ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި އަޔަކްސްއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ލިވަޕޫލުގެ ޑިފެންޑަރު އެންޑީ ރޮބަރޓްސަންއަށް ނުކުޅެވޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޮބަރޓްސަންއަށް އެންމެ އަވަހަށްވެސް ކުޅުމުގެ ތެރެއަށް އާދެވޭނީ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މީގެއިތުރުން ކަރޓިސް ޖޯންސް އާއި ނެބީ ކެއިޓާ އަދި އެލެކްސް އޮކްސްލޭޑް ޗެމްބަރލެއިން އަދިވެސް ތިބީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. އަޔެކްސްއަށް ބަލާލާއިރު އެޓީމަށް ދިމާވެފައިވަނީ އަނިޔާގެ އެންމެ މައްސަލައެކެވެ. އެއީ ކަކުލަށް އަނިޔާވުމުގެ ސަބަބުން ކުޅުމާއި ދުރުގައިހުރި އޮވެން ވައިންޑާލްއެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުގެ ފެށުން ރަނގަޅެއްް ނޫނެވެ. އެޓީމް ވަނީ ނާޕޯލީ އާއި ބައްދަލުކުރިމެޗުން 4 ލަނޑު އެއްލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އަދި މިރޭގެ މެޗްގައި ވާދަކުރާ އަޔެކްސް ވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު ހަތް މެޗްވެސް ކާމިޔާބުކޮށްފައެވެ. އަދި 25 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ ތިން ލަނޑެވެ.
ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗްގައި ފެނުމަށް އުންމީދު ކުރާ ކަމަށާއި ނަމަވެސް އޭގެ މާނައަކީ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަގީންކަން ދިނުން ނޫންކަމަށެވެ. މި ސީޒަނަށް އަޔެކްސްއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކުވެސް އެޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށްވެސް ކްލޮޕް ފާހަގަކުރިއެވެ.
އަޔެކްސް ވަނީ ފުރަތަމަ މެޗްގައި ރޭންޖަރސް އާއި ބައްދަލުކޮށް ފަސޭހަކަމާއެކު ހަތަރު ލަނޑު ސުންލަނޑުން މޮޅުވެފައެވެ.