ޚަބަރު

މާލޭގައި މިނީ ބަހުގެ ދަތުރުތައް އިތުރު ދެ ހަފްތާއަށް ހިލޭ


މާލޭގައި މިނީ ބަހުގެ ޚިދުމަތް އިތުރު ދެ ހަފްތާއަށް ހިލޭ ދިނުމަށް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ބަހުގެ ރޫޓްތަކާއި، ޓިކެޓް ނެގުމަށް އާއްމުން އިތުރަށް އަހުލުވެރިކުރުވަންކަމަށެވެ.

ބަހުގެ ޚިދުމަތް މާލޭގައި ފެށީ މިމަހުގެ 5ވަނަ ދުވަހުއެވެ. އޭރު ސަރުކާރުން ނިންމާފައި އޮތީ ޚިދުމަތް ފަށާ ފުރަތަމަ ދެ ހަފްތާ، އެއްވެސް އަގަކާ ނުލާ ދަތުރުތައް ބޭއްވުމަށެވެ. އަދި ސެޕްޓެމްބަރު 19އިން ފެށިގެން ޚިދުމަތަށް އަގު ނަގަން ފެށުމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު އިތުރު ދެ ހަފްތާއަށް ބަސް ދަތުރު ހިލޭ ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި މިއީ މި ޚިދުމަތަށް އާއްމުން ހޭލުންތެރިކޮށް، ޓިކެޓް ނެގުމަށް ބޭނުންކުރާ އާރްޓީއެލް އެޕްލިކޭޝާނާއި، ޕޯޓަލްއަށް އާއްމުން ފަރިތަކުރުމަށް އިތުރަށް ވަގުތު ބޭނުންވާތީކަމަށެވެ.

މާލޭގެ ބަސް ދަތުރުތަކުގެ އަގުގެ ގޮތުގައި ނެގުމަށް ސަރުކާރުން ނިންމާފައިވަނީ 7 ރުފިޔާއެވެ.

މިނީ ބަހުގެ އަގުތައް ސަރުކާރުން ކަނޑައަޅާފައިވަނީ އާއްމުންނަށް ވީހާވެސް ލުއިފަސޭހަވާނެގޮތަށް، ވީހާވެސް ކުޑަ އަގެއްގައެވެ. މިނީ ބަހުގެ ދަތުރެއްގެ އަގަކީ މާލެތެރޭގައި 7 ރުފިޔާއެވެ. މިއީ އާއްމުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މާލޭތެރޭގައި ޓެކްސީ ދަތުރުކުރަނީ 30 ރުފިޔާއަށެވެ. 28 ރުފިޔާއަށް މިނީ ބަހުގެ 4 ދަތުރު ކުރެވެއެވެ. އަދި މިއީ ޔަގީންކަން އޮތް ދަތުރުފަތުރުގެ ނިޒާމެކެވެ.

ޚިދުމަތަށް ފަސޭހަކަމާއެކު ޓިކެޓް ނަގާނެގޮތްތަކަށް މީހުން އަހުލުވެރިކުރުވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް އެމްޓީސީސީން ވަނީ ފަށާފައެވެ.

ބަހަށް ފައިސާ ދައްކާނީ ކިހިނެތް!

ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމުގައި ފަސޭހަ ގޮތްތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އާރްޓީއެލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. މިޚިދުމަތް އަލަށް ހޯދާއިރު ޚިދުމަތަށް ރަޖިސްޓްރީކުރަން ޖެހޭނެއެވެ. އެ ލޮގިން، ސޭވްކޮށްލުމުން ދެން އާ ލޮގިންއެއް ހަދާކަށް ނުޖެހޭނެއެވެ.

ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ޚިޔާރުކޮށް، ބޭންކް ކާޑް މަޢުލޫމާތާއި އީ.މެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެއެވެ. މި ޚިދުމަތުގައި ފައިސާ ދައްކާ ކާޑުގެ މަޢުލޫމާތުވެސް ސޭވް ކުރެވޭނެއެވެ.

ފައިސާ ދެއްކުމުން ޓިކެޓް ފެންނާނެއެވެ. ނަގާ ޓިކެޓް 7 ދުވަހުގެ މުއްދަތައް ބޭއްވޭނެއެވެ. ބަހަށް އަރާ ޓިކެޓްގެ ކިއު.އާރް ކޯޑް ސްކޭންކޮށްލުމުން ބަހަށް ފައިސާ ދެއްކުނީއެވެ.

މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ޕޯޓަލްއާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. ނަމަވެސް އާއްމުންނަށް މި ޚިދުމަތަށް ފަސޭހައިން ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް، ކޭޝްކާޑް ބޭނުންކޮށްގެން ވަގުތުން ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ. މި ޚިދުމަތް ފަށާނެ ވަކި ތާރީޚެއް އަދި ނޭނގެއެވެ.

މިނީ ބަހުގެ ޚިދުމަތް ވެފައި މިވަނީ އާއްމުން ވަރަށް ބޮޑަށް ބަރޯސާވާ ޚިދުމަތަކަށެވެ. ބަހުގެ ޚިދުމަތުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް، ބައި ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޚިދުމަތް ހޯދާފައިވެއެވެ. 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ސްކޫލް ކުދިންނަށް އެމްޓީސީސީގެ ބަސްދަތުރުތައް ހިލޭ ކުރެވޭނެއެވެ.

އާރްޓީއެލްގެ ޚިދުމަތް ދިނުމަށް 18 ބަސް އޮވެއެވެ. 3ރޫޓަކުން، 40އަށްވުރެ ގިނަ ސްޓޮޕަށް ބަސް މަޑުކުރެއެވެ. ބަސް ސްޓޮޕްތައް ހަދާފައިވަނީ މާލޭގެ ކޮންމެ ސަރަޙައްދަކުންވެސް 10މިނެޓުން ހިނގާލާފައި ދެވޭހާ ކައިރީގައެވެ.