ޚަބަރު

ރަށު ބަންދުން ފިލުވައި، ރަށްރަށުގެ ތަރައްޤީގެ ދަތުރު ފެށީ މިސަރުކާރުން: ޣަފޫރު


ރާއްޖޭގެ ރަށްތައް އެއްރަށް އަނެއްރަށާއި، ގުޅުވާލައި، އަތޮޅުތެރޭގެ ރަށްރަށުގެ ތަރައްޤީގެ ދަތުރު ފެށީ މިސަރުކާރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޣަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ގެނައި އެންމެ ބޮޑު އެއްބަދަލަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ތަޢާރަފް ކުރުމެވެ.

ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކަށް ގެނެސްދެމުންދާ ތަރައްޤީއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ބާބު-3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދާއި ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް، 5 އަހަރުގެ ދައުރެއްގައި ވެެރިކަން ކުރެއްވި ބޭފުޅުންނާއި، އިޤްތިޞާދީ ގޮންޖެހުންތަކާއެކު ވެރިކަން މިއަދު ކުރަމުންދާ ސަރުކާރާއި އަޅާކިޔާއިރު، މިސަރުކާރުން ގެނެސްދީފައިވާ ތަރައްޤީ އަތޮޅު ތެރޭގެ ރަށްތަކަށް ބަލައިލުމުން ފެނިގެންދާނެކަމަށެވެ.

ފެނާއި ނަރުދަމާ ނިޒާމު މުޅިރާއްޖޭގައި ގާއިމްކޮށް، އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެ ހިތްފަސޭހަ ނިޒާމެއް ގާއިމްކުރުމާއިއެކު ތައުލީމާއި، ޞިއްޚީ ހިދުމަތާއި އެނޫންވެސް އެތައްކަމެއް ސަރުކާރުން އަތޮޅުތެރެއަށް ކޮށްދެމުންދާކަމަށް ޣަފޫރު ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން އެއްސަރުކާރަކުން އަތޮޅު ތެރެއަށް މިހާބޮޑެތި ތަރައްޤީ ގެނައި އެއްވެސް ސަރުކާރެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ދަތުރުފަތުރުގެ ނިޒާމުން ކަމަށްވާއިރު، މީގެ ކުރިން ރަށު ބަންދުވެ ރަށުން ނުފުރިފައި ތިބި ތިބުމަށް ނިމުން ގެނައީ މިސަރުކާރުގެ ސްޕީޑު ބާރު "އާރްޓީއެލް" ފެރީގެ ނިޒާމުން ކަމަށް ޣަފޫރު ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނެވޭނީ އެއްރަށުން އަނެއްރަށަށް ދަތުރުކުރެވި ޚިޔާލުބަދަލު ކުރެވި ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް އޮވެގެން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ތަރައްޤީއެއް އަޅުގަނޑުމެންނަށް ނުގެނެވޭނެ އެއްރަށުން އަނެއް ރަށަށް ނުދެވެންޏަކާ. އެއްރަށުގަ ހުރި އެއްޗެއް އަނެއްރަށަށް ނުގެންދެވެންޏާ. ލާމެހިފައިވާ ދުނިޔެއެއްގައި އުޅޭއިރު، އެއްރަށް އަނެއްރަށާވެސް ގުޅެން އެބަޖެހޭ. އެގުޅުމުގެ ތެރެއިން މިހުރިހާކަމެއް ކުރެވިގެން މިދަނީ. މިކަމުގެ ފައިދާ ކުރާނީ ވަކި ވަކި އާއިލާތަކަށް އެކަންޏެއްނޫން. މުޅި އާބާދީއަށް." ޣަފޫރު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން 2 އަހަރެއްހާ ދުވަސް ވެފައިވަނީ އިޤްތިޞާދީ ބޮޑު ގޮންޖެހުމަކާއި ކުރިމަތިވި ދުވަސްވަރަކަށް ވީނަމަވެސް ތަރައްޤީއަށް މަޑުޖެހުމެއްނެތި މުޅި ރާއްޖެ ތަރައްޤީގައި ބޮޑެތި ކުރިއެރުން ހޯދާފައިވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ ތަރައްޤީއާއި އިޖުތިމާއީ މުހިންމު ކަންކަމަށް އަލި އަޅުވާލައި އޭނާ ވިދާޅުވީ މިހާރުވެސް ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީ 6 މަހަށް ބަދަލު ކުރުމާއި، ހިލޭ ޑިގްރީއަށް 20،000 އެއްހާ ދަރިވަރުން ކިޔަވަމުން ދިއުމާއި، ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއި، މިނިމަމްވޭޖް ކަނޑައެޅިގެން ދިއުމަކީ ދިވެހިންގެ ކުރިއެރުމަށާއި، ތަރައްޤީއަށް މިސަރުކާރުން ކުރަމުންދާ ބޮޑެތި މަސައްކަތްތަކުގެ ގޮތުގައި ޣަފޫރު ވަނީ ފާހަގަކުރައްވަފައެވެ.