ޚަބަރު

ޤާނޫނަށް ބަދަލުގެނެސް ފިޤުހު އެކަޑަމީ ދާދިއަވަހަށް އެކުލަވާލެވިގެންދާނެ: އަސްލަމް


ދީނީ ކަންކަމުގައި އުފެދޭ ޚިލާފްތަކާއި، ދީނީ މައްސަލަތަކުގައި ލަފާދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފިގުހު އެކަޑަމީ ލަސްތަކެއްނުވެ އުފެދިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިސްލާމީ ފަތުވާދޭ މަޖިލިސް އެކުލަވާލުމަށް ގޮވާލައި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިސްލާމީ ކަންކަމުގައި ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލް ކުރުމަށް މަސައްކަތް ކުރުމަކީ ދެރަ ކަމެއްކަމަށެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރަކުންވެސް އިސްލާމީ ކަންކަން ހަރުދަނާ ކަމާއިއެކު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

މިއަދު މިމައްސަލަ ހުށަހެޅި މަޤްސަދާއިމެދު ސުވާލު އުފައްދައި އަސްލަ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީއެއް އުފެއްދެވީވެސް އެމްޑީޕީގެ 2008 ގެ ވެރިކަމުގައި ކަމަށެވެ. ދީނީ ގޮތުން އުފެދޭ ޚިޔާލް ތަފާތުވުންތަކުގައި ފަތުވާދޭން އޭރު އުފެއްދި "ފިގުހު އެކަޑަމީ" ފަހުން އައި ސަރުކާރުން "ފަތތުވާދޭ މަޖިލީހަށް" ބަދަލުކުރުމަކީ އެކަމުން އެދެވޭ މަސައްކަތްތަކެއް ނުކުރެވި ދިޔަ ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

"ހަގީގަތަކީ ވޭތުވެދިޔަ ތަނުގައި އެފެދުނު ހުރިހާ ސަރުކާރުތަކެއްގައި ވަނީ ކެރިކުޅަދާނަވާ ވަރަކުން ދީނީ ކަންކަމަށް އިސްކަންދީފަ. 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ވެރިކަމެއްގައި ފުރަތަ ފަހަރަށް އިސްލާމިކް މިނިސްޓްރީއެއް އުފެއްދީ. މިއަދު މިދެކެވޭ ވާހަތަކާއި ގުޅިގެން ދަންނަވަން އޮތީ ހަގީގަތަކީ އިސްލާމީ ފަތުވާދޭ މަޖިލީހަކަށްވުރެ ރަނގަޅީ ފިގުހު އެކަޑަމީއެއް." އަސްލަމް ވިދާޅުވިއެވެ.

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެދުން ހިމެނެއެވެ.

ފަތުވާދޭ މަޖިލީހުގެ މަސްއޫލިއްޔަތުތަކަށް ބަދަލު ގެނެސް ފިގުހު އެކަޑަމީ އުފެއްދުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިދައުރުގެ ތެރޭގައި ޤާނޫނަށް އިސްލާހު ގެނެސް ފިގުހު އެކަޑަމީ އުފެއްދުމެވެ.