ޚަބަރު

މާއުނގޫދޫގައި އައު ބަނދަރެއް، ރައްޔިތުން ހޭލާ ތިބެންޖެހުން ނިމުމަކަށް


ރައްކާތެރި، ޒަމާނީ ބަނދަރެއް އޮތުމަކީ ކޮންމެ ރަށަކަށްވެސް ބޭނުންވާނެ އަދި މިފަދަ ބަނދަރެއް ނެތް ރަށްރަށުގެ ރައްޔިތުން އެކަމަކަށް އަބަދުވެސް އެދޭ ކަމެކެވެ. އަދި އެބަނދަރަކީ ރަށަށް އަރާ ފައިބާ މީހުންނަށާއި ރަަށުގެ ރައްޔިތުންނަށްވެސް ފަސޭހަ ބަނދަރަކަށް ވާން ޖެހެއެވެ. ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ މިމައްސަލަ ހައްލުކުރުމަށްޓަކައި ބަނދަރު ބޮޑުކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް އެކި ދުވަސްވަރު ކުރެއެވެ. އެހެންނަމަވެސް ބައެއް ރަށްތަކުގައި މަރާމާތު ކުރާ ބަނދަރުތައް މާ ގިނަ ދުވަހު ސަލާމަތުން ނޯވެއެވެ. މިގޮތަށް މަރާމާތުކުރި އެއް ބަނދަރަކީ ށ.މާއުނގޫދޫ ބަނދަރެވެ. މިހާރު އެ ބަނދަރު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައެވެ.

ފަޅުތެރެ ގަދަވެއްޖެނަމަ ރަށުގެ ފަޅަކަށް ވަންނާކަށް ނުކެރެއެވެ. މިފަދަ ދަނޑިވަޅުގައި ބޮޑު އަގު ދީފައި މާލެއިން ގެންނަ ތަރުކާރީ ކޮޅާއި މޭވާތައް ބޯޓުގައި ހުރެގެން ހަލާކުވެއެވެ. އޮޑިދޯނި ފަހަރުތަކުގެ ވެރިން ތިބެންޖެހެނީ ހޭލާ އެތަކެތީގެ ހިމާޔަތުގައެވެ. މި ބަސްތަކަކީ ށ.މާއުނގޫދޫން ވާހަކަ ދައްކާލި ކޮންމެ މީހެއްގެ ދުލުކުރީގައިވާ ބަސްތަކެވެ. މިހިތްދަތިކަމާއެކު އެރަށުގެ ރައްޔިތުން އުޅެމުން އަންނަތާ އެތަކެއް ދުވަސްތަކެއްވެއްޖެއެވެ. 2000 ގެ ކުރީކޮޅުގައި އެރަށުގައި ހަދާފައި އޮތް ކުޑަ ކުޑަ ބަނދަރަކުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރެއެވެ.

އާބަދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މާއުނގޫދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގައި ރަށުގެ އަންހެނުންގެ ޙިއްސާވެސް ބޮޑުކަން ފާހަގަކޮށްލެވެއެވެ. މިހާރުވެސް އެރަށުގައި މަސްވެރިކަން ކުރާ އުޅަނދުތައް އޮންނައިރު އޮޑިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޮޑި އަޅާފައި ބާއްވާނެ ޖާގައެއްނެތުމާއި ފަޅުތެރެ ގަދަވުމުގެ މައްސަލައެވެ. ތާރީޚަށް ބަލާއިރު ފަޅުތެރެ ގަދަވުމުގެ ސަބަބުން ބޯޓުފަހަރުތަކަށް ގެއްލުން ލިބިފައި ހުރިކަން އެރަށު މީހުން ފާހަގަކުރެއެވެ. މަސްވެރިކަން ކުރާ ފަރާތްތަކުގެ އިތުރަށްވެސް އެރަށު ބަނދަރުން ފުރައިގެން ދަތުރުކުރުމަކީވެސް ތަކުލީފެކެވެ. ގަދަވެއްޖެނަމަ ވާޓަރު މަތިންވެސް ރާޅު އަރައެވެ.

"އަޅުގަނޑުމެން ހޭލާ އެބަތިބެންޖެހޭ ދޯންޏަކަށް ގެއްލުން ލިބިދާނެތީ. އެކި ދުވަސްވަރު ފަޅުގެ ވަކި ސަރަޙައްދެއް ހިކޭ އެބަ. އެއާއެކު އެ ސަރަޙައްދުގައި ދޯނި އަޅާފަ ނުބޭއްވޭ." ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި މާއުނގޫދޫ ރައްޔިތަކު ބުންޏެވެ.

މާއުނގޫދޫގައި މީގެ ކުރިން ހަދާފައި އޮތް ބަނދަރު ހަލާކުވުމުގެ ސަބަބުން މިދިޔަ ދައުރުގައި ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މަރާމާތު ކުރި ސަރަޙައްދުވެސް މިޙާރު އޮތީ ވަރަށް ބޮޑަށް ހަަލާކުވެ ބޭނުން ނުކުރެވޭ ހާލަތުގައެވެ. ރަށުގެ ރައްޔިތުންނަށް ލަފާފުރުމަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރުމަށްޓަކައި މުޅިން އައު ބަނދަރެއް ހެދުމަށް ސަރުކާރުން ނިންމާ އެ މަސައްކަތް ކުރުމަށް މިއަހަރުގެ މެއި މަހުގެ ތެރޭގައި އެމްޓީސީސީއަށް ހަވާލުކޮށް މިހާރު ވަނީ އެ މަސައްކަތް ފަށާފައެވެ.

59 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށް ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން، 59،013.29 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3245.48 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ. އަދި 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1508.90 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ. މިއާއެކު ރައްޔިތުން ބޭނުންވާފަދަ މުޅިން އައު ޒަމާނީ ބަނދަރެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މާއުނގޫދޫ ރައްޔިތުން ދެކެމުން އައި ހުވަފެން ކުލަޖައްސާ އަންނަ އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް މުޅިން ނިންމާލުމެވެ.