ޚަބަރު

ދަތިތަކާއެކުވެސް ތިނަދޫ މަގުހެދުމުގެ މަސައްކަތް ކުރިއަށް!


ތިނަދޫ މަގު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑެތި މަގުތަކުގައި ސައިޑްވޯކްގެ މަސައްކަތް ކަމަށާއި، މިމަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ގދ.ތިނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން 14 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރަމުންދާއިރު މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށް ކައުންސިލާއި ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު ޢަލީ ވިދާޅުވީ އުންމީދުކުރި ވަރަށްވުރެ މި މަސައްކަތް ކުރިއަށްދާ މިންވަރު ލަސްވެފައިވާކަމަށެވެ. މަސައްކަތް ލަސްވާ މައިގަނޑު ސަބަބަކީ މަގުތަކާ ގުޅޭގޮތުން ތިނަދޫގައި މިހާރު ކުރިއަށްދާ އިތުރު މަޝްރޫޢެއްގައި މަގުތަކުގައި ވަޅުލަމުންދާ ޕަމްޕުތަކާއި ކުރިން ވަޅުލާފައިވާ ކޭބަލްތައް ހުރިގޮތުން އެތަކެތި ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ވަމުންދާ ލަސްތަކެއްކަމަށެވެ. މަގުގެ އެކި ހިސާބުގައި ކޭބަލްތައް ކުރިން އަޅާފައިވާގޮތުން ފެންހިންދުމަށް ބޭނުންވާ ޕަމްޕް ބަހައްޓަންޖެހިފައިވަނީ މަގުގެ އެކި ފަރާތުގައި ކަމަށް ކައުންސިލުން ވިދާޅުވެއެވެ. މީގެ ސަބަބުން މަގު ހެދުމުގެ މަސައްކަތަށް ދަތިވެފައިވާތީ، މިކަމަށް ހައްލެއް ގެނައުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާރްޑީސީއާއި ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި އެންމެ އަވަހަށް މަސައްކަތް ފެށެން ހުރި މަގުތައް ދެނެގަނެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

ސައުދު ވިދާޅުވީ އާރްޑީސީއިން މަގުހަދަނީ ތާރު އަޅައިގެންކަމަށްވުމުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ބިމުގެ އަޑީގައި ވަޅުލާފައިވާ އެކި އެކި ކޭބަލްތަކާއި ޕަމްޕުތައް ރަނގަޅު އިންތިޒާމެއްގެ ދަށުން ބަދަލުކޮށްގެން ނުވަތަ ޑިޒައިނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް މަސައްކަތް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބޮޑެތި މަގުތަކުގެ ސައިޑްވޯކްގެ މަސައްކަތް ކަމަށް ސައުދު ވިދާޅުވިއެވެ. މިމަސައްކަތް ނިމުމާއެކު ތާރުއެޅުމުގެ މަސައްކަތް ފެށުމަށްޓަކައި ގެންނަންޖެހޭ ހުރިހާ ބަދަލެއް ގެނައުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިވަގުތު އަންނަނީ ކުރަމުންނެވެ. އެގޮތުން 7000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫގައި ފެންބޮޑުވެ ފެން ނުހިނދުމުގެ މައްސަލަ ޙައްލުކުރުމަށް އެރަށުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ދެވަނަ ފިޔަވަހީގައި ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާއިރު މިމަޝްރޫޢުގެ މަސައްކަތް ނިމޭއިރު ތިނަދޫގެ ގިނަ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމޭނެއެވެ.