އަހަރު ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، މައްސަލަތައް ނިންމެވުން އަވަސްކުރެއްވުމަށް، ޝަރުޢީ ކޯޓުތަކުގެ ބެލެނިވެރި ފަރާތް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ދަށުކޯޓުތަކުން ނިންމަވާ ނިންމެވުންތައް އިސްތިއުނާފް ކުރެއްވުމަށް ހުށައަޅުއްވަންޖެހޭ މުއްދަތުވަނީ ކުޑަކުރައްވާފައެވެ. މީގެ އިތުރުން ކޯޓުތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އަތޮޅުތެރޭގެ 20 ކޯޓަކަށް އީ-ކޯޓް މެނޭޖްމެންޓް ސިސްޓަމް (މެމްސް) ވަނީ ތައާރަފު ކުރައްވާފައެވެ. މެމްސްއަކީ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކޮށް، ކޯޓުތަކުގެ މެދުގައި މުޢާމަލާތު ކުރުމާއި، ޑޭޓާ މެނޭޖް ކުރެވޭގޮތަށް ކުރިއަރުވައިފައިވާ ސޮފްޓްވެއަރއެކެވެ. މެމްސްގެ ސަބަބުން މައްސަލަތައް އަވަހަށް ނިންމުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯއްދަވާފައެވެ.މީގެ އިތުރުން 2016 އިން 2017 އަށް ޝަރުޢީ ދާއިރާއިން ކަނޑައަޅުއްވައިފައިވާ އެކްޝަން ޕްލޭންގައި ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާ ކުރައްވައި،ޝަރީޢަތްކޮށް ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މަސައްކަތް ހަލުވިކުރައްވައި އެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައެވެ.