ޚަބަރު

ރައްޔިތުންގެ ކަންކަން ހާސިލްކުރެވޭނީ ޑިމޮކްރަސީގެ އުސޫލުން މަޝްވަރާއަށް އިސްކަންދީގެން!


މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހެވެ. ޒަމާނާއި، ވަގުތާއި، ހާލަތަށް ބަލާއިރު މިއަދު ދުނިޔޭގެ އެކި ޤައުމުތަކަށް ޑިމޮކްރަސީއާއެކު އައިސްފައިވާ ބޮޑެތި ކުރިއެރުންތައް ދަނީ ފެންނަމުންނެވެ. އެއްބަޔަކަށް ޑިމޮކްރަސީއަކީ ކަމުދާ އެއްޗަކަށް ނުވިޔަސް އަނެއްބަޔަކު ޤަބޫލުކުރާ ގޮތުގައި ޤައުމެއް ކުރިއަރާއި ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޑިމޮކްރަސީއެވެ.

ޑިމޮކްރަސީއަށް ރާއްޖެ މިއަދު ކުރަމުންދާ ދަތުރުގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ވެރިކަމުގެ ނިޒާމާއި، ޤާނޫނު ހެދުމުގެ ނިޒާމާއި، ޝަރުއީ ނިޒާމަކީ މުޅިން ވަކި ތިން ނިޒާމެއްގެ ތެރެއިން ދަނީ މަސައްކަތް ކުރަމުނެވެ. 2008ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ތަސްދީޤް ކުރެއްވި ފެހި ޤާނޫނު އަސާސީއަކީ މިނިވަންކަމާއި، ހަމަހަމަކާއި އިންސާފު ޤާއިމްކުރުމަށް އެކުލެވިގެންދިޔަ އެންމެބޮޑު އެއް ވަސީލަތްކަމުގައި ވަނީ ވެފައެވެ.

އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމާއި، ހައްގުތަށް ހޯދުމަށް ވަކާލާތުކުރުންފަދަ އެތައްކަމެއް އޭގެ ހައްދެއްނެތް މިންވަރަށް އޮތްކަން މިފަސްގަނޑުގައި ވަނީ ތަޖުރިބާ ކުރެވިފައެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން ރާއްޖެއިން ކުރި ޑިމޮކްރަސީގެ ކުރު ދަތުރުގައި ރާއްޖޭގެ ވެރިކަން 5 ބޭފުޅަކު ވަނީ ކުރައްވާފައެވެ. މިއިން ކޮންމެ ވެރިކަމެއްގައިވެސް ފެނިގެން ގޮސްފައިވަނީ ޑިމޮކްރަސީގެ އައު ސަފްހާތަކެއް ދިވެހިން ތަޖުރިބާ ކުރި ދުވަސްތަކެވެ.

ޒަމާނީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ބާރުކަމަށްވާއިރު، ސަރުކާރު ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަ ބަޔަކެވެ. މިމަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ހެދުމަށް ކުރެވިފައިވާ މަސައްކަތްތަކަކީ ޑިމޮކްރަސީއަށްޓަކައި އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.

ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި ދިވެހިން ޑިމޮކްރަސީއަށް ކުރި ދަތުރުގައި ގިނަ ކަންތައްތަކެއް ވަނީ އޮޅުންފިލާފައެވެ. އަދި މިއަދު ދުނިޔެ އޮތް ހާލަތުން ޑިމޮކްރަސީގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި ވަނީ އެކަކު އަނެކެއްގެ ހައްގުތައް ރައްކާތެރިކޮށް އެކަކު އަނެކަކަށް އިހުތިރާމްކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް ކަން މިވަނީ ހާމަވެފައެވެ.

ހަމަމިއާއިކު ޒިންމާދާރު ކަމާއި މިނިވަންކަމާއިއެކު ނޫސްވެރިންގެ ޒިންމާ އަދާކޮށް ރައްޔިތުންނަށް ސައްޚަ ތެދު މައުލޫމާތު ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން މިއަދު ކޮންމެހެންވެސް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ. މީޑިއާގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައި އޮތުމަކީ އޭގެ ސަބަބުން މުޖުތަމައަށް އޭގެ ނުރަނގަޅު އަސަރުކުރާނޭ ގޮތަކަށް މައުލޫމާތު ފެތުރުމަށް އޮތް ފުރުސަތެއްވެސް ނޫނެވެ.

ޑިމޮކްރަސީގެ ބާރުތަކުގެ ތެރެއިން އެއްވެ އުޅުމާއި، ޙިޔާލް ފާޅުކޮށް ޖަވާބުދާރީ ކުރުމަކީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއްބާރެވެ. ނަމަވެސް އާންމު ރައްކާތެރިކަމާއި، މުޅި މުޖުތަމައުގެ ސަލާމަތްތެރިކަން ނަގާލެވޭ ގޮތަށް އެކަން ކުރުމަކީ އެއީ ޑިމޮކްރަސީ ދަންނަ ކަމެއްނޫންނެވެ. ޑިމޮކްރަސީ އަކީ އަނެކާއަށްވެސް އިހުތިރާމްކޮށް، މުޅި މުޖުތަމައުގެ ހެވާއި ލާބައަށް ކުރެވޭ މަސައްކަތަކުން ފައްކާ ކުރެވޭ ނިޒާމެކެވެ.

ފެހި ޤާނޫނު އަސާސީގެ ދަށުން އުފެދުނު ވެރިކަން ތަކުގެ ތެރެއިން ޑިމޮކްރަސީގެ ރީތި މިސާލު މިހިނގާދައުރުގެ ތެރެއިން ދަނީ ފެންނަމުންނެވެ. ވިސްނުމާއި ފިކުރާއި، ޚިޔާލު ތަފާތު އެތައް ބަޔަކާއިއެކު ކުރަމުންދާ ވެރިކަމުގެ ކާމިޔާބު ކޯލިޝަން ވެރިކަމެއް ދެމެހެއްޓިފައިވަނީ މަޝްވަރާގެ އުސޫލު އިސްކުރުމުންނެވެ. ޚިޔާލް ފާޅުކުރުމާއި އެއްވެ އުޅުމާއި، ޖުޑީޝަރީގެ މިނިވަންކަމާއި، ބޭނުން ވާހަކައެއް ބޭނުން ތަނެއްގައި ބޭނުން ގޮތަކަށް ބުނެ، ލިޔެވޭނެ ޖާގަ ވަނީ ތަނަސްވެފައެވެ.

ޑިމޮކްރަސީ ދުވަސް ފާހަގަ ކުރާއިރު ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީއާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަ ކޮށްދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާކޮށް، ކުރެވޭ މަސައްކަތް ކާމިޔާބުކުރުމަށް ލިބިފައިމިވާ ޑިމޮކްރެސީގެ ފޮނިމީރުކަން ބޭނުންކުރާއިރު، ޙައްޤުތަކާ އެކުއެކީގައި ޒިންމާތަކެއްވެސް ވާކަން ޤަބޫލުކުރަންޖެހެއެވެ.