ތިމާވެށި

ކުނި އުފުލުމަށް ގެނައި ލޭންޑިންގ ކުރާފްޓް ސަރުކާރާ ހަވާލުކޮށްފި


ރ. އަތޮޅު ވަންދޫގައި ސަރުކާރުން ޤާއިމްކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ބޭނުންކުރެއްވުމަށް އިންޑިއާގެ ކުންފުންޏަކާ ޙަވާލުކުރައްވައި އިންޑިއާއިން ބަނދެގެން ގެނައި ލެންޑިންގ ކްރާފްޓް، އިންޑިއާގެ ކުންފުނިން ސަރުކާރާ ޙަވާލުކޮށްފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ލޭންޑިންގް ކްރާފްޓާ ޙަވާލުވެވަޑައިގަތީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމްއެވެ. ރ. ވަންދޫގައި ސަރުކާރުން ޤާއިމް ކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ބޭނުންކުރެއްވުމަށްޓަކައި ބަނދެފައިވާ ލޭންޑިންގ ކްރާފްޓަށް ދީފައިވާ ނަމަކީ " ސާފު- 1". ސާފު 1 އަކީ 200 ޓަނުގެ ކުނި އުފުލޭ ލޭންޑިންގ ކްރާފްޓެކެވެ. މި ލޭންޑިންގް ކްރާފްޓް ބަނދެފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ވިޖައި މެރިން ސާރވިސަސްއާ ޙަވާލުކުރައްވައިގެނެވެ. މި އުޅަނދު ބަދެނިންމުމަށް 7 މަސްދުވަސް ހޭދަވެފައިވެއެވެ. ސާފު އެކެއް ޙަވާލުކުރުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރުމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ނ، ރ، ބ އަދި ޅ، މި ހަތަރު އަތޮޅުގައި ހިމެނޭ ރަށްތަކުން ކުނި އުފުލައިގެން ރ. ވަންދޫގައި ޤާއިމުކުރައްވާފައިވާ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް ޖަމާކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.މި 4 އަތޮޅުގެ އިތުރުން ސަރުކާރުން ގެންދަވަނީ ރައްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ކުނީގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. " ސަރުކާރުން މިއަހަރުގެ ބަޖެޓްގައި ޖަހައިގެން ފައިނޭންސް ހޯދައިގެން ހއ ހދ ށ މި 3 އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ވޭސްޓް މެނޭޖްމެންޓާއި ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރ ހެދުމުގެ މަސައްކަތް ކުރިޔަށްދަނީ." މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ. 2018 ގައި ހުރިހާ ރަށެއްގައި ވޭސްޓްމެނޭޖްމެންޓް ސެންޓަރުތައް ހެދިގެންދާނެކަމަށް ވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. އަދި ބޮޑެތި މުހިންމު ރަށްތަކަށް ބޭނުންވާ ވަޞީލަތްތަކާއި ތަކެތި ޙަވާލުކުރެވި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ ކަންތައްތައް ސަރުކާރުން ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.ވަންދޫގައި ތަރައްޤީކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ފެއްޓެވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ގެންދަވަނީ ކުރައްވަމުންނެވެ. ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭހެން ރ. ވަންދޫގައި ހިންގަވާ މި މަޝްރޫޢަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ތަރައްޤީކުރެވިގެންދާ ފުރަތަމަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެވެ.