ކުޅިވަރު

ބޮޑު ތަފާތަކުން ސައުދީން ރާއްޖޭގެ ޒުވާން ޓީމު ބަލިކޮށްފި


20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ސައުދީގައި ކުރިއަށްދާ ކޮލިފައިންގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ސައުދީން ކާމިޔާބުކުރީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ ތިންވަނަ މިނެޓުގައި ސައުދީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ހާދީ ރަދީފްއެވެ. އޭގެ ތިން މިނެޓު ފަހުން ސައުދީގެ މެޝާރީ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ސައުދީން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް އަޒީޒް ސައުދުއެވެ. އަދި އޭގެ މިނެޓެއް ފަހުން ރަދީފް ވަނީ ސައުދީގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ސައުދީގެ ރަދީފް ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުދީން ވަނީ ހަވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޝާރީއެވެ.

ދެވަނަ ހާފު ފަށައިގެންވެސް ސައުދީން ވަނީ ފުލުފުލުގައި ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ސައުދީން ވަނީ ހަތްވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޔާސީން އަތިއާ އަލްޒުބައިދީއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޔަޒީދު ޔަހްޔާ ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ.

ސައުދީން އެ ޓީމުގެ ނުވަވަނަ ލަނޑު ޖެހީ މެޗުގެ 86 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޝާރީއެވެ. ސައުދީން މި މެޗުގައި ދެން ކާމިޔާބުކުރި ދެ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ޔަޒީދު ޔަހްޔާ އާއި ސާލިޙް އަހުމަތު އަލްރަހުމާނީއެވެ. ސާލިހް ލަނޑު ޖަހައިފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ.

ރާއްޖެއިން ކޮލިފައިންގައި ދެން ކުޅެން ޖެހޭނީ ޗައިނާއާ ދެކޮޅަށެވެ.