ޚަބަރު

ރާއްޖޭގެ ކަނޑު އަޑީގެ ދިރާސާކުރާ ޓީމާއި ރައީސް ބައްދަލުކުރައްވައިފި


ރާއްޖޭގެ ކަނޑު އަޑީގެ ދިރާސާކުރާ ޓީމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ރާއްޖޭގެ މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ މި ދިރާސާގެ ބައިވެރިން މިވަގުތު އަންނަނީ ލ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. މި ދިރާސާގައި ނެކްޓަންގެ ފަރާތުން ބޭނުންކުރަމުންދާ މައި ބޯޓު އާރް.ވީ އޮޑެސީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ނެކްޓަންގެ މިޝަން ޑިރެކްޓަރ އޮލިވަރ ސްޓެއިޑްސްއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގެ ތެރެއިން، މި ދިރާސާގައި ރާއްޖެއާއި އިނގިރޭސިވިލާތުން ބައިވެރިވާ މެރިން ބަޔޮލޮޖިސްޓުންނާއި މެޕިން އެކްސްޕާޓުންނާއި ބައްދަލުކުރައްވާ، އެބޭފުޅުންގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ. ވަކިން ޚާއްސަކޮށް މި ދިރާސާގައި ބައިވެރިވާ ދިވެހި ޓީމުގެ ފަރާތުން ފާއިތުވި 2 ދުވަހު ކަނޑުގެ 500 މީޓަރު އަޑިއަށްގޮސް މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވި 4 އެކުއާނައުޓުންނާއެކު އެމަނިކުފާނު ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. އަދި އެބޭފުޅުންގެ ފަރާތުން ދިރާސާގެ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ.

ރާއްޖޭގެ ކަނޑު އަޑީގެ 1000 މީޓަރު އަޑިއަށް ޑައިވްކޮށްގެން ކުރިއަށްގެންދާ މި ދިރާސާތަކުގައި ބައިވެރިވާ ފަރާތްތަކާ ބައްދަލުކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގަތެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް، އަދި ކަނޑުފަޅުގެ ދިރުންތަކާއި މުއްސަނދިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވުމާއެކު، މިފަދަ ދިރާސާއެއް ކުރެވިގެންދިއުމަކީ ރާއްޖޭގެ ކަނޑުތަކާއި، ކަނޑުއަޑީގެ ދިރުންތަކާ ގުޅޭ އައު އެތައް ކަމެއް އެނގިގެންދާނެ މުހިއްމު ދިރާސާއެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓަރާއި، ފިޝަރީޒް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިހާ ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފުރަތަމަ ދިރާސާއެވެ. މި ދިރާސާގެ ތެރެއިން ސަބްމާރސިބަލް ޑައިވްތަކުގައި ކަނޑުތަކުގެ ދިރުންތަކާއި ގުޅޭ އިތުރު ހޯދުންތައް ހޯދާނެއެވެ.

މި ހޯދުންތަކާއެކު ކަނޑުގެ ވެއްޓާއި ދިރުންތަކުގެ ތެރެއިން ފުރިހަމައަށް ޙިމާޔަތްކުރަން ޖެހޭކަމާއި ބާވަތްތައް އެނގިގެންދާނެކަމަށް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން ވިދާޅުވެއެވެ. މިހާތަނަށް ހޯދިފައިވަނީ ރާއްޖޭގެ ކަނޑުގެ މަތީ ފަށަލައިގައި އުޅޭ 40 ވައްތަރެއްގެ މިޔަރާއި 18 ވައްތަރުގެ މަޑިއާއި ގުޅޭ މަޢުލޫމާތެވެ. މިހާރު ކުރަމުންދާ ދިރާސާއަށްފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަނޑު އަޑީގައި އުޅޭ ގިނަ ދިރުންތަކުގެ މަޢުލޫމާތު ލިބިގެންދާނެކަމަށް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން ލަފާކުރެއެވެ.


މި ދިރާސާގައި މީގެ 20000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް"ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރުގެ ފުނުން ފެންނާނެ ކަމަށް ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާކުރަމުންދާ މިޝަންގެ ސައިންސްވެރިން ލަފާކުރެއެވެ. ހަމައެއާއެކު ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާގޮތް ދިރާސާ ކުރުމަށް މި މިޝަންގެ ތެރެއިން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑު އަޑީގައި ހުންނަ 34 ފަރުބަދައިގެ މަޢުލޫމާތުވެސް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.

މޫސުމީ ބަދަލުތަކާއި ރާއްޖޭގެ ސަތަޙާއިގެ ގޮތުން ބޮޑުކަނޑުގެ ސަރަޙައްދާއި ސީދާގޮތުން ގުޅުން އޮތްނަމަވެސް ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން މާބޮޑެތި ދިރާސާތަކެއް މީގެކުރިން ކުރެވިފައެއް ނުވެއެވެ. ޢާއްމުގޮތެއްގައި ހެދިފައިވަނީ ފަރުތަކާއި 50 މީޓަރަށްވުރެ މަތީގައި އުޅޭ ބައެއް ބާވަތްތަކުގެ ކަނޑުގެ ދިރުންތަކާއިގުޅޭ ދިރާސާތަކެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީޚު ބަދަލުކޮށްލާ ފަދަ ދިރާސާއެއް ކަނޑު އަޑީގެ 1000 މީޓަރު އަޑިއަށް ގޮސްގެން ކުރަން މިހާރުމިވަނީ ފަށާފައެވެ.

މި މިޝަންގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ 2 ސަބްމާރސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ދަނީ ބޭނުންކުރަމުންނެވެ. މި މިޝަންގައި ޖުމްލަ 40 ފަރާތަކުން ބައިވެރިވެއެވެ. އެއީ 16 ދިވެހިންނާއި 24 ބައިނަލްއަޤްވާމީ ޕާޓްނަރުންނެވެ. މި ދިރާސާގައި މަޢުލޫމާތު އެއްކުރުން އަންނަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހާއިހަމައަށް ކުރިއަށްދާނެއެވެ.