ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ނޫނު ޒޯނުގައި މުބާރާތް ބާއްވާ ސޮނޭވާ ޖާނީ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ މަގާމާއެކު ސެމީ ފައިނަލުން ޖާގަ ހޯދިއިރު، މޫވެންޕިކް ކުރެދިވަރާއި ވެލާ ޕްރައިވެޓް އައިލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ތިން ޓީމު ހިމެނޭ ގްރޫޕް އޭގައި ހިމެނޭ ސޮނޭވާ ޖާނީ ސެމީފައިނަލުން ޖާގަ ހޯދީ ސަން ސިޔާމް އިރުފުށި 7-0 ގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. ސޮނޭވާ ޖާނީ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މި ގްރޫޕުގައި ދެން ހިމެނޭ ސިޔާމް ވޯލްޑް 3-2 އިން ބަލިކޮށްފައެވެ.
އިރުފުށި އަތުން މޮޅުވި މެޗުގައި ސޮނޭވާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ރަޝީދާއި އަބްދުﷲ ޝަރީފުގެ އިތުރުން އަހުމަދު ޝިފާއު އާއި އަލީ ޝިޔާޒް އަދި އިބްރާހިމް ނިޔާޒް އާއި މުހައްމަދު ނާޖިހެވެ. މީގެތެރެއިން އަހުމަދު ޝިފާއު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނޭވާ ޖާނީގެ އަލީ ޝިޔާޒެވެ.
މި މޮޅާއެކު ސޮނޭވާ ސެމީފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. މި ގްރޫޕުން ދެވަނަ އަދި ތިންވަނަ ޓީމަށްވެސް ސެމީފައިނަލުން ޖާގަ ލިބޭނެއެވެ. އެއީ ނޮކައުޓް މެޗު ކާމިޔާބުކޮށްގެންނެވެ. މި ގްރޫޕުގެ ފަހު މެޗުގައި ބައްދަލުކުރާނީ ސިޔާމް ވޯލްޑް އާއި އިރުފުށި އެވެ. މި މެޗާއެކު ގްރޫޕުގެ ދެވަނަ އަދި ތިންވަނަ ކަށަވަރުވާނެ އެވެ.
ގްރޫޕް ބީގައި ހިމެނޭ މޫވެންޕިކް ކުރެދިވަރާއި ވެލާ ޕްރައިވެޓް އައިލޭންޑް ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ވެލާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ޝެވަލް ބްލެންކް 2-1 އިން ބަލިކޮށްފައެވެ. އެއާއެކު އެ ޓީމު މިވަގުތު އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ނަމަވެސް ޝެވަލް ބްލެންކް އާއި މޫވެންޕިކް ބައްދަލުކުރާ ގްރޫޕުގެ ފަހު މެޗު ކާމިޔާބުކޮށްގެން ޝެވަލް ބްލެންކް އަށް އެއްވަނަ ޓީމުގެ މަގާމާއެކު ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
ވެލާ އާއި މޫވެންޕިކް ބައްދަލުކުރި މެޗުގައި ވެލާގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ނާހިދާއި އަހުމަދު އިރުޝާދެވެ. މީގެތެރެއިން ނާހިދު ވަނީ ދެ ލަނޑު ޖަހާފައެވެ. މޫވެންޕިކް ގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އަހުމަދު އަނަސް އާއި ހުސެއިން ސޮބާހެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޫވެންޕިކް ގެ ހުސެއިން ސޮބާހެވެ.
މި މަހުގެ 11 އިން 19 ގެ ނިޔަލަށް ސޮނޭވާ ޖާނީގައި މި މުބާރާތް ކުރިޔަށްދަނީ ހަ ޓީމާއެކު އެވެ. އެ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ މުބާރާތް ބާއްވާ ސޮނޭވާ ޖާނީ އާއި ސިޔާމް ވޯލްޑް މޯލްޑިވްސް އަދި ސަން ސިޔާމް އިރުފުއްޓެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ވެލާ ޕްރައިވެޓް އައިލެންޑާއި، ޝެވަލް ބްލެންކް ރަންދެލި އަދި މޫވެންޕިކް ރިސޯޓް ކުރެދިވަރެވެ.
ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭނީ ނޮކައުޓް މެޗެވެ. މި މެޗު ކާމިޔާބުކުރާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިގެންދާނެއެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.