ޚަބަރު

ނިއުކްލިޔަރ އެއްބަސްވުން ރުޖޫޢަކުރަން އެއްބާރުލުން ދޭނަން: އީރާން


ދުނިޔޭގެ ބާރުތަކާ އެކު އީރާނުން ހަދާފައިވާ ނިއުކްލިޔަރ އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގައި އީރާނުން ބުނެފިއެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަންޢާނީ މި ކަމުގެ ޔަގީންކަން ދެއްވާފައި ވަނީ، ފަރަންސޭސި ވިލާތާއި، އިނގިރޭސި ވިލާތް އަދި ޖަރުމަނު ވިލާތުން އީރާނަށް ފާޑުކިޔުމާ ގުޅިގެން އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ތިން ޤައުމުން ބުނެފައި ވަނީ، ނިއުކްލިޔަރ އެއްބަސްވުމަށް ރުޖޫޢަވާން ކުރަމުންދާ މަޝްވަރާތަކަށް އީރާނުން އެންމެ ފުރިހަމަ އެއްބާރުލުން ނުދޭ ކަމަށާއި، އެކަމާ އެހާ ބޮޑު އަހަންމިއްޔަތު ކަމެއް ނުދޭ ކަމުގައެވެ. މަޝްވަރާތަކުގައި އީރާނަށް އެންމެ ފަހުން ފޮނުވާފައިވާ ހުށަހެޅުމަށް އެ ޤައުމުން ވަނީ އޮގަސްޓު މަހު ރައްދު ދީފައެވެ. އީރާނުން ދީފައިވާ ރައްދަކީ ފަހަތަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި އީ3ގެ ގޮތުގައި މަޝްހޫރުވެފައިވާ ތިން ޤައުމު ކަމުގައިވާ ފަރަންސޭސި ވިލާތާއި، އިނގިރޭސި ވިލާތް އަދި ޖަރުމަނު ވިލާތުން ސިފަ ކުރެއެވެ.

އީރާނުން ހުށަހަޅާފައި ވަނީ އެ ޤައުމުގެ ތިން ސަރަޙައްދަކުން ޔުރޭނިއަމްގެ އަސަރުތައް ފެނުމާ ގުޅިގެން އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައި.އޭ.އީ.އޭ)އިން ފަށާފައިވާ ތަހުޤީޤު ހުއްޓައިލުމަށެވެ. "އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތްތަކަށް އީރާނުގެ އަމަލުތަކުގެ ސަބަބުން ދަނީ ހުރަސް އެޅެމުން،" އީ3ގެ ޤައުމުތަކުން ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ކަންޢާނީ ވަނީ އެ ތިން ޤައުމުގެ ފާޑިކިޔުންތަކަކީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ނޫން ކަމުގައި ވިދާޅުވެފައެވެ. އަދި، އީރާނާ އެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމަށް ކުރަމުންދާ މަޝްވަރާތަކުގައި އިތުރު ދައުރެއް އަދާ ކުރުމަށް ވެސް އޭނާ އީ3ގެ ތިން ޤައުމަށް ގޮވައިލެއްވިއެވެ. އެއްބަސްވުމަށް ރުޖޫޢަވުމަށް ކުރަމުންދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އީ3ގެ ޤައުމުތަކުން ބުނާ ގޮތަށް އެއްބަސްވުމަށް ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ނަމަ، އެ ތިން ޤައުމުން ވެސް އެ ކަމުގެ ޒިންމާ އުފުލަން ޖެހޭނެ،" ކަންޢާނީ ވިދާޅުވިއެވެ. އީރާނާ އެކު ކުރަމުންދާ މަޝްވަރާތަކުގައި ރަޝިޔާ ތަމްސީލު ކުރާ އޮފިޝަލު ވެސް ވަނީ އީ3ގެ ޤައުމުތަކަށް ފާޑު ކިޔާފައެވެ. އަދި، އެއްބަސްވުމަށް ހުރަސް އެޅޭ ފަދަ ކަމެއް އީރާނުން ކޮށްފައިވާ ކަމަށް އީ3އިން ކުރާ ތުހުމަތު ދޮގު ކުރައްވާފައެވެ.

އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ކޮންޓްރޯލް ކުރުމަށް އެ ޤައުމުން ދުނިޔޭގެ ބާރުތަކާ އެކު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ 2015 ވަނަ އަހަރުއެވެ. ހުޅަނގުން މި އެއްބަސްވުން އެކުލަވައިލުމުގެ ބޭނުމަކީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލު ކަން އީރާނަށް ނުދިނުމެވެ. އަދި، ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބަސްވުމުގެ ދަށުން ވަނީ ލުއިތަކެއް ދީފައެވެ.

ނަމަވެސް، 2018 ވަނަ އަހަރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާއިން ވަނީ އެއްބަސްވުން އުވައިލާފައެވެ. އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ ވިލާތުގެ އިއްތިހާދުންނެވެ.