މި ފަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދާފައިވާ ވޭލްސްގެ ކޯޗު ރޮބަޓް ޕޭޖް، އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
އާ އެއްބަސްވުމުގެ ދަށުން އޭނާ 2026 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ނިޔަލަށް ޓީމްގައި މަޑުކުރާނެ އެވެ. އުމުރުން 48 އަހަރުގެ ޕޭޖް މިމަގާމާއި ހަވާލުވެފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އޭނާ އެންމެ ފުރަތަމަ ހަވާލުވެފައިވަނީ އޭރުގެ ކޯޗް ރަޔަން ގިގްސްއަށް ދިމާވި މައްސަލައަކާއި ގުޅިގެން ވަގުތީ ގޮތުންނެވެ. ނަމަވެސް ފަހުން އެކަން ދާއިމީ ވެގެންދިޔައެވެ.
އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕޭޖް ބުނީ ވޭލްސް ޓީމަށް ކޯޗް ކޮށްދިނުމަށްވުރެ ބޮޑު ޝަރަފެއް އޭނާއަށް ނެތްކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު ކުރިމަތި ލާންޖެހޭނެ ގޮންޖެހުންތަކާއި ކުރިމަތިލާން ކެތް މަދުވެފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ. މިގޮތުން 64 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޭލްސްއިން ވާދަކުރާ ވޯލްޑްކަޕަށް ފަސްޖެހުމެއް ނެތި އިންތިޒާރު ކުރާކަމަށްވެސް އޭނާ ހާމަކުރިއެވެ.
ޕޭޖްގެ ކޯޗްކަމުގެ ދަށުން ވޭލްސް ވަނީ ޔޫރޯ 2020 ގެ ދެވަނަބުރަށް ދަތުރުކޮށް، އަދި 1958 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑްކަޕަށް އެ ގައުމު ކޮލިފައިކޮށްދީފައެވެ. އަދި ވޯލްޑްކަޕްގެ ގްރޫޕް މަރްހަލާގައި އެޓީމް ވާދަކުރާނީ އެމެރިކާ، އީރާން އަދި އިންގްލެންޑާއެވެ.