ކުޅިވަރު

ގދ. އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި


ޖުމްލަ 24 ސްކޫލާއެކު ގދ. އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުލަގަދަ ހަރަކާތްތަކަކާއެކު ފަށައިފިއެވެ.

ތިނަދޫގައި ކުރިޔަށްދާ މި މުބާރާތް ފަށާފައިވަނީ ހާއްސަ ރަސްމިއްޔާތެއްގައެވެ. މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މީގެއިތުރުން ތިނަދޫ އަތޮޅު ކައުންސިލުގެ މެމްބަރުންނާ ބައިވެރިވި ސްކޫލުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ،.

މުބާރާތް ފެށުމުގެ ގޮތުން ދަންމަރު ރޯކޮށްދިނީ ތިނަދުއަށް ނިސްބަތްވާ ރާއްޖޭގެ އުއްމީދީ އެތްލީޓު އިބާދުﷲ އާދަމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 832 އެތްލީޓުން މި މުބާރާތުގެ އެކި އިވެންޓުތަކުގައި ބައިވެރިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ގދ. އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.

ބޮޑު ތަރުހީބެއް މި މުބާރާތަށް ލިބެމުން އަންނައިރު، މި މުބާރާތަށް ހުވަދުއަތޮޅުގެ އިތުރުން އައްޑޫ އާއި ފުވައްމުލަކު، އަދި ލާމު އަތޮޅާއި ކުޅުދުއްފުށިން އެތްލީޓުން ވަނީ ބައިވެރިވެފައެވެ. ގިނަ އިވެންޓުތަކެއް މި މުބާރާތުގައި ކުރިޔަށްދާއިރު، ފުރަތަމަ ދުވަހު ޖުމްލަ 13 އިވެންޓު ވަނީ ބާއްވާފައެވެ. އެއީ ދުވުމުގެ 600 މީޓަރު، 1500 މީޓަރުގެ އިތުރުން ލޯންގް ޖަމްޕް، ޖެވެލިން، ޑިސްކަސް އަދި ޝޮޓްޕުޓް ގެ އިވެންޓުތަކެވެ.

މުބާރާތުގެ އުމުރުފުރާތަކަކީ 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުންދަށް އަދި 19 އަހަރުންދަށެވެ. މުބާރާތް ކުރިޔަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.