ޚަބަރު

މިސައިލް ޓެސްޓާއި މެދު ރަޝިޔާއިން ކަންބޮޑުވުން ފާޅުކޮށްފި


އުތުރުކޮރެޔާއިން ތަޖުރިބާކުރި ބެލަސްޓިކް މިސައިލްގެ މައްސަލާގައި އެގައުމާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން އިޙްތިޖާޖް ކުރުންނޫންގޮތެއް ނެތްކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، އުތުރުކޮރެޔާއިން އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނު ތަކަށް ތަކުރާރުކޮށް ގޮންޖަހަމުންދާތަން ފެންނަމުން ދިޔުމަކީ ކަންބޮޑުވާކަމެއްކަމަށް ބުނެފައިވެއެވެ. އަދި މުޅި ބައިނަލްއަގްވާމީ މުޖްތަމައާ ދެކޮޅަށް މިފަދަ އަމަލުތައް ހިންގައިގެން އުތުރުކޮރެޔާގެ ގައުމީ މަސްލަޙަތު ޙިމާޔަތް ކުރެވިދާނެތޯ އެގައުމުގެ ލީޑަރޝިޕުން ފުންކޮށް ވިސްނަންޖެހޭކަމަށްވެސް ރަޝިޔާގެ ޚާރިޖިއްޔާގެ ބަޔާން ބުނެއެވެ. އުތުރުކޮރެޔާއިން އާދީއްތަ ދުވަހުވަނީ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް ތަޖުރިބާކޮށްފައެވެ. މިއީ ސެޓަލައިޓެއް އޯބިޓްގައި ބެހެއްޓުމަށްޓަކައި ފަޒާއަށް ފޮނުވާލި ރޮކެޓެއްކަމަށް އުތުރުކޮރެޔާގެ ސަރުކާރުން ބުނިނަމަވެސް އެގައުމުން ފޮނުވާލާފައިވަނީ ދިހަ ހާސް ކިލޯމީޓަރުގެ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއްކަމަށް ރިޕޯޓްތައް ބުނެއެވެ.