ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އަޅާބަޔަކަށް ކައުންސިލްތައް ވެގެންނުވާނެ: ރައީސް


ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ހުރަސްއަޅާ ބަޔަކަށް ކައުންސިލްތައް ވެގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހު މިހެން ވިދާޅުވީ ހައްދުންމަތީ ގަމުގައި ކުރިއަށް ދިޔަ ވިއަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނައި ބަދަލުތަކާއެކު ކައުންސިލްތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށްޓައި ސީދާ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކައުންސިލްތަކާ ބައްދަލުކުރައްވައި އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯދައްވަމުންނެވެ. މިބައްދަލުވުންތަކުގައި ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ގިނަ މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ.

ވިއަވަތި ކޮންފަރެންސަކީ މިފުސަތު ކައުންސިލްތަކަށް ލިބިދޭ އެންމެބޮޑު އެއްމަގަށްވަނީ ވެފައެވެ. ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ހައްދުންމަތީގައި ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީއަކީ ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށް ކޮށްދެވޭ މަސައްކަތްތަކެއްކަމަށެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅައި އެކަންކަން ވިޔަނުދޭން އޮތް މަގުތަކެއް ހޯދުމަކީ ކައުންސިލްތަކުގެ ދައުރެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ އެކިއެކި ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން މިތާ ތިއްބަވާނެ. އެހެން ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދެއްވައި، އެއީ ރައްޔިތުންގެ ރަށުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން މަސައްކަތް ކުރެއްވުމަކީ ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތުން އަޅުގަނޑު މިއަދު އެދޭ އެދުމެއް." ރައީސް ވިދަޅުވިއެވެ.

ވެރިކަންކުރާ ރަށް މާލެސިޓީގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި މާލެ ސިޓީ ކައުންސިލާއި ބައެއް އިދާރާތަކާއި ދިމާވާ ފުށުއެރުންތަކާ ގުޅިގެން ރައީސް ވިދާޅުވީ ޚިޔާލުތަފާތުވުން ހުއްޓަސް ވާހަކަ ދެކެވި މަޝްވަރާ ކުރުމުން ހައްލު ގެނެވޭނެކަމަށެވެ. މާލޭގައި ބަސް ދަތުރު ފެށުމާއި، އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތުގައިވެސް މާލެ ސިޓީ ކައުންސިލާއި އިދާރާތަކާއި ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް މަޝްވަރާ ކުރެވިގެން ހައްލު ހޯދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭ ސިޓީގައި ދާދިފަހުން އަޅުގަނޑުމެން ޓްރައަލް ބަސް ދަތުރުތައް އެފެށީ. ކައުންސިލްތަކުގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުން. އަދި މާލޭގެ މަގު ހެދުންވެސް އާރުޑީސީން ފަށައިގެން އެބަ ގެންދޭ. ކައުންސިލްތަކާ ވަރަށް ބޮޑަށް ގުޅިފައި ހުރި މަސައްކަތެއް. ފަށައިގެންއިރުގައި މާލޭ ސިޓީގެ އެހީތެރިކަމެއް އެހާ ރަނގަޅަކަށް ނުލިބޭ އަޅުގަނޑުމެންނަކަށް. އެހެން ނަމަވެސް، މިގޮތަށް މަޝްވަރާ ކުރެވި، އެއް ތަނެއްގައި ތިބެގެން ވާހަކަދެއްކިގެން، މި ދެ މަޝްރޫޢު މާލޭގައި ހިންގުމުގައި ކައުންސިލްގެ އެހީތެރިކަން މިހާރު ލިބޭކަން އަޅުގަނޑު ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

މާލޭގައި ފަށާފައިވާ މިނީބަހުގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިޚިދުމަތް އިތުރަށް ފުޅާކޮށް ހިންގުމަކީ ސަރުކާރުގެ އެންމެބޮޑު ސިޔާތަކެވެ. ބަހުގެ ދަތުރާއެކު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށްޓަކައި އަމީނީ މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.