ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ނޫނު ޒޯނުގެ ފެށުން މުބާރާތް ބާއްވާ ސޮނޭވާ ޖާނީ އާއި ވެލާ ޕްރައިވެޓް އައިލެންޑުން ރަނގަޅުކޮށްފިއެވެ.
މި މަހުގެ 11 އިން 19 ގެ ނިޔަލަށް ސޮނޭވާ ޖާނީގައި މި މުބާރާތް ކުރިޔަށްދަނީ ހަ ޓީމާއެކު އެވެ. އެ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ މުބާރާތް ބާއްވާ ސޮނޭވާ ޖާނީ އާއި ސިޔާމް ވޯލްޑް މޯލްޑިވްސް އަދި ސަން ސިޔާމް އިރުފުއްޓެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ވެލާ ޕްރައިވެޓް އައިލެންޑާއި، ޝެވަލް ބްލެންކް ރަންދެލި އަދި މޫވެންޕިކް ރިސޯޓް ކުރެދިވަރެވެ.
އާދީއްތަ ދުވަހު ކުޅުނު މި ޒޯނުގެ ފުރަތަމަ މެޗު ގްރޫޕް އޭ ގެ ސޮނޭވާ ޖާނީ ކާމިޔާބުކޮށްފައިވަނީ ސިޔާމް ވޯލްޑް މޯލްޑިވްސް 3-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސިޔާމް ވޯލްޑުންނެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަލީ އެވެ. ނަމަވެސް މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން އިބްރާހިމް ނިޔާޒް ވަނީ ސޮނޭވާ ޖާނީ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ސިޔާމް ވޯލްޑުން ދެވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން އަހުމަދު އަލީ އެވެ.
މެޗުން ސޮނޭވާ ޖާނީ މޮޅުވީ ދެ މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑާއެކު އެވެ. އެގޮތުން އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އިބްރާހިމް ނިޔާޒް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިން އިރު މެޗުން އެ ޓީމު މޮޅުވި ލަނޑު އޭގެ މިނެޓެއްފަހުން ކާމިޔާބުކޮށްދިނީ އަބްދުﷲ ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނޭވާ ޖާނީ ގެ އިބްރާހިމް ނިޔާޒެވެ.
ގްރޫޕް ބީ ގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލޭންޑް ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީ ޝެވަލް ބްލެންކް ރަންދެލި 2-1 އިން ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޝެވަލް ބްލެންކެވެ. ފުރަތަމަ ހާފުގެ އެންމެ ފަހުކޮޅު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝާދު މުހައްމަދެވެ. މެޗުން ވެލާ މޮޅުވީ ދެވަނަ ހާފުގައި ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑާއެކު އެވެ. ފުރަތަމަ ލަނޑު އިބްރާހިމް ނަޖާހު ކާމިޔާބުކުރި އިރު މެޗުން އެ ޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ކިރަމް އަބްދުލް ސައްތާރެވެ.
ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭނީ ނޮކައުޓް މެޗެވެ. މި މެޗު ކާމިޔާބުކުރާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިގެންދާނެއެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.