ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރުމުގެ މަސައްކަތް ކުރަނީ ފައިލް ނުކުރާ މައްސަލަތަކަށް


ކޯވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލާއި ދައުވާ ކުރުމުގެ މަސައްކަތް ކުރަމުންދަނީ އޭސީސީން މިމައްސަލާގައި ފައިލް ނުކުރާ މައްސަލަތައް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ. ޕީޖީ ވަނީ މިމައްސަލާގައި އެއޮފީހުން ފާހަގަކުރި ކަންކަން އިސްލާހު ކުރުމަށްފަހު، އޭސީސީން އަލުން ފޮނުވުމުން ދައުވާކުރަން ފޮނުވޭނެކަމަށް ވިދާޅުވެފައެވެ.

މިމައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކުރުމާއިމެދު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރ އަމީންއާއި އަދި އެހެން ބައެއް މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭސީސީއަށް ފޮނުވުމުން އޭސީސީން ވަނީ މައްސަލަ ފައިލްކޮށްފައެވެ. ވެންޓިލޭޓަރުތައް ގަތުމަށް ދިވެހި ދައުލަތުން 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި ނަމަވެސް އޭގެތެރެއިން ލިބިފައިވަނީ މަދު އެއްޗެކެވެ.

މިމައްސަލާގައި ޕީޖީ އިއްޔެ މަޖިލީހުގެ ކޮމެޓީގައި ދެއްކި ވާހަކަތާއި ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކުގެ ގޮތުގައި އޭސީސީއަށް ލަފާދީފައިވަނީ ވެންޓިލޭޓަރު ގަތުމުގައި ބަންޑާރަ ނައިބް އޮފީހުން ލަފާ ދެއްވި ގޮތާއި ޚިލާފަށް އެއްބަސްވުން އެކުލަވާލި މައްސަލަކަމަށެވެ. މިކަމުގައި ޝާމިލުވާ މީހުންގެ މައްސަލަތައް ތަހުގީގްކޮށް އެސީސީން ފޮނުވުމުން ދައުވާކުރުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލާގައި އޭސީސީން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އޭސީސީގެ ސީނިއަރ ކޮމިއުނިކޭޝަންސް އޮފިސަރު ނިޝާން މުހައްމަދު ދީދީ ވިދާޅުވީ މިމައްސަލަތަކުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަރުހަލާކަމަށެވެ. އެމަސައްކަތް ނިމުމުން ލަސްތަކެއް ނުވެ ދައުވާކުރަން ފޮނުވޭނެކަަމަށް އޭނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް މަސައްކަތްވެސް ވަނީ ފަށާފައެވެ. ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ، ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު ވަނީ އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ.

މިހާތަނަށް އައިއިރުވެސް މި ފައިސާއަށް ވާވަރަށް ވެންޓިލޭޓަރު ލިބިފައެއް ނުވެއެވެ. އެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ. އެއީ މި އެއްބަސްވުމުގެ ފުރަތަމަ ޝިޕްމަންޓުކަމަށް ދުބާއީ ކުންފުނިން ބުނެއެވެ.