ޚަބަރު

އަމީނީ މަގުގެ ފުރަތަމަބައި ބަންދުކޮށް މަސައްކަތް ފަށައިފި


އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތަށް، އެމަގުގެ ހެންވޭރާވީ ސަރަޙައްދުން ބައެއް ބަންދުކޮށް މަގުގެ މަސައްކަތް ފަށައިފއެވެ. އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ މަގު 13 ބަޔަށް ބަހާލައިގެންނެވެ.

މާލޭގެ އަމީނީ މަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ނިމުނު އޮގަސްޓްމަހުގެ 30ވަނަ ދުވަހުއެވެ.

އަމީނީ މަގަކީ މާލޭގެ މައި އެއްމަގެވެ. އަދި މާލޭގެ ޔުޓިލިޓީ ޚިދުމަތް ދިނުމުގެ މައި ނެޓްވޯކްތައްވެސް އަޅާފައިވާ މަގެވެ. އަމީނީ މަގަކީ މާލޭގެ ހުރިހާ އަވަށްތައް ގުޅާލަދޭ އެއް މަގުވެސްމެއެވެ. އަދި އޮފީސްތަކާއި ސްކޫލްތައް އަދި އާއްމު ޚިދުމަތްތައް ހޯދާ ގިނަ ތަންތަންވެސް ހުރި މަގެކެވެ. މިއާއެކު މި މަގުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ އާންމުންނަށް ވީހާވެސް ތަކުލީފު ކުޑަވާނެހެން، މަގު ބައިބަޔަށް ބަހާލައިގެންނެވެ.

މަގުގެ ސެގްމަންޓް 1ގެ ޢަމަލީ މަސައްކަތް ފެށުމަށް މިއަދު މަގު ބައެއްވަނީ ބަންދުކޮށްފައެވެ. ސެގްމަންޓް 1ގައި ހިނެނީ އަމީނީމަގުން ހެންވޭރުން ބައެކެވެ. މި މަސައްކަތަށް ފުރަތަމަ ބަންދުކުރާނީ ބޮޑުތަކުރުފާނު މަގު އަމީނީ މަގާ ގުޅޭ ހިސާބުން ފެށިގެން، ބޮޑުތަކުރުފާނު މަގާއި އިރުދޭމާ ހިނގުން ގުޅޭ ހިސާބަށެވެ. އެއީ ގާތްގަނަޑަކަށް 100މީޓަރުގެ ސަރަޙައްދެކެވެ. މަގުގެ މަސައްކަތް ކުރިއަށްގެންދާނީ މުޅި އެ ސަރަޙައްދު ބަންދުކޮށްގެންނެވެ. އެންމެ ފުރަތަމަ ކުރިއަށްދާނީ މަގުގެ ގާތަށް ނެގުމުގެ މަސައްކަތެވެ.

މުޅި މިމަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މަގު ހަދާއިރު ކޭބަލް ޖަންކްޝަންތައް ހެދުމާއި، އެކަށީގެންވާ ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި ތާރު އެޅުން ހިމެނެއެވެ. އާރްޑީސީއާ މަސައްކަތް ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުން ނިންމާ ގޮތަށެވެ.

އާރްޑީސީން ވިދާޅުވީ އެ ސަރަޙައްދަކީ އާއްމުން ދިރިއުޅޭ ގެތައްވެސް ހުރި ސަރަޙައްދަކަށް ވުމާއެކު، މަސައްކަތް ކުރިއަށްގެންދާނީ އާއްމުންނަށް ވީހާވެސް ތަކުލީފު ކުޑަވާނެގޮތަށްކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާއިރު އާއްމުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ.

ދާދި ފަހުން ސަރުކާރުން މިވަނީ މިނީ ބަހުގެ ޚިދުމަތްވެސް ފަށާފައެވެ. އަމީނީ މަގަކީ މިނީބަހުގެ ޚިދުމަތުގައިވެސް ބޭނުންކުރާ މައި މަގެކެވެ. މިކަމާއި ގުޅިގެން، މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ވިދާޅުވި، މަގު ބަންދުކުރާ ސަރަޙައްދަށް ބަލާ، ބަހުގެ ރޫޓަށް ބަދަލު ގެންނާނެކަމަށެވެ. އަދި އެ ބަދަލުތައް އާއްމުކުރަމުންދާނެކަމަށެވެ.