ޚަބަރު

ރާއްޖޭގައި ދިރާސީ ވެއްޓެއް އަންނަނީ އުފެދެމުން : ޑރ. ޒަކަރިއްޔާ


ރާއްޖޭގައި ދިރާސީ ވެއްޓެއް އުފެދެމުންދާކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" އިން ހާމަވާކަމަށް އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އައިޔޫއެމްގެ މަހާސިންތާ ވަރަށް ކާމިޔާބު ކަމަށެވެ. އަދި ރާއްޖޭގައި ދިރާސީ ވެއްޓެއް ޤާއިމުވަމުންދާކަން މިއަހަރުގެ މަހާސިންތާގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަވިކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެކުރިން ބޭއްވި މަހާސިންތާތަކަށްވުރެ މިއަހަރުގެ މަހާސިންތާ އެތައް ގޮތަކުން ރަނގަޅުކަން ޑރ. ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

"ރާއްޖައި މިހިންގާ އެންމެ ބޮޑު ދެ ޔުނިވަރސިޓީއިން ރާއްޖޭގެ މާޙައުލާއި ގުޅޭ އެކި ކަންކަމަށް އަލިއަޅުވާލާ ދިރާސާ ކަރުދާސް ހުށައެޅުމުން އެބަ އެނގިގެންދޭ ރާއްޖޭގައި ވަރަށް ބޮޑަށް ދިރާސީ ވެއްޓެއް ޤާއިމުވަމުންދާކަން." ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

މި މަހާސިންތާގެ ތެރެއިން ރާއްޖެއާއި ގުޅޭ ގިނަ ދާއިރާތަކުން ޕޭޕަރުތައް ހުށައަޅާފައިވާކަން ޑރ. ޒާކަރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މަހާސިންތާ މިއަހަރަށްވުރެ ފުރިހަމަ ކުރަން އައިޔޫއެމްއިން މަސައްކަތް ކުރައްވާނެކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

އައިޔޫއެމް މަހާސިންތާގައި ރާއްޖެއިން ބޭރުގެ 12 ބޭފުޅަކާއި ރާއްޖޭގެ 218 ބޭފުޅަކުވަނީ ބައިވެރިވެފައެވެ. މި މަހާސިންތާގައި ބޭރުގެ 3 ކީނޯޓް ސްޕީކަރެއް ވަނީ ވާހަކަދައްކަވާފައެވެ. ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި މަހާސިންތާއަށް 48 ކަރުދާސްވަނީ ހުށައަޅާފައެވެ.

މައިގަނޑު 4 ދާއިރާއަކުން މިއަހަރު ކަރުދާސް ހުށައެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. އޭގެތެރޭގައި ސޯޝަލް ސައިންސާއި، އިންސާނުންނާއި، ތަޢުލީމުގެ ދާއިރާއާއި، ޤުރުއާނާއި ބެހޭ ޢިލްމާއި، ޝަރީޢާ އެންޑް ލޯއަށް ޚާއްސަ ދާއިރާއަކާއި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ޓެކްނޮލޮޖީގެ ދާއިރާއާއި ހިންގުމުގެ ދާއިރާއާއި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެކައުންޓިންގއާއި ބެންކިންގާއި ފައިނޭންސްގެ ދާއިރާ ހިމެނެއެވެ.

މީގެއިތުރުން ކޯވިޑް-19ގެ ސަބަބުން ކޮށްފައިވާ އަސަރުތަކާގުޅޭ ކަރުދާސް ހުށައެޅުމުގެ ފުރުސަތުވެސް ހުޅުވާލިއެވެ. މިއީ އައިޔޫއެމްއިން ބޭއްވި މިފަދަ 7 ވަނަ މަހާސިންތާއެވެ. އެންމެ ފުރަތަމަ މިމަހާސިންތާ ބާއްވާފައިވަނީ 2016 ވަނަ އަހަރުގައެވެ.