ޚަބަރު

ޓްވިންކަލް ކަންނާ ހަމަ ކިޔެވުމުގައި

ބޮލީވުޑް ކުރީގެ ބަތަލާ އަދި މަޝްހޫރު ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ އަނެއްކާވެސް ކިޔަވަން ފަށައިފިއެވެ.

ފިލްމު ކުޅުން ހުއްޓާލުމަށްފަހު ޓްވިންކަލް މިހާރު ކުރާ ކަމަކީ ލިޔުމެވެ. ކޮލަމް ލިޔުމުގެ އިތުރުން ފޮތް ވެސް ޓްވިންކަލް ލިޔެއެވެ. ޓްވިންކަލް އަނެއްކާ ކިޔަވަންވެސް ފެށީ އެ ދާއިރާއިންނެވެ.

ލައިފް އެންޑް ކްރިއޭޓިވް ރައިޓިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރުމަށް ތައްޔާރުވަމުންދާއިރު، ޓްވިންކަލް ހުރީ މިކަމާއި ވަރަށް އުފާވެފައެވެ. މި ވާހަކަ އޭނާ ވަނީ ސޯޝަލް މީޑިއާގައިވެސް ހާމަކޮށްފައެވެ. ކެޕްޝަންގައި ބުނެފައިވާ ގޮތުގައި ކިޔަވަން ތައްޔާރުވުމަށް އޭނާ ވަނީ ދެ އަހަރު ހޭދަކޮށްފައެވެ.

ޓްވިންކަލް ކަންނާ އޭނާގެ އިންސްޓަގްރާމްގައި ޝެއާ ކުރި ރީލްގައި އޭނާ އުފަލުން ފުންމާލާ މަންޒަރުވެސް ފެނެއެވެ. ސޯޝަލް މީޑިއާގެ ޕޯސްޓާއެކު ފޭނުން ވަނީ ޓްވިންކަލްއަށް މަރުހަބާ ކިޔާފައެވެ.

ޓްވިންކަލް އޭނާގެ ފުރަތަމަ ނޮން ފިކްޝަން ފޮތް "މިސިޒް ފަނީބޯންސް" ނެރުނީ 2015 ވަނަ އަހަރުއެވެ. "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" ގެ ނަމުގައި ނެރުނު ދެވަނަ ފޮތުގައި ޓްވިންކަލް ވަނީ އޭގެ ތެރެއިން އެއް ވާހަކައެއްގައި މުރޫގަނަންތަމް ކިޔާ މީހެއްގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދީފައެވެ. ފަހުން އެ ވާހަކައިގެ މައްޗަށް ވަނީ "ޕެޑް މޭން" ނަމުގައި ފިލްމެއް އުފައްދާފައެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނުނީ ޓްވިންކަލްގެ ފިރިމީހާ އަކްޝޭއެވެ.

1995 ވަނަ އަހަރު ފިލްމު "ބަރުސާތު" އަކީ ޓްވިންކަލްގެ ފިލްމީ ކެރިއަރު ފެށި ފިލްމެވެ. އެ ފިލްމު ރިލީޒް ކުރުމުގެ ކުރިން އިތުރު 2 ފިލްމަކަށްވެސް ޓްވިންކަލް ސޮއިކުރިއެވެ. "ބަރުސާތު" އަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެކެވެ. އެ އަހަރު ހަ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީވެސް އެ ފިލްމަށެވެ. އަދި ފިލްމު ފެއާގެ އެންމެ މޮޅު އަންހެން ޑެބިއު އެވޯޑު ލިބުނީ ޓްވިންކަލް އަށެވެ.

"ބަރުސާތު" އަށްފަހު "ޖާން"، "ދިލް ތެރާ ދިވާނާ"، "ޖަބް ޕިޔާރު ކިސީ ސޭ ހޯތާ ހޭ"، "ބާދްޝާހު" އަދި "ގުލާމް" އަކީވެސް ޓްވިންކަލްގެ ފިލްމުތަކެވެ. ކަރަން ޖޯހަރުގެ "ކުޗް ކުޗް ހޯ ތާ ހޭ" ގައި ރާނީ މުކަރްޖީ ކުޅުނު ޓީނާގެ ރޯލު ފުރަތަމަ ކަރަން ހުށަހެޅީވެސް ޓްވިންކަލް އަށެވެ. ނަމަވެސް އޭނާ ވަނީ އެ ރޯލު ދޫކޮށްލާފައެވެ.