ޚަބަރު

ނަމްބަރު ބޯޑު ނުބައިނަމަ އަންނަ މަހުން ފެށިގެން ފިޔަވަޅު އަޅަނީ


އެއްގަމު އުޅަނދުތަކުގެ ނަމްބަރު ބޯޑު ގަވާއިދާ ޚިލާފަށް ހުންނަ ނަމަ އުޅަދުތަކުގެ ވެރިފަރާތަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެއްގަމު އުޅަނދުތަކުގެ ނަމްބަރު ބޯޑު އިސްލާހުކުރުމަށް އަންގައި ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކުރީ މި މަހު 19ގައެވެ. އެކަމާ ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ މިމަސް ނިމެންދެން ނަމްބަރު ބޯޑުތައް އިސްލާހުކުރަން ނަސޭހަތް ދޭނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން ގަވާއިދާ ޚިލާފަށް ހުންނަނަމަ އެކަމާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދުގައިވާގޮތުން އެއްގަމުގައި އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށްފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ޤަވާއިދުގައި ފާހަގަކޮށްފައިވާގޮތަށް ނަންބަރު ހަރުކުރުމަށްފަހުއެވެ.

އެގޮތުން ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. އަދި ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެގޮތްވެސް ކުރެހުމާއެކު މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށްވުރެ ދިގުކޮށް ރަޖިސްޓްރީ ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ މަނާކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި، އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަގޮތަށް ހަދައިގެން ބޭނުންކުރުމަކީވެސް މަނާކަމެކެވެ.

ހަމައެހެންމެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީވެސް މި ޤަވާއިދުގެ ދަށުން މަނާކަމެކެވެ.

މި ޤަވާއިދުގެ ދަށުން ވިޔަފާރި އުޞޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. އަދި ކޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.

މި ނޫން އެހެން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ. މިއާ ޚިލާފަށް އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހަރުކޮށްގެން ބޭނުންކުރުމާއި، ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ.