ޚަބަރު

"ކުޑަކުދިންގެ މައްސަލަތައް ބޮންސުންލައިގެން ދިއުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ސިޔާސަތު ކުރިއަރުވަންޖެހޭ"


މުޖުތަމަޢުގައި ހުރި ކުޑަކުދިންނާ ގުޅޭ މައްސަލަތައް ކުރިއާލާ ދެނެގަނެ، މައްސަލައެއް ބޮންސުންލައިގެން ދިޔުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ސިޔާސަތު ކުރިއަރުވަންޖެހޭކަމަށް ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީޤު ވިދާޅުވެއްޖެއެވެ.

ނިޢުމާތު މިހެން ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2022" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީޤު ވިދާޅުވީ، ކުޑަކުދިންނާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަލާއިރުވެސް، ކުޑަކުދިންގެ މަސްލަޙަތަށް މަސައްކަތް ކުރުމަށާއި އެކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރާ މަސައްކަތަކީ އެއް މުއައްސަސާއެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނޫންކަން ސާފުވާކަމަށެވެ. އަދި އެ އޮފީސް އުފެދުނު ފަހުން، އޮފީހަށް ހުށަހެޅޭ މައްސަލަތަކާ، ހޯދިފައިވާ ހޯދުންތަކުން، ކުޑަކުދިންނާގުޅުން ހުރި މައްސަލަތަކަށް ދުރާލާ ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން ހާމަވާކަމަށް ނިޢުމާތު ވިދާޅުވިއެވެ.

ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ހޯދައިދީ އެކުދިންގެ މަޞްލަޙަތު ޙިމާޔަތްކޮށްދީ އެކަން، ކަށަވަރު ކޮށްދިނުމަކީ ހަމަ އެކަކުވެސް އިސްތިސްނާ ވުމެއްނެތި، މުޅި މުޖުތަމަޢުގެ ކޮންމެ މީހެއްގެ މައްޗަށް ވާ ޒިންމާއެއްކަން ނިޢުމާތު ފާހަގަކުރެއްވިއެވެ.

"މުޖުތަމަޢުގައި ހުރި ކުޑަކުދިންނާގުޅޭ މައްސަލަތައް ދުރާލާ ދެނެގަނެ، އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅި، މައްސަލައެއް ބޮއްސުންލައިގެން ދިއުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ސިޔާސަތެއް އަޅުގަނޑުމެން ކުރިއަރުވަން އެބަޖެހޭ. ދުރާލާ މިދެންނެވި މައްސަލަތަކަށް އެޑްރެސްކުރެވޭނަމަ، ކުއްޖަކަށް ކަމެއް ދިމާވުމުގެ ކުރިން އެކަމެއްވިޔަނުދީ، އެ މައްސަލައަކަށް ޙައްލު ހޯދައިދެވޭނެ" ނިޢުމާތު ވިދާޅުވިއެވެ.

ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ މަޤްޞަދަކީ މުއައްސަސާތަކުގެ މަސައްކަތްތައް ބައްޓަންކުރުމުގައި ކުޑަކުދިންގެ މަސްލަޙަތަށް އިސްކަންދިނުމުގެ ރޫހު އާލާކުރުމާއި، މުއައްސަސާތަކުގެ ތަޖުރިބާގެ އަލީގައި ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ތަޖުރިބާ ޙިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށް ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހުން ވިދާޅުވެއެވެ.

މި ސިމްޕޯޒިއަމްގެ ތެރެއިން ކުޑަކުދިންގެ މަސްލަޙަތު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ތަފާތު މުއައްސަސާތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅާނެއެވެ. އޭގެ ތެރޭގައި އޭޖީ އޮފީސް، ޖެންޑަރ މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ފުލުހުން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، އެން.ޑީ.އޭ، ރައީސް އޮފީސް، އަދި ޔުނިސެފްގެ އިތުރުން ސްކޫލް ދަރިވަރުން ހިމެނެއެވެ.