ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ނަތީޖާ ނެރެވޭނީ މުޅި ދަަޢުލަތް އެކުގައި މަސައްކަތްކޮށްގެން: ރައީސް


ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ބޭނުންވާ ނަތީޖާ ނެރެވޭނީ މުޅި ދަަޢުލަތް އެކުގައި މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދެ ދުވަހުގެ މުއްދަކަށް ކްރޮސް ރޯޑް މޯލްޑިވްސްގައި ކުރިއަށްދާ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މި މަހާސިންތާއަކީ ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށްވާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި މި މަހާސިންތާ މި ބޭއްވެނީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް އަޑު އުފުލަމުން އަންނަ ދުވަސްވަރެއްގައިކަން ފާހަގަކުރައްވާ މިފަދަ ދުވަސްވަރެއްގައި މިފަދަ މަހާސިންތާއެއް ބޭއްވުމަކީ ވަރަށް ހެޔޮ ފާލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ ވަރަށް ހަރުދަނާ ބިންގަލެއްގެ މަތީގައިކަމަށެވެ. އެހެންނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި ބޭނުންވާ ނަތީޖާ ނެރެވޭނީ މިކަމުގައި މުޅި ދަޢުލަތް އެކައްޗެއް ކިޔާ އެކުގައި މަސައްކަތްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކިތަންމެ ގިނަ ޤާނޫނުތަކެއް ވެސް ހެދިދާނެ. ޤަވާޢިދުތައްވެސް ހަރުކަށި ކުރެވިދާނެ. އިތުރު މުއައްސަސާތައް ވެސް އުފެއްދިދާނެ. ނަމަވެސް އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނެރެވޭނީ، މުޅި ދައުލަތް އެކުގައި މަސައްކަތް ކޮށްގެން. ރައްޔިތުންވެސް، ސަރުކާރުގެ މުއައްސަސާތައް ވެސް، ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތައް ވެސް، އަދި އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ވެސް، އެއް ވާނެއްގައި މަސައްކަތް ކޮށްގެން. ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމާ ގުޅޭ ގޮތުން ޤައުމީ ސިޔާސަތުތައް އެކަށައަޅާއިރު ވެސް، ސަމާލުކަން ދޭންޖެހޭނީ، ކުޑަކުދިންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްތަކަށް އިސްކަން ދިނުމަށް. ކުޑަކުދިންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ސިޔާސަތުތައް އެކަށައަޅާއިރު، ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާވެސް ހޯދުމަކީ ވަރަށް މުހިންމު ކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި މަހާސިންތާގެވެސް އެންމެ މުހިންމު އެއް ބޭނުމަކީ، ކުޑަކުދިންގެ ޙައްޤުގައި ކުރާ މަސައްކަތްތައް ރާވައި އިންތިޒާމުކުރުމުގައި ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމުގެ ރޫޙު އާލާކުރުން ކަމަށެވެ. ހަމައެފަދައިން، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ނުރައްކަލުން ކުދިން ސަލާމަތް ކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާކަމަށެވެ.

"މަސްތުވާތަކެތީގެ ވަބާގައި ކުޑަކުދިން ޖެހުމުން، އިތުރު އެތައް ކުށްތަކަކަށް އެކުދިން ހުށަހެޅިގެން އެބަދޭ. އެކަމުގެ ސަބަބުން، ޒުވާން ޢުމުރުގައި ލިބެންޖެހޭ އެތައް ޙައްޤުތަކަކުން އެކުދިން އެބަ މަޙްރޫމްވޭ. ތަފާތު އަނިޔާތަކުގެ ޝިކާރައަކަށްވާ ކުދިން ވެސް މަދެއް ނޫން. ޖިސްމާނީ އަނިޔާ އާއި ޖިންސީ އަނިޔާ ލިބޭ ކުދިން އެބައުޅޭ. ނަފްސާނީ އަނިޔާތައް ތަޙައްމަލުކުރާ ކުދިންވެސް އަޅުގަނޑުމެންގެ މުޖްތަމަޢުގައި އެބަތިބި. އެފަދަ އަނިޔާތަކުން ކުދިން ރައްކާތެރިކުރުމަކީ، ހަމައެކަނި މައިންބަފައިންގެ ޒިންމާއެއް ނޫން. މިއީ މުޅި މުޖްތަމަޢުގެ ޒިންމާއެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިރިހުރުމުގެ ޙައްޤާއެކު، ކުޑަކުއްޖަކަށް ލިބެންޖެހޭ އެންމެ މުހިންމު އެއް ޙައްޤަކީ، މައިންބަފައިންގެ ލޯތްބާއި އަޅާލުމާއެކު ހެދި ބޮޑުވުމުގެ ފުރުޞަތު ފަހިވުންކަމަށެވެ. އަދި އެކުދިންގެ ދިރިއުޅުން ސީދާވުމާއި ނުވުން ވެސް ބިނާވެފައިވަނީ އެކަމުގެ މައްޗަށްކަމަށާއި، ނަމަވެސް މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ ޢުމުރުފުރާގެ މަދު ކުދިންކޮޅެއް، އެ ލޯބިން މަޙްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަޙްރޫމުވުމުން އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، އެކަމަށް އޮތް ޙައްލެއް ނޫންކަމަށާއި، މިހާރަށްވެސް އަދި އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ޗަައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2022” އަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އިސްނަގައިގެން ޔުނިސެފްއާއި ގުޅިގެން ކުރިއަށްގެންދާ ސިމްޕޯޒިއަމެކެވެ. މި ސިމްޕޯޒިއަމްގައި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގަައި ހަރަކާތްތެރިވާ މުއައްސަސާތަކާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިއެވެ.