ޚަބަރު

ފަތުރުވެރިކަމަށް ފަހި، މިތަންތަން ޙިމާޔަތްކޮށްފިނަމަ އެތައް ފައިދާއެއް!


ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެގެންދާއިރު ކައުންސިލްތަކަށް ލިބިދޭ ބާރާއި ފަހިވެފައި އޮންނަ ފުރުސަތުތަކުގެ ބޭނުން ކުރަމުން ދަނީ މަދު ކައުންސިލްތަކަކުންނޭ ދެންނެވިދާނެއެވެ. ފަތުރުވެރިންނަށް ވިއްކިދާނެ ހިތްގައިމު ރީތި މަންޒިލްތަކެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިސާސްގެ ތެރޭގައިވެސް ހިމެނިފައި އެބަހުއްޓެވެ.

އެހެންނަމަވެސް އެތަންތަނުގެ ބޭނުން އެންމެއެދެވޭ ގޮތެއްގައި ކައުންސިލްތަކުން ހިފަމުން ދާތަނެއް ނުފެނެއެވެ. އެފަދަ ވަސީލަތްތަކުގެ ނަފާ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭފަރާތްތަކުން ހޯދާއިއިރު ކައުންސިލްތަކުން އެނަފާ ހޯދުމަށް މަސައްކަތް ކުރާތަން ފެންނަނީ ވަރަށް މަދުންނެވެ.

މީގެތެރެއިން އެއް ސަރަހައްދަކީ ބ.އަތޮޅު ފުޅަދޫ ފަރުގައި އޮންނަ މުރަކައިގެ ބަގީޗާ، ނުވަތަ ރޯސް ގާޑަންގެ ނަމުން މަޝްހޫރުވެފައި އޮންނަ ސަރަޙައްދެވެ. އެތަން ވިއްކައިގެން ރިސޯޓްތަކުން ޢާމްދަނީ ހޯދާއިރު އެރަށުގެ ކައުންސިލަށް އެއިން ލިބޭ އެއްވެސް މާލީ މަންފާއެއް ނެތެވެ. މިއީ ރާއްޖޭގައި މިފަދަ ދެވަނަ މަންޒިލެއް ނުވާހާ ހިތްގައިމު ރީތިކަމެއް ލިބިފައިވާ މުރަކައިގެ ބަގީޗާއެކެވެ. ޤުދުރަތީ ދިރުންތަކަށް ބަލާއިރު މުއްސަނދި މި ސަރަޙައްދު ބަލާލުމަށް ފަތުރުވެރިންގެ އެތައްބަޔަކު ޒިޔާރަތް ކުރެއެވެ.

މި ސަރަހައްދުގެ ރީތިކަން ފެނި، މިތަން ޙިމާޔަތްކުރުމަށް މަސައްކަތްފަށާނީ ކޮންދުވަހަކުން ބާއޭ ހިތަށްއަރައެވެ. މިއީ ކަނޑުފަޅުގެ ނުވަތަ ފަރުތަކާއި އެފަދަ ތަންތަނުގެ ދިރުންތައް ޙިމާޔަތްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ދައްކާ ވާހަކައެކެވެ. މިތަން ޙިމާޔަތްކޮށް ބަލަހައްޓަން ފެށުމުން ކައުންސިލަށް މާލީގޮތުން ކުރިއެރުން ލިބޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ފުޅަދޫ ކައުންސިލްގެ ރައީސް ޢާލީ އަޒްހަރު ވިދާޅުވިއެވެ.

މިއީ މިގޮތައް ދޫކޮށްލައިގެން ބަލަން ތިބެވޭނެތަންތަނެއް ނޫނެވެ. ފަތުރުވެރިން އެދަނީ މިތަން ބަލާލުމަށްފަހު އާޝޯޚް ވެގެންނެވެ. އެހައިވެސް މިތަނުގެ ހިތްގައިމުކަމާއި ރީތިކަން ބޮޑެވެ. މިތަނުގެ މަންފާ ހޯދުމަކީ، ލާމަރުކަޒީ ޤާނޫނުން ލޯކަލް ކައުންސިލްތަކަށް ވިޔަފާރި ކުރުމަށް ދޭ ބާރުގެދަށުން ކުރެވިދާނެ މުހިންމުކަމެކެވެ.

ކޮންމެއަކަސް ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން އެރަށެއްގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދު ޙިމާޔަތްކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަނޑުފަޅުގެ ދިރުން ވިއްކައިގެން ފަތުރުވެރިކަމުން ނަފާ ހޯދާ ބަޔަކު ދިރިއުޅޭ ބ.އަތޮޅުގައި މިގޮތަށ ްވިއްކައިގެން ކައުންސިލަށް މާލީ މަންފާ ނެރެވޭނެ މިފަދަ އެތައް ތަނެއް އެބަހުއްޓެވެ.

މިސާލެއްގެ ގޮތުން ބ.އަތޮޅު ބަޔޮސް ފިއަރ ރިޒާވްގެ ދަށުން ޙިމާޔަތްކޮށް ބަލަހައްޓަމުންއަންނަ ހަނިފަރުބޭއިން މިކަން ފެންނާނެއެވެ. މިއީ މިގޮތައް ހިމާޔަތްކޮށް ބަލަހައްޓައިގެން އެންމެބޮޑު އާމްދަނީއެއް ނެރޭއެއްތަނެވެ.

ބ.އަތޮޅޫގައި ހިމާޔާތް ކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތް ބަޔޮސްފިއަރ ރިޒާވްއިން ބުނީ އެސަރަހައްދު ޙިމާޔަތްކުރުމުގެ މަސްވަރާތަކެއް ކުރިއަށްދާކަމަށެވެ. އަދި އެއީ ނަފާ ނެރެވޭ ނެތަނެއްކަމަށް ގަބޫލް ކުރާކަމަށާ، އެތަން ޙިމާޔަތްކުރުމަށް ފުޅަދޫ ކައުންސިލަށް ދޭންޖެހޭ އެއްބާރުލުން ފޯރުކޮށްދޭނެކަމަށް އެއޮފީހުން ވިދާޅުވެއެވެ.

ރަށްރަށުގައިވެސް ހިމާޔަތްކޮށް ކައުންސިލަށް މާލީ މަންފާ އިތުރުކުރެވޭނެ ގޮތްތައް ވަރަށްބައިވަރެވެ. އެފަދަ އަނެއް ސަރަހައްދަކީ ދޮންފަނު ފަރާ ފަރާ ގުޅިފައި އޮންނަ ތިލަތަކެވެ. އެތަންތަން ފަތުރުވެރިނަށް ދައްކައިގެން މިހާރުވެސް އެއަތޮޅުގައި ފަތުރުވެރިކަން ކުރާ ފަރާތްތަކުން އަންނަނީ ފައިދާ ހޯދަމުންނެވެ. އެހެން ނަމަވެސް ކައުންސިލަށް ލިބޭ އެއްވެސް މާލީ މަންފާއެއް ނެތެވެ. މިއީ ބ.އަތޮޅުގައި އޮތް އެންމެ މަގުބޫލް ޑައިވްޕޮއިންޓް ތައް ހިމެނޭ ސަރަހައްދެވެ. ދުވާލެއްގެ މައްޗައް އެތައް ފަތުރުވެރިންނެއް މި ސަރަހައްދައް އެރި އެތަންތަނުގެ ރީތިކަން ބަލައެވެ. މި ސަރަހައްދު މައްޝޫރު ވެފައި އޮންނަނީ "ގްރީން ޓާޓްލް" ގިނަ އަދަދަކަށް ފެންނަ ސަރަހައްދެއް ގޮތުގައެވެ.

ދޮންފަނު ފަރާއި އެތަނާ ގުޅިފައިހުރި ތިލަތައް ހިމެނޭގޮތައް އެތަން ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދޮންފަނު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމްނިއުސްއަށް ދިން އިންޓަރވިއުއެއްގައި އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އިރުސާދު ވިދާޅުވީ އެމަސައްކަތް ކުރުމަށް ކައުންސިލުން ތައްޔާރު ވަމުންދާކަމަށެވެ. ކައުންސިލަށް މާލީ މަންފާ ލިބޭގޮތަށް ޙިމާޔަތްކޮށް ބަލަހައްޓަން ފެށިއްޖެނަމަ ރަގަޅު ޢާމްދަނީއެއް ކައުންސިލަށް ލިބޭނެކަމަށް އިރުޝާދު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދޭ ބާރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި ކައުންސިލްތަކަށް އެ ޤާނޫނުން ލިބިދޭ ހައްގުތައް ހޯދައި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެގޮތަކަށް ކަންކަން ކުރުމުގެ ވިސްނުން ގެންގުޅެފިނަމަ ކަންކަމުގައި މައިސަރުކާރަށް ބަރޯސާވާ ބަރޯސާވުން ކުޑަ ކުރެވިގެން ދާނެކަމަށް ޤަބޫލު ކުރެވެއެވެ.