ޚަބަރު

މާދަމާއިން ފެށިގެން މިނީ ބަހުގެ ޚިދުމަތުން އަގު ނަގަނީ، ޓިކެޓް ނެގޭނީ އޮންލައިންކޮށް


އެކަށީގެންވާ އެއްގަމުދަތުރުފަތުރުގެ ނިޒާމަކުން މާލެ ގުޅާލުމަކީ ސަރުކާރުގެ ވަޢުދެކެވެ. މި ޚިދުމަތް މާލެއަށް މުހިންމުވާ ސަބަބުތައް ވަރަށް ގިނައެވެ.

ޚިދުމަތްތައް ހޯދުމަށް ދާން ޖެހޭ ސަރަޙައްދުތައް ދުރުވުމާއި، މާލޭގައި ދަތުރުފަތުރުގެ ނިޒާމުގެ އަގު ބޮޑުވުމާއި، އަދި ޓެކްސީ ހޯދަން އުނދަގޫވުމުގެ ޝަކުވާވެެސް ބޮޑެވެ. އާއްމުންނަށް ބަރޯސާ ވެވޭ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ނެތެވެ. މި ހުރިހާ ކަމަކަށް ހައްލު ގެނެސްދީ، އާއްމުންނަށް ބަރޯސާވެވޭ އާއްމު ދަތުރުފަތުރުގެ ނިޒާމެއް ގެނެސްދިނީ، "ރާއްޖެ ޓްރާންސްޕޯޓް ލިންކް"އެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ، ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ. އާރްޓީއެލް މިނީ ބަހުގެ ފުރަތަމަ ދެ ހަފްތާގައި ކުރިއަށްގެންދިޔައީ އަޖުމަބެލުމުގެ ދަތުރުތަކެވެ. އަޖުމަބެލުމުގެ ކާމިޔާބު ދެ ހަފްތާއަށް ފަހު، މާދަމާއިން ފެށިގެން މާލޭގައި ރަސްމީކޮށް މިނީ ބަހުގެ ޚިދުމަތް ފެށޭނެއެވެ. އެއާއެކު ބަހުގެ ޚިދުމަތުން އަގު ނަގަން ފަށާނެއެވެ.

މިނީ ބަހުގެ އަގުތައްވެސް ސަރުކާރުން ކަނޑައަޅާފައިވަނީ އާއްމުންނަށް ވީހާވެސް ލުއިފަސޭހަވާނެގޮތަށް، ވީހާވެސް ކުޑަ އަގެއްގައެވެ. މިނީ ބަހުގެ ދަތުރެއްގެ އަގަކީ މާލެތެރޭގައި 7 ރުފިޔާއެވެ. މިއީ އާއްމުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މާލޭތެރޭގައި ޓެކްސީ ދަތުރުކުރަނީ 30 ރުފިޔާއަށެވެ. 28 ރުފިޔާއަށް މިނީ ބަހުގެ 4 ދަތުރު ކުރެވެއެވެ. އަދި މިއީ ޔަގީންކަން އޮތް ދަތުރުފަތުރުގެ ނިޒާމެކެވެ.

ބަހަށް ފައިސާ ދައްކާނީ ކިހިނެތް!

ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމުގައި ފަސޭހަ ގޮތްތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އާރްޓީއެލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. މިޚިދުމަތް އަލަށް ހޯދާއިރު ޚިދުމަތަށް ރަޖިސްޓްރީކުރަން ޖެހޭނެއެވެ. އެ ލޮގިން، ސޭވްކޮށްލުމުން ދެން އާ ލޮގިންއެއް ހަދާކަށް ނުޖެހޭނެއެވެ.

ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ޚިޔާރުކޮށް، ބޭންކް ކަރޑް މަޢުލޫމާތާއި އީ.މެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެއެވެ. މި ޚިދުމަތުގައި ފައިސާ ދައްކާ ކާޑުގެ މަޢުލޫމާތުވެސް ސޭވް ކުރެވޭނެއެވެ.

ފައިސާ ދެއްކުމުން ޓިކެޓް ފެންނާނެއެވެ. ނަގާ ޓިކެޓް 7 ދުވަހުގެ މުއްދަތައް ބޭންވޭނެއެވެ. ބަހަށް އަރާ ޓިކެޓްގެ ކިއު.އާރް ކޯޑް ސްކޭންކޮށްލުމުން ބަހަށް ފައިސާ ދެއްކުނީއެވެ.

މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ޕޯޓަލްއާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. ނަމަވެސް އާއްމުންނަށް މި ޚިދުމަތަށް ފަސޭހައިން ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް، ކޭޝްކާޑް ބޭނުންކޮށްގެން ވަގުތުން ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ. މި ޚިދުމަތް ފަށާނެ ވަކި ތާރީޚެއް އަދި ނޭންގެއެވެ.

ޚިދުމަތަށް ފަސޭހަކަމާއެކު ޓިކެޓް ނަގާނެގޮތްތަކަށް މީހުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކެއް އެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިނީ ބަހުގެ ޚިދުމަތް ވެފައި މިވަނީ އާއްމުން ވަރަށް ބޮޑަށް ބަރޯސާވާ ޚިދުމަތަކަށެވެ. ބަހުގެ ޚިދުމަތުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް، ބައި ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޚިދުމަތް ހޯދާފައިވެއެވެ.

އާރްޓީއެލްގެ ޚިދުމަތް ދިނުމަށް 18 ބަސް އޮވެއެވެ. 3ރޫޓަކުން، 40އަށްވުރެ ގިނަ ސްޓޮޕަށް ބަސް މަޑުކުރެއެވެ. ބަސް ސްޓޮޕްތައް ހަދާފައިވަނީ މާލޭގެ ކޮންމެ ސަރަޙައްދަކުންވެސް 10މިނެޓުން ހިނގާލާފައި ދެވޭހާ ކައިރީގައެވެ.