ކުޅިވަރު

ގައުމީ ޓީމުން އޭދަފުއްޓާ ދެކޮޅަށް މެޗެއް ކުޅެނީ


މި މަހު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ކުލަބު އޭދަފުއްޓާ ދެކޮޅަށް މެޗެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.

މި މެޗު ކުޅޭނީ ބުދަ ދުވަހުގެ ހަވީރު ބ. އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައެވެ.

މި މަހު ރާއްޖޭން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލާއޮސް އާއި ބުރޫނާއީ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބުރޫނާއީގައެވެ.

މި މެޗުތަކަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ޓީމުން ވަނީ މާލޭގައި ފަރިތަކުރުންތައް ފަށާފައެވެ. ފަރިތަކުރުންތަކުގެ ތެރެއިން އޭދަފުށީގައި މެޗެއް ކުޅުމަށް ނިންމީ އެކުވެރިކަމުގެ ދެ މެޗުގެ ކުރިން ވާދަވެރި މެޗެއް ކުޅުމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބޭނުންވާތީ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ.

މި މަހު ރާއްޖޭން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗެއް ކުޅޭއިރު، މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ. އަދި ލާއޮސްއާ ދެކޮޅަށް ނުކުންނާނީ އޭގެ ތިން ދުވަސް ފަހުންނެވެ.

މި މަހުގެ ފީފާ ދުވަސްތަކުގައި މެޗުތައް ކުޅޭތީ، މިއީ ފީފާ ރޭންކިންއަށް ވެސް ގުނާނެ މެޗުތަކެކެވެ. އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގައެވެ. އަދި ލާއޯސް 183 ވަނައިގައި އޮތްއިރު، ބްރޫނާއީ އޮތީ 190 ވަނައިގައެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކަށް ރާއްޖޭން އެންމެ ފަހުން ނިކުމެފައިވަނީ މި އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ރާއްޖޭން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެއީ މި އަހަރު ކުރިއަށްދިޔަ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަހުކޮޅުގައި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ވަނީ ހަތް މެޗު ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އަދި އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ.