ޚަބަރު

ކުރީގެ އަހަރުތަކުގައި ބޯހިމެނުމުގެ މަޢުލޫމާތު އެންމެރަނގަޅަށް އެއްކުރެވިފައި ނެތް - ރައީސް


މީގެކުރީގެ އަހަރުތަކުގައި ބޯހިމެނުމުގެ މަސައްކަތްތަކުގައި އެކަށީގެންވާގޮތުގައި މަޢުލޫމާތު އެއްކުރެވިފައި ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުގެ ބައިވެރިނާ ބައްދަލުކުރެއްވުމަށް، ދަތުބާރުގެއަށް ކުރެއްވި ޒިޔާރަތުގައެވެ.

"ބޯހިމެނުން 2022"ގެ ބައިވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ، މިމަސައްކަތް ކުރިއަށްގެންދާ ނެޝަނަލް ބިއުރޯ އޮފް ސްޓެޓީސްޓިކްސްގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން މިކަމާގުޅޭ ވަކިވަކި މަސައްކަތް ރޭވިފައިވާގޮތަށް ބައްލަވާލައްވައި އެ ކަންކަމުގައި އިސްކޮށް ބައިވެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ބޯހިމެނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ޢަމަލީގޮތުން ބައިވެރިވާ، މީހުންނާވެސް ރައީސް ވަނީ ބައްދަލުކުރައްވާ އެ މީހުންނަށް ހިތްވަރުދެއްވާފައެވެ.

ބޯހިމެނުމުގެ މަސައްކަތުގެ ބައިވެރިންނާ މުޚާތަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ ތަރައްޤީއާ ގުޅުންހުރި ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

އެގޮތުން މިއީ ސަރުކާރުގެ މަޝްރޫޢުތައް ހިންގުމުގައާއި އިޖްތިމާޢީގޮތުން ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ޙައްލުހޯދުމަށް މުހިންމު މަޢުލޫމާތުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ވަރަށް ބުރަ މަސައްކަތެއްކަމަށާއި، މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ކުރިން ކުރިއަށްގެންދިޔަ ބޯހިމެނުންތަކުގައި މަޢުލޫމާތު އެކަށީގެންވާގޮތުގައި ރަނގަޅަށް އެއްކުރެވިފައެއް ނެތް. އާބާދީއާއި އަދި ދެންވެސް އެއްކޮށްފައިވާ މަޢުލޫމާތުތަކުގައިވެސް މައްސަލަ ހުރި. މިފަހަރު ކަންކަން މާ ރަނގަޅަށް އިންތިޒާމްވެ، މާ ރަނގަޅަށް މި ކުރިއަށްދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްރާވާ މަޝްރޫޢުތަކާއި އެކިއެކި މަސައްކަތަކުގައި، ބޯހިމެނުމުން އެއްކުރާ މި މަޢޫލޫމާތުތަކުގެ ބޭނުން ފުރިހަމައަށް ހިފާނެކަމަށެވެ.

ބޯހިމެނުމުގެ މަސައްކަތުގެ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ރަނގަޅު ނަތީޖާއަކަށް ވާސިލްވުމަށް އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. ބޯހިމެނުމުގެ މަސައްކަތުގައި މުޅި ރާއްޖެއިން 4000އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.

ބޯހިމެނުމުގެ މަސައްކަތުގައި މަޢުލޫމާތު އެއްކުރުން މިމަހުގެ 25ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިފަހަރުގެ ބޯހިމެނުމުގައި ކުރީފަހަރުތަކާ ޚިލާފަށް ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދާއި މާލީ އެންމެހައި ކަންކަމުގެ މަޢުލޫމާތުވެސް އެއްކުރާނެއެވެ.