ޚަބަރު

ތޫފާން ފިޔޯނާއާ އެކު ޕުއެރްތެ ރީކޯއާއި ޑޮމިނިކަން ރިޕަބްލިކަށް ބޮޑެތި ގެއްލުންތަކެއް


ކެޓެގަރީ ހަތަރެއްގެ ބާރުގަދަ ތޫފާނެއް ކަމުގައިވާ ފިޔޯނާ ޕުއެރްތެ ރީކޯގެ ސަރަޙައްދުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ކެރީބިޔަންގެ ސަރަޙައްދުގައި އުފެދިފައިވާ މި ތޫފާނާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ އަށަކަށް އަރާފައެވެ.

ތޫފާނާ އެކު ބޯކޮށް ވާރޭވެހި ޕުއެރްތެ ރީކޯގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް ހިސާބުތަކުގައި ގިނަ އަދަދެއްގެ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ތޫފާނާ އެކު ޕުއެރްތެ ރީކޯއަށް ހުއްޓުމެއް ނެތި 760 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

205 ކިލޯމީޓަރުގެ ގަދަ ވަޔާ އެކު އައި މި ތުފާނާ ގުޅިގެން އެ ޤައުމުގެ ގިނަ ހިސާބުތަކަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އަދި، ގިނަ ހިސާބުތަކެއްގެ ބިންގަނޑު ކަނޑައިގެން ގޮސް، ގިނަ އަދަދެއްގެ ގަސްތައް ވެއްޓިފައެވެ. ތިން މިލިޔަން މީހުން އާބާދީއެއް އޮންނަ ޕުއެރްތެ ރީކޯގެ ފެނުގެ ނިޒާމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ސާފު ބޯފެން ހޯދުމަށް ހުރަސް އެޅިފައެވެ.

ޕުއެރްތެ ރީކޯއަކީ އެމެރިކާގެ އިދާރީ ސަރަޙައްދެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މި ތޫފާނާ ގުޅިގެން އެ ސަރަޙައްދުގައި ކުއްލި ހާލަތު އިޢުލާނު ކުރައްވާފައެވެ. އަދި، އެމެރިކާގެ ފެޑެރަލް އެމަރޖެންސީ މެނޭޖްމެންޓް އޭޖެންސީ (ފީމާ)އިން މިހާރު ދަނީ ޕުއެރްތެ ރީކޯގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

މި ތޫފާން ޑޮމިނިކަން ރިޕަބްލިކްގެ ސަރަޙައްދުތަކަށް އެރުމުގެ ސަބަބުން އެ ޤައުމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ޤައުމުގެ ތިން ސަރަޙައްދެއްގައި މިހާރު ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ. އަދި، 10,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އެ ޤައުމުގެ ގިނަ ސަރަޙައްދުތަކަކުން ވެސް ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

ކެރީބިޔަންގެ ސަރަޙައްދެއް ކަމުގައިވާ ޓަރކްސް އެންޑް ކައިކޯސް އައިލެންޑްސްއަށް ވެސް މި ތޫފާނުގެ އަސަރު ކުރިއެވެ. ފިޔޯނާ މިހާރު ދަތުރު ކުރަމުން ދަނީ ބަރމިޔުޑާއާ ދިމާލަށެވެ. މި ކަމާ ގުޅިގެން ބަރމިޔުޑާގައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. 2021 ވަނަ އަހަރު ބާރުގަދަ ދެ ތޫފާން ކަމުގައިވާ އަރމާއާއި މަރީއާ އެ ސަރަޙައްދުގެ ޤައުމުތަކަށް އެރިއެވެ. އެ ތޫފާންތަކުގައި ވެސް ޕުއެރްތެ ރީކޯއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.