ޚަބަރު

ކައުންސިލަރުންގެ ޝަކުވާ މަދު، ރައީސް ސިފަކުރެއްވީ ކާމިޔާބީއެއްގެ ގޮތުގައި


މިއަދު ގަމުގައި ނިމިދިޔަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކުގެ މައްސަލަތަކާއި ޝަކުވާތައް ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށް ވިދާޅުވެ އެއީ ކާމިޔާބު ކޮންފަރެންސްއެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިފަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ސިފަކުރެއްވީ، ހައްދުންމަތީ ގަމުގައި ކުރިއަށް ގެންދިޔަ ވިއަވަތި ރާއްޖޭގެ ތިންވަނަ ކޮންފަރެންސް ނިންމާލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކި ވާހަކަފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މިސަރުކާރުން ގެނައިބޮޑެތި އިޞްލާހުތައް ތަސްދީޤްކުރުމަށް ބޭއްވި ކޮންފަރެންސްއެކެވެ. އެއީ ކައުންސިލްތަކަށް މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބޮޑެތި ބާރުތަކެއް ދިނުމަށް ޤާނޫނަށް ގެނައި އިސްލާހުތައް ތަސްދީޤްކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެ ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ ފަހުން މިއަހަރުގެ މެއި މަހު އއ.އުކުޅަހުގައި ބޭއްވި ދެވަނަ ކޮންފަރެންސް ޚާއްޞަކުރީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ރަށްތަކަށެވެ. އެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ކަންބޮޑުވުންތަކެއް ހުށައެޅިއެވެ. އަދި ވަގުތުން ހައްލު ގެނެސްދެވޭނެ ކަންކަމަށް ހައްލު ގެނެސްދެއްވިއެވެ.

މިއަދު ނިމިގެންދިޔަ ވިއަވަތީގެ ތިންވަނަ ކޮންފަރެންސް ޚާއްޞަކުރީ ދ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށެވެ. 150 އަށްވުރެ ގިނަ ކައުންސިލް ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން ހިމެނޭހެން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސައަކީވެސް ކާމިޔާޞު ކޮންފަރެންސްއެއްކަމަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ކައުންސިލްތަކަށް އޮތް މާލީ ދަތިތަކަށް ހައްލު ހޯދުމެވެ. އެގޮތުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ބޮލްކް ގްރާންޓުގެ ޢަދަދު އަންނަ އަހަރު 1.7 ބިލިއަން ރުފިޔާއަށް އިތުރުކުރަން ނިންމި ނިންމުން ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.


"ދައުލަތުގެ އާމްދަނީ އިތުރުވީ މިންވަރަކުން އެ ޕަސެންޓޭޖު ބޮޑުވަމުން ދާނެ. އޭގެ އިތުރަށް އެ ގްރާންޓް ބެހިގެންދާ ގޮތް ބަދަލުކުރަންޖެހޭ. މިހާރު ބައި އެޅުމުގައި އެބަހުރި ހައްލު ކުރަންޖެހޭ ކަންތައްތަކެއް. އެއާއެކީ އަންނާނެ ބަދަލުތަކެއް." ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އަނެއް ކަންބޮޑުވުމަކީ މަސައްކަތްކުރާ ތަނުގެ ޖާގައިގެ ދަތިކަމެވެ. އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މަސައްކަތްކުރާނެ ޖާގަ އިތުރުކުރުމަށް އެލްޖީއޭއިން ޕްލޭންތަކެއް ހަދާފައިވާކަމަށެވެ. އަދި އެ މަޝްރޫޢޫތައް ހިންގާނެ ރަށްތައްވެސް ތަރުތީބުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު ކައުންސިލްތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުގެ ބައެއް ކަންކަން ކުރިއަށްދާނެކަން ރައީސް ފާޙަގަކުރެއްވިއެވެ.

"ރަށްރަށުގައި ހުރި ކައުންސިލް އޮފީސްތަކާ ޑަބްލިއުޑީސީ މަސައްކަތްކުރާނެ ތަންތަން ކަނޑައެޅުމުގަ އެލްޖީއޭއިން އެބައޮތް ޕްލޭނެއް ހަދާފަ. އެ ޕްލޭންގަ ތަރުތީބެއް އެބައޮތް. އެންމެ ބޭންތެރި އެންމެ އަވަހަށް ހަދަން ބޭނުންވާ ތަންތަން ތަރުތީބުކޮށްފަ އެބައޮތް. އެއާއެކީގަ ކޮންމެ އަހަރަކު އަޅުގަނޑުމެން ގެންދަން އެއަށް ބަޖެޓުކޮށްގެން ކަންތައްތަކެއްކުރަމުން. އެހެންކަމުން އަންނަ އަހަރު ބައެއް ރަށްރަށުގެ ކައުންސިލް އޮފީސްތައް އިމާރަތްކުރެވިގެންދާނެ. އެހެންވީމަ އެ ތަރުތީބުން ދާނީ. އެއްފަހަރަކާ ނުކުރެވޭނެ."

ރައީސް ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ހިސާބަށް އަމާޒުކުރެވިގެން ހިންގުނު ކޮންފަރެންސްއެއްކަމުން، ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ ގިނަ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށައަޅާނެކަމަށް އެމަނިކުފާނަށް ހީކުރެވުނުކަމަށެވެ. ނަމަވެސް އއ.އުކުޅަހުގައި ބޭއްވި ކޮންފަރެންސްއަށްވުރެ މިފަހަރުގެ ކޮންފަރެންސްގައި ފާޅުކުރި ޝަކުވާތައް ވަރަށް ބޮޑަށް މަދުކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ހުރި މައްސަލަތަކަށް ކޮންމެވެސްވަރެއްގެ ހައްލެއް ސަރުކާރުން ގެނެވުމުގެ ނަތީޖާކަމަށް ރައީސް ސިފަކުރެއްވިއެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނީ އުކުޅަހުގައި މި ބޭއްވި ބައްދަލުވުމުގައި އެ އައި ޝަކުވާތަކަށްވުރެ މި ބައްދަލުވުމުގައި އައި ޝަކުވާތައް މަދުކަމަށް. އަޅުގަނޑު ހީކޮށްގެންހުރީ އެންމެ ދެކުނުގެ އެންމެ ބޮޑު އާބާދީ ތަމްސީލްކުރާ 100އަށްވުރެ ގިނަ ކައުންސިލަރުން އައީމަ، އެބޭފުޅުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުން ޝަކުވާތައް އަންނާނެކަމަށް. އެހެން ނަމަވެސް އަޅުގަނޑު ހީކުރިވަރަށްވުރެ ރަނގަޅަށް ދިޔައީ. އެހެންވީމަ އޭގެ މާނަކީ އުކުޅަހުގަ ބޭއްވުނު ކޮންފަރެންސްއިން ފާހަގަކުރެވުނު ކަންތަކަށް ހައްލުތަކެއް ކޮންމެވެސްވަރަކަށް ހޯދައި ދެވިފައި ހުރިކަމަށް." ރައީސް ވިދާޅުވިއެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ޤާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.

ވިއަވަތީގެ ހަތަރުވަނަ ކޮންފަރެންސް އޮންނާނީ އުތުރުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން ކުޅުދުއްފުށީ ސިޓީގައިކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ. އުތުރުގައި ބާއްވާ ކޮންފަރެންސްއާއެކު ވިއަވަތީގެ ކޮންފަރެންސް މުޅީ ރާއްޖެ ކަވަރ ކުރެވޭނެއެވެ.