ޚަބަރު

ފުރަތަމަ 2 ހަފްތާތެރޭގައި މިނީ ބަހަށް ލައްކައަކަށްވުރެ ގިނަ މީހުން


ފުރަތަމަ 2 ހަފްތާގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ މީހުން މިނީ ބަހުގެ ހިދުމަތް ހޯދާފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ބަހުގެ ޚިދުމަތުގައި އެންމެ ގިނަ މީހުން ބޭނުންކުރަމުންދަނީ އޯކިޑް ރޫޓެވެ.

ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ބަހުގެ ޚިދުމަތް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ފުރަތަމަ ދެހަފްތާގެ ބަހުގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ޢާއްމުންގެ ފަރާތުން ލިބިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މިނީ ބަހަށް ފުރަތަމަ 2500 އެއްހާ މީހުން އެރިނަމަވެސް، ދެން އައީ ކޮންމެ ދުވަހަކުވެސް އަދަދުތައް އިތުރުވަމުންނެވެ، އެގޮތުން ހަތަރު ހާހުން، 7 ހާޙުން އިތުރުވަމުން ގޮސް، މިއަދު އެވްރެޖްކޮށް ދުވާލަކު 10 ހާހާއި ގާތްކުރާ އަދަދަކަށް އާއްމުން މިނީ ބަސް ބޭނުންކުރެއެވެ. އަދި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 106000 މީހުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ހޯދާފައިވާކަން އެމްޓީސީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންކުރަނީ އޯކިޑް ރޫޓުކަމަށާއި އެރޫޓުގައި ޑިމާންޑް ބޮޑުވާ މައިގަނޑު ސަބަބަކީ ސަރުކާރުގެ އެކި އޮފީސްތައް ހުންނަ ސަރަޙައްދުގައި އެރޫޓު ހިމެނޭތީކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ބަހުގެ ޚިދުމަތުގެ ފުރަތަމަ ދެހަފްތާއަށް ބަލާއިރު އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އޯކިޑް ރޫޓުންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އަމީނީ ރޫޓުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ލޭންޑް ޓްރާންސްޕޯޓްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ނާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް ފެށުމާއެކު މާލޭގެ ބާރު ބޮޑު މަގުތަކަށް ލުޔެއް އައިސްފައިވާކަން ފާހަގަވެފައިވާކަމަށެވެ.

"އަޅުގަނޑުމެން މިޚިދުމަތްފެށީ އެތައް ބަޔަކު މިކަމަށް ބޭނުންވެފައި ތިއްބާ. ޚިދުމަތަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އެނގިގެން އެބަދޭ ޚިދުމަތް ފެށި ފުރަތަމަ ދެހަފްތާގައިވެސް ލައްކައަކަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކުރުމުން" ނާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މީގެކުރިން ނިންމާފައިވަނީ ޚިދުމަތުގެ ފުރަތަމަ ދެހަފްތާގައި ހިލޭ ދަތުރުތައް ކުރުމަށްފަހު 3 ވަނަ ހަފްތާއިން ފެށިގެން ފައިސާ ނަގަން ފެށުމަށެވެ. އެހެންނަމަވެސް މިހާރު އިތުރު ދެހަފްތާއަށް ވަނީ މި މުއްދަތު އިތުރުކޮށްދީފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިގޮތަށް ނިންމީ ބަހުގެ ޚިދުމަތުގައި ފައިސާ ދެއްކުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަޞީލަތްތަކަށް ޢާއްމުން އަހުލުވެރިވުމަށް އިތުރު ފުރުސަތެއް ދިނުމަށްކަމަށެވެ.

"އަޅުގަނޑުމެން ޚިދުމަތުގައި ބޭނުންކުރަނީ އާރްޓީއެލް ކިއުއާރް ކޯޑެއް. މިކޯޑު މެދުވެރިކޮށް ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށްދާއިރު އަދިވެސް މީހުން މިނިޒާމަށް އަހުލުވެރިވާން ވަގުތު ބޭނުންވާކަމަށް އަޅުގަނޑުމެނަށް ވިސްނުނީ" އާޒިމް ވިދާޅުވިއެވެ.

ބަހުގެ ރޫޓުތަކަށް އަދިވެސް މީހުން އަހުލުވެރިވުމުން މަގުތަކަށް މިހާރު އަންނަމުންދާ ވަރަށްވުރެ ބޮޑަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ބަހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެމްޓީސީސީން އަންނަނީ ވިސްނަމުންނެވެ. އަދި ޢާއްމުން މިހާރު އެންމެ ބޮޑަށް ބޭނުންވާ ރޫޓުތަކުން ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްވެސް ޕްލޭންތަކެއް ހަދަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.