ޚަބަރު

ރައީސްގެ ދެ ކަނބަލުން އިނގިރޭސިވިލާތުގެ ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިހާރު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ތަޙުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި، އެޤައުމުގައި އެންމެ ދިގުމުއްދަތެއްގައި ރަނިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިޙްތިރާމު އަދާކުރައްވައިފިއެވެ.

ރާނީ އެލިޒަބަތު 2ވަނަ އަވަހާރަވީ 2022 ސެޕްޓެންބަރ 8 ވީ ބުދަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 96 އަހަރެވެ.

ރާނީއަށް އެންމެފަހުގެ އިޙްތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން، ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލަންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ މެސެޖު ލިއުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާރލްސް 3 އަށާއި، ޝާހީ ޢާއިލާއާއި، އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތު ޤައުމުތަކުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި މެސެޖުގައި ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ޤައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމުގެ ފުރުޞަތު، އެމަނިކުފާނަށް ލިބިވަޑައިގެންނެވިތީ ޝުކުރުވެރިވެވަޑައިގަންނަވާކަން ބަޔާންކުރައްވާފައި ވެއެވެ. އަދި ރާނީ އެލިޒަބަތު 2 ގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ލިއުއްވާފައިވެއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ އެކަމަނާއާއި އަދި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައާ މޮޅިވެރިކަން ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މައެއްގެ ގޮތުން އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާތައް ފާހަގަކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މައިންވެސް، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އިނގިރޭސި ވިލާތަށް އަދި އެ ޤައުމުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަކީ ތަޢުރީފު ޙައްޤު ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ.

ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި 2022 ސެޕްޓެންބަރު 19ވާ ހޯމަ ދުވަހު އިނގިރޭސި ވިލާތުގެ ގަޑިން 11 ޖަހާއިރުއެވެ.