ކުޅިވަރު

ބުރޫނާއީ އަތުން ބަލިވެ ރާއްޖޭގެ ނެޓްބޯޅަ ޓީމަށް ހަތްވަނަ


އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2022 ގެ ރޭންކިން މެޗުގައި ބުރޫނާއީ އަތުން ބަލިވެ ރާއްޖެއަށް ހަތްވަނަ ލިބިއްޖެއެވެ.

ބުރުނާއި އަތުން ރާއްޖެ ބަލިވެފައިވަނީ ނުވަ ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 42-51 އިންނެވެ. މެޗުގެ ފުރަތަމަ ކުއާޓާގައި ބުރުނާއި ބޮޑު ލީޑެއްގައި އޮތް ނަމަވެސް ރާއްޖޭން ވަނީ މެޗު ކުރިޔަށްދިޔަ ވަރަކަށް ކުޅުން ރަނގަޅުކޮށް ލީޑާ ގާތްކޮށްފައެވެ. ނަމަވެސް ތިންވަނަ ކުއާޓާގައި އަނެއްކާވެސް އެ ޓީމުން ލީޑު ފުޅާކުރި އެވެ.

ރާއްޖެ އަތުން ހޯދި މޮޅާއެކު ބުރުނާއި އަށް ލިބެނީ ހަ ވަނަ އެވެ. މުބާރާތުގެ ފަސްވަނަ ފިލިޕީންސް ހޯދިއިރު ޗެމްޕިއަންކަން ހޯދާފައިވަނީ ސްރީލަންކާ އެވެ. ލަންކާއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުބާރާތް ބޭއްވި ސިންގަޕޫރު 63-53 ޕޮއިންޓުން ބަލިކޮށްފައެވެ. އެއާއެކު ފައިނަލުގައި ވާދަކުރި ސިންގަޕޫރާއި ސްރީލަންކާ ވަނީ ނެޓްބޯލް ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. މި މުބާރާތް އޮންނާނީ އަންނަ އަހަރު ސައުތު އެފްރިކާގައެވެ.

ސިންގަޕޫރުގައި މި މުބާރާތް ކުރިޔަށްދިޔައީ މި މަހުގެ 3-11 ގެ ނިޔަލަށެވެ. ރާއްޖެއާއެކު އޭޝިއާ ބައްރުން ޖުމްލަ 11 ގައުމެއް މި މުބާރާތުގައި ވާދަކުރިއެވެ. އެއީ ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް، މެލޭޝިއާ، ސިންގަޕޫރު، ހޮން ކޮން، ތައިލެންޑް، ޖަޕާން، ބުރުނާއީ އަދި ޗައިނީސް ޓައިޕޭ އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނުނީ ސިންގަޕޫރާއި ޖަޕާނެވެ. ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ޖަޕާނު އަތުން ވަނީ މޮޅުވެފައެވެ. ދެވަނަ ބުރުގައި ރާއްޖެއާ އެއް ގްރޫޕެއްގައި ލައްވާލީ ތައިލޭންޑާއި ބުރުނާއި އަދި ފިލިޕީންސެވެ. ނަމަވެސް ފަހުވަގުތު ތައިލޭންޑުން މުބާރާތުން ވަކިވުމާއެކު ދެން ޖެހުނީ ލީގު އުސޫލުން ދެ ބުރު ކުޅޭށެވެ. މުބާރާތުގެ ވަނަތަކަށް ޓީމު ހޮވީ މި މެޗުތަކުންނެވެ.،

ރާއްޖެއިން ވަނީ މި މުބާރާތަށް ކަނޑައެޅި ޓާގެޓު ކަމަށްވާ އޭޝިއަން އިންޑޯ ގޭމްސްގެ ގަދަ އަށް ޓީމްގެ ތެރޭގައި ހިމެނިފައެވެ. އެއާއެކު މިއީ ފަހުގެ ތާޜީހެއްގައި ނެޓްބޯޅައިން ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.