ޚަބަރު

މޫނަށް ހެރުނީ 3 ފޫޓުގެ ދަގަނޑެއް، ހަށިގަނޑުގެ ބޭރުން ފެންނަން ހުރީ ކައިވަތެއް


ހަދަމުން އަންނަ އިމާރާތަކުން ދަގަނޑެއް ވެޓި ބިދޭސީއެއްގެ މޫނަށް ހެރުނީ 3 ފޫޓުގެ ދަގަނޑެއް ކަމަށާއި، ސާރޖަރީއަށްފަހު އެ ދަގަނޑު އޭނާގެ ހަށިގަނޑުން ނަގާފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހެންވޭރުގައި ހަދަމުން އަންނަ އިމާރާތުން ދަގަނޑެއް ވެއްޓި، ހިނގި މި ހާދިސާގައި ޒަޚަމްވީ އެ ސައިޓުގައި މަސައްކަތްކުރަމުން އަންނަ ބިދޭސީއެކެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ނޭފަތާ ދިމާލުން ދަގަނޑު ވަދެފައި ހުރިއިރު ހަށިގަނޑުން ބޭރަށް ފެންނަން އިނީ އެ ދަގަނޑުގެ ކައިވަތެއްހާ ތަނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލް ވިދާޅުވީ، އެ ދަގަނޑުގެ ސަބަބުން އޭނާގެ އެތެރެހައްޓަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ވެފައިވާކަމަށެވެ. އަފްއާލް ވިދާޅުވީ އެމީހާގެ ހަށިގަނޑުން ދަގަނޑު ނަގައި އޭނާގެ އެތެރެހައްޓަށް ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން މިހާތަނަށް ދެނެގަނެވުނު ކަންތައްތަކަށް ފަރުވާދިނުމަށް ހަދަން ޖެހޭ ސަރޖަރީތައް މިހާރު ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ސާޖަރީތަކަށް 8 ގަޑި އިރު ހޭދަވި ކަމަށާއި، އޭގެ ފަހުން މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި އެމީހާ މޫނަށް ދަގަނޑު ވަނީ 7 ވަނަ ފަންގިފިލާއަށް ދަގަނޑުތައް އަރުވަނިކޮށް ދަގަނޑެއް ވެއްޓިގެންނެވެ.

ޢިމަރާތްކުރާ ސައިޓުތަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަނީ، ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ނުކުރާތީކަމަށް ޢިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން ވެސް މާލޭގައި ކޮންސްޓްރަކްޝަން ސަރަހައްދުތަކުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގައި މީހުން މަރުވެސްވެފައިވެއެވެ.