ޚަބަރު

ކުޅުދުއްފުށި ހޮސްޕިޓަލަށް އިތުރުކުރި 36 އެނދާއެކު ޖާގައިގެ ދަތިކަމަށް ޙައްލެއް


ކުޅުދުއްފުށީ ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި 36 އެނދުގެ އިމާރާތުގެ މަސައްކަތް ނިމިއްޖެއެވެ. މި އިމާރާތުގައި އައިސިޔޫއާއި، އެޑްމިޓްކުރާ 2 ވޯޑް ހިމެނެއެވެ.

އަތޮޅު ހޮސްޕިޓަލްތަކުގެތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވެގެންދަނީ އެންމެ ބާރު ބޮޑު ހޮސްޕިޓަލަށެވެ. 10000 މީހުންގެ އާބާދީއެއް އޮތް ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން، ކައިރި ހުރިހާ އަތޮޅެއްގެ މީހުން ބަރޯސާވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށެވެ. އެހޮސްޕިޓަލަށް އެވްރެޖްކޮށް ދުވާލަކު 350-400 މީހުުން އެކި ބޭނުންތަކުގައި ޑޮކްޓަރަށް ދައްކައެވެ.

ހޮސްޕިޓަލްގެ ޚިދުމަތް ފެށުނީއްސުރެ މިހާތަނަށް، ޚިދުމަތް ފުޅާކުރުމާއި އިމާރާތައްވެސް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އެންމެ ބޮޑު ދައްޗަކީ ހޮސްޕިޓަލްގެ އޯޕީޑީއާއި އައިސީޔޫގެ ދަތިކަމެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެވޭ އެނދު ހުރި އަދަދަށްވުރެ، އިތުރަށްވެސް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތު ކުރިމަތިވާކަމަށް ހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު ދާއޫދު ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމަށް އާ އިމާރާތެއް އެޅުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ ޢަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ މޭ މަހުއެވެ. 3 ފަންގިފިލާގެ މިއިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ އައިސީޔޫ އެނދުގެ އަދަދު އިތުރުކޮށް، އެޑްމިޓްކޮށް ފަރުވާ ދެވޭ މީހުންގެ އަދަދު އިތުރުކުރުމުގެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އިމާތާރުގެ މަސައްކަތް މިހާރު މިވަނީ މުޅިން ނިމިފައެވެ. އިމާރާތަށް ބޭނުންވާ މުހިންމު ސާމާނުވެސް ވަނީ ހަމަކޮށްފައެވެ. ހެލްތު މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އިމާރާތް ވަރަށް އަވަހަށް ކުޅުދުއްފުށި ހޮސްޕިޓަލާ ހަވާލުކުރާނެއެވެ. އަދި އިމާރާތް ހަވާލުކުރިހާ އަވަހަށް އިމާރާތް ބޭނުންކުރަން ފަށާނެކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެއެވެ.

މިހާރު ކުރިއަށްދަނީ އިމާރާތް ބޭނުންކުރަން ފެށުމުގެ ފަހުގެ ތައްޔާރީތަކެވެ.

އާ އިމާރާތުގައި 36 ކޮޓަރި ހުންނާނެއެވެ. އިމާރާތުގެ ދެ ފަންގިފިލާގައި، ޖުމްލަ 30 އެނދުގެ ވޯޑު ހިމެނެއެވެ. އަދި އެއް ފަންގިފިލާ ޚާއްސަކޮށްފައިވަނީ އައިސީޔޫގެ ޚިދުމަތަށެވެ. އެއީ 6 އެނދުގެ ފުލްފްލެޖް އައިސީޔޫއެކެވެ.

މި މަޝްރޫޢު ކުރިން ކުރިއަށްގެންދިއުމަށް ނިންމީ 2 ފަންގިފިލާގެ އިމާރާތަކަށެވެ. ނަމަވެސް ފަހުންވަނީ 3 ފަންގިފިލާއަށް ބަދަލުކޮށް، އެނދުގެ އަދަދު އިތުރުކޮށްފައެވެ. ހޮސްޕިޓަލްގައި މިހާރު ބޭނުންކުރާ އިމާރާތަކީވެސް 36 އެނދުގެ އިމާރާތެކެވެ. އާ އިމާރާތާއެކު ހޮސްޕިޓަލްގެ އެނދުގެ އަދަދު ދެ ގުނަ އިތުރުވާނެއެވެ.

އާ އިމާރާތާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދިނުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ދާއޫދް ވިދާޅުވިއެވެ. ޚާއްސަކޮށް އައިސީޔޫގެ ޖާގައިގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެއެވެ. މިހާރު މީހުން ގިނަވާއިރު، އިތުރު އެނދު ޖަހައިގެން ފަރުވާދޭންޖެހޭ ހާލަތަށްވެސް ދެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އާ އޯޕީޑީ އިމާރާތެއް އިތުރުކުރުމުގެ މަސައްކަތްވެސް ފަށައިގެންދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ބޮޑެތި ގިނަ މަސައްކަތްތަކާއެކު، މުޅި މަޝްރޫޢުގެ %64 މިހާރު ވަނީ ނިމިފައެވެ.

ހޮސްޕިޓަލްގެ މެނޭޖަރ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އާރްޓީއެލްގެ އާއްމު ދަތުރުފަތުރުގެ ނިޒާމާއެކު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ މީހުންގެ ނިސްބަތް މިހާރު މާބޮޑަށް އިތުރުވެފައިވާކަމަށެވެ. މިއާއެކު އެޕޮއިންޓްމަންޓް ލިބުމުގެ ދަތިކަންވެސް ބޮޑުކަމަށެވެ. ހޮސްޕިޓަލްގައި މިހާރު ބޭނުންކުރަނީ 11 އޯޕީޑީ ކޮޓަރިއެވެ.

"އާ އިމާރާތް ކުރިން ނިންމީ 10 އޯޕީޑީ ރޫމަށް ހަދަން. ނަމަވެސް ފަހުން ވަނީ 24 އެނދުގެ އޯޕީޑީ އިމާރާތަކަށް ބަދަލުކޮށްފައި. އުއްމީދުކުރަނީ އޮކްޓޯބަރު މަހު އިމާރާތް ނިމި ޚިދުމަތް ފެށުމާއި ހަމައަށް ދެވޭނެކަމަށް." ދާއޫދު ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ފަސް ސަރަޙައްދުގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ހިމެނެއެވެ. މި މަޝްރޫޢުގައި ކުޅުދުއްފުށީގައި 100 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރާނެއެވެ.
މިކަމަށް ބޭނުންވާ ބިން ކަނޑައެޅި، އެކަމާ ގުޅުންހުރި މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.